އޭނާގެވެސް އަމިއްލަ އެދުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ އެދުންތައް, އެމްޑީޕީގެ އަމިއްލަ އެދުންތަކާ ތަފާތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ މައި ޖަގަހަ, މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމު ވަނީ އެމްޑީޕީ އަށާއި ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ގާސިމު ވިދާޅުވީ, ބަރުލަމާނީ އަކީ ދަންތުރައެއް ކަމަށާއި އެކަމުގައި ޖެހެން ހެޔޮނުވާނެ ކަމަށެވެ. އަދި އެކަން ކުރަނީ ގައުމަށް ހެޔޮ އެދިގެން ނޫން ކަމަށާއި އެއީ އަމިއްލަ އެދުމުން ފޯވެގެން ތިބެ ކުރާ ކަމެއް ކަމަށްވެސް ބުންޏެވެ.
”އަޅުގަނޑުވެސް ކުރަނީ އަމިއްލަ އެދުމުން ފޯވެގެން, ނަމަވެސް އަޅުގަނޑުގެ އަމިއްލަ އެދުމާއި އެ އެދުމާ ތަފާތޭ. އަޅުގަނޑުގެ އަމިއްލަ އެދުން މިއޮތީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ތަރައްގީވެ ތަހުޒީބުވެ ކުރިއަރައިގެން އަންނައިރު, މި ގައުމަށް އަރުވަންޔާ އަޅުގަނޑަށްވެސް ފައިދާއެއް ލިބޭނެތާ,“ ގާސިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވިސްނުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ ހެއްލުމަކާއި ގެއްލުމެއް އޮތް މަންފާ ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވަކި މީހަކު ވެރިކަމަށް ގެންނަން ގާނޫނުއަސާސީ ބަދަލުކުރަން އުޅުމުން އެކަމަށް ތާއީދު ކުރާނީ މޮޔައިން ކަމަށް ވިދާޅުވި އެވެ.
”ވަކި މީހަކު ވެރިކަމަށް ގެންނަން ގާނޫނުއަސާސީ ބަދަލުކުރަން, ވަކި ބަޔަކު ބޭނުންވީމާ ދީން ބަދަލުކޮށްގެންވެސް މިތަނުގައި ވެރިކަން ކުރަން އެއަށް އަންބާ ކިޔާފައި އަތްތިލަބަޑި ޖަހާނީ ބުއްދި ސަލާމަތުން ހުރި މީހެއްތޯ ނުވަތަ މޮޔައެއްތޯ. އެއަށް ޖަވާބު ދިނީމަ ނިމުނީ,“ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ގާސިމު ވިދާޅުވި އެވެ.
އަޅުގަނޑުގެވެސް އަމިއްލަ އެދުންތަކެއް އެބަހުރި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ