އަތޮޅުތަކުން އަންނަ ލޯންޗުތައް ކައިރިކުރާ ސަރަހައްދުގެ މަގު ހަދަން 57 ދުވަހަށް ބަންދުކުރަނީ

މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްކުރުމުގެ ގޮތުން ޖުމްހޫރީ މައިދާން ކައިރިން ފެށިގެން މަރުކަޒީ ބޭންކު، އެމްއެމްއޭ ކައިރިން މަގުގެ އެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އޮޑިދޯނިފަހަރު އަޅާފައި އޮންނަ ފަޅު 57 ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ. ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކައުންސިލުން ވަނީ މައާފަށް އެދިފައެވެ. ބަންދުކޮށްފައިވާ ސަރަހައްދު އަންގައިދޭ ޗާޓު ކައުންސިލުން ވަނީ ބަންދުކުރާ ސަރަހައްދު އެނގޭނެ ގޮތުގެ ޗާޓެއް އާއްމުކޮށްފައެވެ. އެ ޗާޓުން ދައްކާ ގޮތުގައި ޖުމްހޫރީ މައިދާން ކައިރިން ފެށިގެން މަރުކަޒީ ބޭންކު، އެމްއެމްއޭ ކައިރިން މަގުގެ އެއްފަޅި ބަންދުކުރާނެއެވެ. އަދި ރީނދޫ ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދަކީ ހަމައެކަނި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ބަންދުކުރާގޮތަށް ކަނޑައަޅާފައިވާ ސަރައްދެކެވެ. އޭގެ އިތުރަށް އެމްއެމްއޭ ކައިރީ އޮންނަ ފަޅު ވެސް ބަންދުކުރެއެވެ. އެ ފަޅަކީ ގިނަ އަދަދެއްގެ ދޯނިފަހަރު ކޮންމެ ދުވަހަކުވެސް އަޅާ ސަރަހައްދެކެވެ. މާލެ ކައިރި ރަށްތަކުން އަންނަ މީހުން ގޮވައިގެން އަންނަ ފެރީތައް ވެސް ގިނަ އަދަދަކަށް އެތަނަށް ގާތްކުރެއެވެ. https://sun.mv/210039 އެއީ އެހާ ގިނަ އަދަދެއްގެ ދޯނިފަހަރު ދަތުރުވެރީންނާއެކު ލަފައިފުރާ ސަރަހަދައްކަށްވުމުންނާއި މާރުކޭޓަކީ ވެސް ބައިބޯވާ ތަނަކަށްވުމުން، އެ ސަރަހައްދުގައި އާންމުކޮށް ވެސް ޓްރެފިކް ތޮއްޖެހެއެވެ. މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން ރަށުގެ ވަށައިގެންފައިވާ ބައެއް ހިސާބުތަކުގައި ތާރު އަޅައިފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ. މާލޭގެ އިތުރު މައި މަގެއް ކަމަށްވާ އަމީނީ މަގުގައި ދުއްވުން ފަސޭހަ ކުރުމުގެ ގޮތުން ޒަމާނީ ފެންވަރަކަށް ހަދައި ނިންމީ މިދިޔަ އަހަރު ކަމުގައިވީ ނަމަވެސް، އެ ތާރުގަނޑުގައި 'މުލިހިތަކެއް' ފަދަ, ތަންގަނޑުގަނޑު އުފެދި، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ނުރައްކަލަކަށްވެފައިވާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ