ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަނު ކުރަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާގެ ކުރީގެ އަނބިކަނބަލުން ކަމަށްވާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އާމިނަތު ހުސައިން ޝަރީފަށް ގެވެށި އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް އާމިނަތު މިއަދު ދޮގުކުރައްވައިފި އެވެ.
ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ތޯހާގެ މައްޗަށް ކުރެވިފައިވާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އަދަދު އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާމިނަތު ވިދާޅުވީ އެ ދެ ބޭފުޅުން ކައިވެނިކޮށްގެން އުޅުއްވި ދުވަސްވަރު ތޯހާގެ ފަރާތުން އެއްވެސް އަނިޔާއެއް ކުރިމަތިވެފައި ނެތް ކަމަށެވެ.
"ތޯހާގެ ފަރާތުން އަޅުގަނޑަށް އަނިޔާއެއް ކުރިމަތިވެފައެއް ނުވޭ. އަދި ވަރިވާން މެދުވެރިވީ އެފަދަ ސަބަބަކާ ހުރެގެންނެއް ނޫން،" އާމިނަތު ވިދާޅުވި އެވެ.
އާމިނަތު ވިދާޅުވީ ތޯހާއާ ވަރިވިއިރު އޭނާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ގެވެށި އަނިޔާއާ ބެހޭ ކޭސް ބަލަހައްޓާ އިސް މީހެއްގެ ގޮތުގައި ކަމަށާއި އަނިޔާކުރިނަމަ އެ މަގާމުގައި ހުންނަވައިގެން ރިޕޯޓުކުރާ ފުރަތަމަ މީހާއަށް ވާނެ ކަމަށެވެ.
"ވަރިވިއިރު އަޅުގަނޑުހުރީ ޖެންޑާ މިނިސްޓްރީގެ ގެވެެށި އަނިޔާއާއި ބެހޭ ކޭސް ބަލަހައްޓާ އިސްމީހެއްގެ ގޮތުގައި. އަނިޔާކުރިނަމަ އެމަޤާމުގައި ހުރެގެން ރިޕޯޓްކުރާ ފުރަތަމަމީހާއަށް އަޅުގަނޑު ވާނެ ހަމަ ޔަގީނުންވެސް،" އޭނާ ވިދާޅުވި އެވެ.
އާމިނަތު ވިދާޅުވީ ތޯހާ އާއި އޭނާ ވަރިވިތާ ނުވަ އަހަރު ފަހުން ގެވެށި އަނިޔާ ކުރި ކަމަށް ބުނެ ވާހަކަތައް ފެތުރުނީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެދެނީ ތޯހާއަށް ރަނގަޅު ގޮތް މެދުވެރިވުން ކަމަށެވެ.
ތޯހާއަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އޭނާއާ އިއްޔެ ކުރި އިންޓަވިއުގަ އެވެ.
އެ އިންޓަވިއުގައި ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ފަޒީލް އަދި މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ރިފާއު ވަނީ އާންމުންގެ ފަރާތުން ތޯހާއާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ ޝަކުވާތަކެއް ލިބިފައިވާތީ އެކަމާ ގުޅޭ ސުވާލުތައް ކުރިމަތިކޮށްފަ އެވެ.
އިންޓަވިއުގައި ތޯހާ ވިދާޅުވީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް މިހާތަނަށް ކުރިމަތިވެގެން އެއްވެސް އިދާރާއަކަށް އޭނާ ހާޒިރުކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އެއްވެސް އިދާރާއަކަށް ވެސް ހާޒިރު ކުރައްވާފައެއް ނުވޭ. އަޅުގަނޑަށް އެނގިގެނެއް އެކަހަލަ މައްސަލައެއް ދިމާވެފައެއް ނެތް،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް އޭނާގެ އަށް އަހަރުގެ ކައިވެނީގައި ދިމާ ނުވާ ކަމަށެވެ. ނަމަވެސް ކައިވެނި ރޫޅުނުތާ އަހަރުތަކެއް ފަހުން އެކަހަލަ އަޑުތަކެއް ފެތުރުނު ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ތޯހާގެ ނަން ދިރާސާ ކުރިއިރު އޭނާއަށް 75 އަށްވުރެ ގިނައިން މާކްސް ލިބިފައި ނުވާތީ އެ ނަން ފާސްކުރަން ތަޅުމަކަށް ނުފޮނުވޭނެ އެވެ.
ނަމަވެސް އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރަން މުއިއްޒު ހުށަހެޅުއްވި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުއަށް 75 އަށްވުރެ މަތިން މާކްސް ލިބުމާއެކު އޭނާ އެޗްއާރްސީއެމަށް އައްޔަން ކުރަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް މޫމިިނާ ވަހީދު އަދި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވާނެ އެވެ. އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ދެ ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލި އެވެ.
ތޯހާގެ މައްޗަށް ކުރި ގެވެށި އަނިޔާގެ ތުހުމަތު ކުރީގެ އަނބިކަނބަލުން ދޮގުކޮށްފި ތޯހާގެ މައްޗަށް ކުރި ގެވެށި އަނިޔާގެ ތުހުމަތު ކުރީގެ އަނބިކަނބަލުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ