ފުލުހުންގެ އެހީތެރިކަމާއެކު މިރޭ ހ.ތެމާގައި ހުންނަ ޕީޕީއެމްގެ މައި އޮފީސް ހުޅުވުމާއެކު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދުކުރައްވާ ފަރާތްތަކުން ފުލުހަށް ގޮސްފި އެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށް، އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. ނަމަވެސް ޕާޓީގެ މައި އޮފީސް ރައީސް ޔާމީނަށް ހަވާލުކުރުމަށް މައުމޫން ގެންދަވަނީ ދެކޮޅު ހައްދަވައި ކޯޓު ހުކުމަށް ގޮންޖައްސަވަމުންނެވެ.
އޮފީހުގެ ދޮރުގައި ހަރުކޮށްފައިވާ ތަޅު ނައްޓާލައި އޮފީސް ތެރެއަށް ރައީސް ޔާމީނަށް ތާއިދުކުރައްވާ ބޭފުޅުން ވަދެފައިވާއިރު، އޮފީސް ތެރެއިން ގިނަ އަދަދެއްގެ ލިޔެކިޔުންތައް ވެސް ވަނީ ނެރަފަ އެވެ. އަދި އެތަނުގައި ހުރި ބައެއް ފަރުނީޗަރު ފަދަތަކެތި ޕިކަޕްތަކަށް އަރުވައިގެން ވަނީ އެތަނުން އެހެން ތަނަކަށް ގެންދަން ފަށައިފަ އެވެ. ފުލުހުން ބުނެފައިވަނީ އެ އޮފީސް ހުޅުވަން ހުއްދަދީފައިވަނީ ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ކަމަށެވެ.
އޮފީސް ހުޅުވަން ހުއްދަދިން މައްސަލާގައި މައުމޫނަށް ތާއިދުކުރައްވާ އެ ޕާޓީގެ ކައުންސިލް މެންބަރު އައިމިނަތު ނާދިރާ ވަނީ ފުލުހަށް ގޮސްފަ އެވެ. މި މައްސަލާގައި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މިރޭ ވިދާޅުވީ، އެ އޮފީހަކީ ޕީޕީއެމްއާއެކު އެއްބަސްވުމެއް ހަދާފައިވާ އޮފީހެއް ނޫން ކަމަށެވެ. އެއީ މައުމޫންއާއި އެ ގޭ ވެރިމީހާއާ ދެމެދު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގައި ހިންގަމުން އަންނަ އޮފީހެއް ކަމަށެވެ. އެހެންކަމުން އެ އޮފީހަށް ޕީޕީއެމްގެ އޮފީހެއް ކަމަށް ބުނެ ނުދެވޭނެ ކަމަށެވެ. އެހެން ނަމަވެސް މައުމޫން އަމިއްލަފުޅަށް އެކުލަވާލައްވައިގެން އުޅުއްވާ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދަނީ އެ އިމާރާތުގެ ތެރޭގަ އެވެ. އަދި އެއީ އެ ޕާޓީގެ އޮފީސް ކަމަށް މައުމޫން ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެ އެހެން ތަންތަނުގައި ޕީޕީއެމްގެ މަސައްކަތްތައް ކުރާތީ ނުރުހުން ފާޅުކުރައްވައިފަ އެވެ.
ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ، ކޯޓުގެ ހުކުމުގައިވާ ގޮތުން ޕީޕީއެމް އޮފީސް ހިންގަން ޖެހޭނީ ރައީސް ޔާމީނެވެ. ހުކުމް އެގޮތަށް އޮތްވާ އެހެން ބޭފުޅަކަށް ޕާޓީގެ އޮފީސް ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އޮފީސް ހުޅުވުމުން މައުމޫން ފަޅިން ފުލުހަށް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ