އައު ސީޒަނަށް އޮޑިއާއި ބުރުން ފަރިތަކުރުންތައް ފަށައިފި
އަންނަ މަހު ފެށުމަށް ތައްޔާރުވާ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބުރު ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ. މި ދެ ޓީމުންވެސް ފަރިތަކުރުންތައް ފަށާފައިވަނީ އިއްޔެއެވެ. މާފަންނު ޓާފް ސްޓޭޑިއަމުގައި ދެ ޓީމުންވެސް ފަރިތަކުރުންތައް ފެށީ ވަރުގަދަ ސްކޮޑަކާއެކުއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އައު އެކްސްކޯގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އޭގެ ދެ ދުވަސްފަހުން ދިވެހި ޕްރިމިއާ ލީގު ފަށާނެއެވެ. އޮޑި ސްޕޯޓްސްގެ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ/ އޮޑި މިއީ އޮޑި ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމު ވަނީ ދާދިފަހުން ބޭއްވި ލީގު ކަޕުގައިވެސް ކުޅެފައެވެ. އެ މުބާރާތުގެ ފައިނަލުން އޮޑި ބަލިވީ މާޒިޔާ އަތުންނެވެ. އެންމެ ފަހުން ބުރު ސްޕޯޓްސް ކުލަބުން ފަރިތަކުރުންތަކެއް ބޭއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އޭގެފަހުން އެންމެ އެކަށީގެންވާ ގޮތަކަށް ފަރިތަކުރުންތައް ކުރިއަށްނުދިޔައީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އޮތް ގޮތުންނެވެ. އައު ސީޒަނަށް ތައްޔާރުވާ ބުރު ސްޕޯޓްސް ކުލަބުގެ ކޯޗަކީ މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ. މީގެ އިތުރުން ބުރު ޓީމުގައި ފުރަތަމަ ޑިވިޝަނުގައި މީގެކުރިން ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެއެވެ. ދިވެހި ޕްރިމިއާ ލީގު ކުޅުމަށް ތާވަލުކޮށްފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުމްލަ 90 މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ލިބޭނެއެވެ. އަދި ފުލުގައި އޮންނަ ދެ ޓީމު ރީޖަނަލް ލީގު މުބާރާތަށް ރެލިގޭޓުވާނެއެވެ. ނުވަތަ މިއީ ދެވަނަ ޑިވިޝަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ