އާސެނަލްއިން ޔުނައިޓެޑް ބަލިކުރިއިރު، ޗެލްސީއަށް މޮޅެއް ނުވެވުނު
އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު، އާސެނަލްއިން ކާމިޔާބު ކުރިއިރު ޗެލްސީއަށް ކްރިސްޓަލް ޕެލަސް ކައިރިން ކުރި ހޯދޭގޮތެއް ނުވިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. އާ ސީޒަނަށް ގިނަ ބަދަލު ތަކެއް ގެނެސްފައިވާ ޔުނައިޓެޑުން މި މެޗު ފެށީ ވަރަށް ފޯރިއާއެކުއެވެ. އަދި އެ ޓީމަށް މި ސީޒަންގައި އަލަށް ގުޅުނު ދެ ފޯވަޑުން ކަމަށްވާ މެތިއުސް ކޫންޔާއާއި ބްރަޔަން އެމްބެއުމޯ ފެނުނީ އާސެނަލްއަށް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. އެހެންނަމަވެސް މި މެޗުގެ ހަމައެކަނި ލަނޑު ޖަހާ މެޗުގެ ލީޑު ނަގަފައިވަނީ އާސެނަލްއިންނެވެ. އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ބީބީސީ ސްޕޯޓްސް ސެޓް ޕީސް ތަކުގައި ލަނޑު ޖެހުމަށް ކުޅަދާނަ އާސެނަލްއިން މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ލިބުނު ކޯނަރަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑާ ރިކާޑޯ ކަލަފިއޯރީއެވެ. މި ލަނޑާއެކު މެޗުގެ ކޮންޓްރޯލް އާސެނަލްއިން ނެގިތަން ފެނިގެންދިޔައެވެ. އަދި އެ ޓީމުގެ ކުޅުން ރަނގަޅުވެ، ޔުނައިޓެޑަށް ނުރައްކާ ކުރަމުންދިޔަތަން ފެނުނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި މެޗުގެ ދެވަނަ ހާފުގައި ބޮޑަށް ފެނިގެންދިޔައީ ޔުނައިޓެޑުން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ މަންޒަރެވެ. އަދި އާސެނަލްއިން ޑިފެންސަށް ބޮޑަށް އިސްކަންދީ، ލިބޭ ފުރުސަތަކުގައި ލަނޑު ޖެހޭތޯ މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް މި މެޗުގައި އާސެނަލްގެ ޑިފެންސް ފޫއަޅުވާލުމުގައި ޔުނައިޓެޑަށް ކުރި ލިބޭގޮތެއް ނުވިއެވެ. މި މުބާރާތުގައި ޗެލްސީއާއި ޕެލަސް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީއާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް ފީފާ ކްލަބް ވޯލްޑް ކަޕް ވަރަށް ފަހުން ކާމިޔާބުކުރި ޗެލްސީއިން މި މެޗު ފެށުމުގެ ކުރިންވަނީ އެ ޓީމުގެ ކާމިޔާބީ ސަޕޯޓަރުންނާއެކު ފާހަގަކޮށްފައެވެ. ނަމަވެސް ކްލަބް ވޯލްޑް ކަޕްގައި ފެނިގެންދިޔަ ކުޅުމާއި ގާތްކުރާވަރުގެ ކުޅުމެއްވެސް މި މެޗުގައި ޗެލްސީގެ ފަރާތުން ފެންނަ ގޮތެއް ނުވިއެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި ޕެލަސްއަށް ލިބުނު ހިލޭ ޖެހުމަކުން އެބެރެޗީ އެޒޭ އެޓީމަށް ލީޑު ނަގައިދެވުނު ކަމަށް ހީކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެލަނޑު ވަނީ ބަލައި ނުގެންފައެވެ. މި މެޗުގައި ޗެލްސީގެ ކުޅުން ބޮޑަށް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ނަމަވެސް އެ ޓީމަށް މި މެޗުގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޗެލްސީގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ކްލަބް ވޯލްޑް ކަޕަށް ފަހު ޕްރީ ސީޒަންގެ ފަރިތަކުރުންތައް ޗެލްސީއަށް ފެށުން ލަސްވުމެވެ. މީގެއިތުރުން ނޮޓިންހަމް ފޮރެސްޓްއާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފޮރެސްޓްއެވެ. މި މެޗުގައި ފޮރެސްޓްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސް ވުޑްއެވެ. އަދި ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑޭން އެންޑޯޔޭއެވެ. އަދި ބްރެންޓްފަޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އީގޯ ތިއާގޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ