ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއްވުމުން ދެއްކެވި ވާހަކަފުޅުތައް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮގުކުރައްވައިފި އެވެ.
އުމަރު ވިދާޅުވީ މަޖިލީހުގައި ލުތުފީގެ މައްސަލާގައި އެމަނިކުފާނާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން ހެއްދެވީ އިތުރުފުޅު ކަމަށާއި ލުތުފީ ގެނައުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވީ އެމަނިކުފާނު ކަމަށެވެ.
މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ ނިމިދިޔަ ސަރުކާރަށް ލުތުފީ ނުގެނެވުނީ ހޯމް މިނިސްޓްރީން ނުވަތަ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދޭންޖެހޭ ހުއްދައެއް ނުދީގެން ކަމަށެވެ. އަދި 2014 ވަނަ އަހަރުގެ ތެރޭގައި ލުތުފީ އުޅޭ ތަނުގެ މައުލޫމަތާއި އެނޫންވެސް އެހެނިހެން މައުލޫމާތުތަކެއް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބިފައިވާ ކަމަށެވެ. ލުތުފީ ގެނައުމުގެ މަސައްކަތް ވަރަށް ފަހުގެ މަރުހަލާއަކާ ހަމައަށް ކުރިއަށް ދިޔަ ކަމަށާއި ނަމަވެސް އެމައްސަލަ މަޑުޖެހިފައި އޮތީ ހޯމް މިނިސްޓަރގެ އެޕްރޫވަލްއެއް ނުލިބިގެން ކަމަށް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ލުުތުފީ ރާއްޖެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ލުތުފީ ރާއްޖެ ގެންނަަން ބޭނުންނުވުމުން ކަމަށް މިނިސްޓަރު ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފާވާއިރު، ލަންކާގެ އެމްބަސީގައި ލުތުފީ ހުރިކަން ފަޅާ އަރުވާލާފައިވަނީ އުމަރު ނަސީރެވެ. މީގެ އިތުރުން އުމަރު ވަނީ ލުތުފީ ހޯދި މީހަކަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށްވެސް އެމަނިކުފާނުގެ ހޯމް މިނިސްޓަރު ކަމުގައި ވިދާޅުވެފަ އެވެ.
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއާއި ގުޅިގެން ލުތުފީއަށް ފުރަތަމަ މަރުގެ ހުކުމް ކުރުމަށްފަހު، ފަހުން އެ ހުކުމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ. އަދި 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި އޭނާ ވަނީ ބެސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާފަ އެވެ. އެއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުމަށްފަހު އޭނާ ލަންކާ އެމްބަސީއަށް އަމިއްލައަށް ހާޒިރުވީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.
މިނިސްޓަރު އިމްރާންގެ ވާހަކަތައް އުމަރު ދޮގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ