ސީލައިފް ފްލެޓުގެ މައްސަލަ: ލަނޑު ލިބުނު މީހަކަށް ބަދަލުގައި ފްލެޓެއް ނުލިބުނު!

ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ފްލެޓު ގަތް ފަރާތަތަކަށް ބަދަލުގެ ގޮތުގައި ރިފަންޑާއެކު ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓު ދިން އުސޫލުން ފްލެޓު ހޯދަން މީހަކު ސީލައިފް ކުންފުންޏާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީގެ މައްޗަށް އުފުލި ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ސީލައިފްގެ ފެލްޓެއް ގަންނަން ށ. ކަނޑިތީމަށް ނިިސްތަބްވާ މީހަކު ބުކިން ފީއަށް 50،000 ރުފިޔާ ދައްކާފައި ވަނިކޮށް، އެ ފްލެޓުތައް ދޫކުރުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލަ ފަޅާއެރުމުން، އެކަމުން ގެއްލުންވި މީހުންނަށް ބަދަލެއްގެ ގޮތުގައި ހިޔާ ފްލެޓާއި ވިނަރެސް ފްލެޓު ދީފައިވާއިރު، އޭނާއަށް އެއިން ފްލެޓެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެޗްޑީސީން ނިންމާފައިވާތީ އޭނާ އެޗްޑީސީއާ ދެކޮޅަށް ދައުވާކުރި މައްސަލައެކެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހައުސިން މިނިސްޓްރީ އާއި، އެޗްޑީސީ އަދި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށެވެ.
އެ މީހާގެ ފަރާތުން ހުށަހެޅި ދައުވާގައި އެދިފައިވަނީ، ސީލައިފުން ފްލެޓު ގަތް އެހެން މީހުންނެކޭ އެއްގޮތަށް އޭނާއަށް ވެސް ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ދިނުމަށް ހައުސިން މިނިސްޓްރީ އާއި އެޗްޑީސީއަށް އެންގުމަށެވެ. އެ ދައުވާގައި އެ މީހާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސީލައިފުން ފްލެޓު ގަތް މީހުންނަށް ބަދަލު ދިން ސިވިލް ކޯޓުގެ 2019 ވަނަ އަހަރުގެ 183 ވަނަ ގަޒިއްޔާއިން ސީލައިފްގެ ފްލެޓުތައް ގަންނަން ފައިސާ ދެއްކި 203 ފަރާތަކަށް ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމުތަކުން ފެލްޓުތައް ދީފައިވާ ކަމަށެވެ. އަދި އޭނާ އަކީ ވެސް ސީލައިފުން ފްލެޓު ގަތް، އެ ގަޒިއްޔާގައި ދައުވާކުރި 203 ފަރާތާ އެއް ހާލަތެއްގައި ހުރި މީހެއް ކަމަށް މި މައްސަލައިގެ ދައުވާގައި ބުނެފައިވެއެވެ.
ނަމަވެސް، ހައުސިން މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ އެ 203 މީހުންގެ މައްސަލަ ނިންމި ގަޒިއްޔާގެ ނިންމުމާ އެއްގޮތަށް އެޗްޑީސީން އެ ފަރާތްތަކާއެކު ސެޓަލްމަންޓް އެއްބަސްވުމެއްގައި 15 ޖުލައި 2019ގައި ސޮއިކޮށް އެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާކުރި މީހާއަކީ ސިވިލް ކޯޓުގެ ކުރީގެ ގަޒިއްޔާގައި ހިމެނޭ ހަސްމަކަށް ނުވާތީ އެ ގަޒިއްޔާއިން ހުށަހެޅި ހުސޫމާތް ހައްލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ބައިވެރިއެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން، އެ މައްސަލައިން އުފެދިފައިވާ އިލްތިޒާމްތަކާ ގުޅިގެން ދައުވާކުރުމުގެ ހައިސިއްޔަތު އޭނާއަށް ލިބިގެންނުވާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން، ހައުސިން މިނިސްޓްރީން އަދާކުރަންޖެހޭ ޒިންމާއެއް ވާނަމަ އެ ޒިންމާއެއް ބުނެދޭން ޖެހޭއިރު، ދައުވާގައި އެ ޒިންމާއެއް ބަޔާންކޮށްފައި ނެތް ކަމަށް  ފާހަގަކޮށްފައިވެއެވެ. އެގޮތުން، ދައުވާއާ ގުޅޭ މުއާމަލާތް ހިންގާފައިވަނީ ދައުވާކުރި ފަރާތާއި ސީލައިފް ގްލޯބަލްއާ ދެމެދު ކަމަށް ވާއިރު، އެފަދަ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ވަކި ފަރާތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އޮންނަ ޒިންމާއާ ގުޅިގެން ހިންގާ މަޝްރޫއުތަކުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކާއި ފްލެޓުތައް، ޝަރުއީ ކޯޓުތަކުން ނަގައިދެވޭނެ ފަރުވާއެއްގެ ގޮތުގައި ވަކި ފަރާތަކަށް އެފަދަ ފްލެޓެއް ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އެޗްޑީސީން ބުނެފައިވަނީ، ސީލައިފުން ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ސިވިލް ކޯޓުގެ 2019 ވަނަ އަހަރުގެ 183 ވަނަ ގަޒިއްޔާގައި ނުހިމެނޭ ފަރާތްތަކަށް ބަދަލު ހޯދުމަށް ސީލައިފުން ފްލެޓު ގަތުމަށް ހެދި އެއްބަސްވުމުގެ ކޮޕީއާއި ފައިސާ ދެއްކިކަމުގެ ރަސީދާއި އައިޑީކާޑު ހުށަހަޅަން ހުވާލައި ނޫސްބަޔާނެއް ނެރުނު ކަމަށެވެ. އަދި އެ ފުރުސަތުގައި ދައުވާ ލިބޭ ފަރާތުން ހުށަހެޅީ ހަމައެކަނި އެއްބަސްވުމާއި އައިޑީކާޑު ކޮޕީ ކަމަށާއި ރަސީދު ހުށަނާޅާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެހެންކަމުން، އެޗްޑީސީން ހުޅުވާލި ފުރުސަތުގައި ލިޔެކިޔުން ހުށަހަޅާފައިނުވާތީ ރިފަންޑު ފައިސާ އެ މީހާއަށް ދޫކޮށްފައިނުވާނެ ކަމަށާއި، އޭނާއަށް އެ ފައިސާ އަދި ބަދަލުގައި ސަރުކާރުގެ ސްކީމަކުން ފްލެޓެއް ދޭން ޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އިހްތިސާސާ މެދު ސުވާލު އުދައްދައި ދައުލަތުން ހުށަހެޅި ނުކުތާއާ ގުޅިގެން ދައުވާކުރި ފަރާތުން ފާހަގަކުރީ ހައުސިން މިނިސްޓްރީއަކީ ސިވިލް ކޯޓުގެ ކުރީގެ ގަޒިއްޔާގެ ބައިވެރިއަކަށް ނުވިނަމަވެސް، އެ މިނިސްޓްރީއަކީ ދައުލަތުގެ ބޯހިޔާވަހިކަމާ ގުޅޭ އެންމެހާ މަޝްރޫއުތަކުގެ ބެލެނިވެރި ފަރާތްކަން އެ މިނިސްޓްރީގެ މެންޑޭޓުން އެނގޭ ކަމެވެ. އަދި ސީލައިފުން ފްލެޓު ގަތް ފަރާތްތަކަށް ބަދަލެއްގެ ގޮތުގައި ފްލެޓު ގަތުމުގެ ފުރުސަތު ދީފައިވަނީ ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުން ކަމާއި އެ ފްލެޓުތަކަކީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެޗްޑީސީން ވިއްކާފައިވާ ފްލެޓުތަކެއްކަން ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ދައުވާކުރާ ފަރާތަކީ ސިވިލް ކޯޓުގެ 2019 ވަނަ އަހަރުގެ 183 ވަނަ ގަޒިއްޔާގައި ހިމެނޭ ހަސްމެއް ކަމަށް އެއްވެސް އިރެއްގައި ބުނެފައިނުވާނެ ކަމަށާއި، ދައުވާގައި އެދިފައިވަނީ، އެ މައްސަލައިގައި ދައުވާކުރި ފަރާތްތަކާ އެއް ހާލަތެއްގައި ހުރުމުން އެ މައްސަލައިގައި ދީފައިވާ ފަދަ ފަރުވާއެއް ދިނުމަށް ކަމަށް ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ 2019 ވަނަ އަހަރުގެ 183 ވަނަ ގަޒިއްޔާ ރައްދުވީ އިކޮނޮމިކް މިނިސްޓްރީ އާއި އެޗްޑީސީ އަށެވެ. ސެޓަލްމެންޓް އެގްރީމަންޓުގެ ހަސްމުންގެ ގޮތުގައި ތިބީ ވެސް ދައުވާކުރި 203 މީހުންނާއި އިކޮނޮމިކް މިނިސްޓްރީ އަދި އެޗްޑީސީއެވެ. އެހެންކަމުން، އެ މައްސަލައާ ގުޅުވައިގެން ދައުވާކޮށްފައިވާއިރު، މި މައްސަލައިގައި ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ މައްޗަށް ދައުވާކޮށްފައިވާތީ، ސިވިލް ކޯޓުން އިއްޔެ ނިންމާފައިވަނީ، ހައުސިން މިނިސްޓްރީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތެއްގެ ގޮތުގައި ހިމަނައިގެން ކުރިއަށް ގެންދިޔުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާ ކަމަށެވެ.
އޭގެ އިތުރުން، ސީލައިފުން ފްލެޓު ލިބުނު މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެޗްޑީސީން ހުޅުވާލި ފުރުސަތުގައި ދައުވާކުރި ފަރާތުން އެކަމަށް އެދި ހުށަހެޅިނަމަވެސް، އޭނާއަށް ފުރުސަތު ލިބިފައިނުވަނީ ހުށަހަޅަންޖެހޭ ލިޔުންތައް މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާތީކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެޗްޑީސީގެ މައްޗަށް ދައުވާ ހުށަހަޅާފައިވާ ގޮތަށް ދައުވާ ސާބިތުވާން ނެތް ކަމަށާއި، ދައުވާކުރި ފަރާތުން އެދުނުު ފަރުވާއަކީ ވަކިވަކި ފަރާތްތަކުގެ މައްޗަށް ވަކިވަކިން ސާބިތުކޮށް، ދައުވާ ލިބޭ އެންމެހާ ފަރާތްތަކުގެ ކިބައިން ޖުމްލަކޮށް ނަގައިދިނުމަށް އެދިފައިވާ ފަރުވާއަކަށް ވާތީ، ހަމައެކަނި ސީލައިފްގެ މައްޗަށް މި މައްސަލަ ކުރިއަށް ގެންދެވިދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވެއެވެ.
އެހެންކަމުން މި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދެވެން ނެތް ކަމަށް މައްސަލަ ބެެއްލެވި ގާޒީ މުހައްމަދު އީސާފުޅު އިއްޔެ ހުކުމްކުރައްވާފައިވެއެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ އެމްޑީ އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން އުފުލި ނަމަވެސް، އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އޭޕްރިލް މަހު ހުކުމްކޮށްފައެވެ. ދައުލަތުގެ ފަރާތުން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ