ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ – ވާން މިއުޅެނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އިންތިޙާބު ކައިރިވަމުން އަންނައިރު މިއީ ސިޔާސީ ވާދަވެރިކަން ނިކަން ގަދައަށް ފެނިގެން ދާނެ އިންތިޙާބެއްކަން ޔަގީނެވެ. އިންތިޙާބުގެ ކުރިން ޕާޓީތަކުގެ ޕްރައިމަރީ އާއި ހިސާބުން ވެސް ސިޔާސީ ފޯރި އެބަފެނެއެވެ. އިދިކޮޅު އެއްވެސް ޕާޓީ އަކުން ޕްރައިމަތީގެ ވާހަކަ ނުދައްކާތީ އެކަން އޮތީ މައްސަލައަކަށް ވެފައެވެ. އަނެއްކޮޅުން ޕްރައިމަރީއެއް ބާއްވަން ހަމައެކަނި ނިންމި ޕީޕީއެމްގެ ޕްރައިމަރީގެ ފޯރި ވެސް މިއަންނަނީ ގަދަވަމުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވުމާއި އެކު އެގޮނޑިއަށް ފުރަތަމަ ޝައުގުވެރިކަން ފާޅުކުރި މ.އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ވާދަވެރިކަން ބޮޑުވެފައިވާކަމަށް ވެއެވެ. ހަތަރު ބޭފުޅުން އިންތިޙާބުގައި ވާދަކުރެއްވި ނަމަވެސް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު މިއީ މޫސާ ނަސީރު އާއި ފާރިސް މައުމޫންގެ ކުރިމަތިލެއްވުމެކެވެ.
މޫސާ ނަސީރު އަކީ މ.އަތޮޅުގައި މަޤުބޫލް ބޭފުޅެކެވެ. ކައުންސިލް މެންބަރުކަމަށް އޭނާ އިންތިޙާބުވެ ވަޑައިގެންނެވީ ރައްޔިތުންގެ އެންމެ ގިނަ ވޯޓް ހޯއްދަވައިގެން އެއްވަނަ ކެންޑިޑޭޓްގެ ގޮތުގައެވެ. އޭނާ އަކީ ޕީޕީއެމް އުފެދުނީއްސުރެ މ.އަތޮޅުގައި ހިންގާ އެޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިޙާބުގައި މ.އަތޮޅު ޕީޕީއެމް ކެމްޕޭން މެނޭޖަރުކަން ކުރެއްވެވިއެވެ. މ.އަތޮޅުގެ މެޖޯރިޓީ ރިޔާސީ އިންތިޙާބުގެ ތިން ބުރުގައި ރައީސް ޔާމީން އަށް ލިބުމުގައި މޫސާ ނަސީރުގެ ހިއްސާ އާއި އޭނާގެ މަސައްކަތް ގައިމުވެސް މުހިންމު ދައުރެއް އަދާކުރައްވާފައި ވާނެއެވެ.
ދެން ހުންނެވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއެވެ. ހަމައެކަނި ކެމްޕޭން ހަރަކާތްތަކުގެ ހަވާސާ އިންނާއި ބައެއް ޖަލްސާގެ އަރިމަތިން ފެންނަ ފާރިސް އަކީ އާންމުންނާއި ރައްޓެހި ބޭފުޅެއް ނޫނެވެ. ސިޔާސީ ޕޯޑިއަމްތަކުން ފާރިސް ނުފެނެއެވެ. ސިޔާސީ މައިދާނުގެ އޮޔާއި ވައިގެ ތެރޭގައި ކިތަންމެ ދަތި ދުވަސްތަކެއް އަމިއްލަފުޅަށް ފާރިސް ތަޖުރިބާ ކުރައްވާފައި ވީނަމަވެސް ފެންނަ ފެނުމަށް ފާރިސް އަކީ އަމަލީ މައިދާނުގައި ހަރަކާތްތައް މަދު ބޭފުޅެކެވެ.
ނަމަވެސް މ.އަތޮޅަކީ ރައީސް މައުމޫން އަށް އަދި ރައީސް ޔާމީން އަށް ތާއިދު ބޮޑު އަތޮޅަކަށް ވާތީ ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރަން ފާރިސް އަށް އޮތް ފުރުސަތުތައް ވެސް ބޮޑެވެ. ރައީސް މައުމޫން އަށް ބައްޕަ ވިދާޅުވާ އަދި ރައީސް ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކަށް ޕީޕީއެމް އާންމު މެންބަރުންގެ ތާއިދު އޮންނާނެއެވެ.
ވޯޓް އޮޅުވާލުމުގެ ތުހުމަތު ތަކަކީ ޕާޓީތަކުގެ އެތެރޭގެ އިންތިޙާބު ތަކާއި ގުޅިގެން އަދިވެސް ވަރަށް ފޯރީގައި ދެކެވޭ ވާހަކަތަކެކެވެ. ޕީޕީއެމްގެ ފުރިހަމަ ކޮންޓްރޯލް ރައީސް މައުމޫން އަށް ތާއިދު ކުރައްވާ ބޭފުޅުންގެ އެބަ އޮތެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ މައްސަލަ ވެސް ކޯޓާއި ހަމައަށް ދާންޖެހުނެވެ.
ޕްރައިމަރީގެ ކެމްޕޭން ތެރޭން ވެސް ފާރިސްގެ ސިޔާސީ ބާރު ޕީޕީއެމްގެ ތެރޭގައި އޮތް މިންވަރު އެބަ ފެނެއެވެ. ޕްރައިމަރީ އަށް ކުރިމަތިލެއްވި އެއް ކެންޑިޑޭޓެއްގެ ނަން ކުއްލި ގޮތަކަށް އަނބުރާ ގެންދިއުމާއި މިހާރު ޕްރައިމަރީގައި ވާދަކުރައްވާ އިމްރާން އިސްމާއީލް ފާރިސް އަށް ކެމްޕޭން ގައި ބައިވެރިވެ ވަޑައިގަންނަވަމުން ދިއުމަކީ މިކަމުގެ ހެއްކެކެވެ.
ޕީޕީއެމްގެ ކައުންސިލްގައި ވެސް ހިމެނި ވަޑައިގަންނަވާ މުހައްމަދު ނަދީމް ވެސް ދަނީ ފާރިސްގެ ކެމްޕޭންގައި ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. ނަދީމް އަކީ ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ. އެހެންކަމުން އާއިލީ ނުފޫޒާއި ސިޔާސީ ބާރުވެރިކަން ބޭނުން ކުރައްވައިގެން ފާރިސް އާއި އެއްކޮޅަށް އިންތިޙާބު އަނބުރާލުމުގެ ގޭމެއް ބަޔަކު ކުޅެފާނެ ހެއްޔެވެ؟
ކޮންމެއަކަސް ސިޔާސީ މައިދާނުގައި މަގާމެއް ނުވަތަ ނުފޫޒެއް ހޯއްދަވަން ސިޔާސީ ލީޑަރަކު ކުޅުއްވާފައި ނުކުޅުއްވާނެ ގޭމެއް ނޯންނާނެއެވެ. ސިޔާސީ ލީޑަރުންގެ ކުރިމަތީގައި ހުންނަ ރާޒުވާ ގޮނޑީގެ ކުޅިބައި އެބޭފުޅުން އަތުރުއްވާ ގޮތާއި އެކުޅުއްވާ ގޮތް އެނގޭނީ ގޭމްގެ ކުޅުން ކޮންމެވެސް ވަރަކަށް ކުރިއަށް ދިއައިމައެވެ. ދިއްގަރު ދާއިރާގެ ރާޒުވާ މެޗްގެ ކުޅުން ވެސް މިދަނީ ކޮން މިސްރާބަކަށް ކަން އެނގޭނީ ޕްރައިމަރީގެ ފޯރި އޭގެ ކުންނާއި ހަމައަށް ވާސިލް ވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ