ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކޭނެ ގޮތެއް ނެތިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފެށުމުން މިއަދުން ފެށިގެން ދަރިވަރުންގެ ވިސާ ފީ ދެއްކުމަށްޓަކައި ކާޑު ލިމިޓު އިތުރުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލްގެ ތަރުޖަމާނު، މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް މީގެ ކުރިން "ކޭޝްބައި ކޭޝް" އަށް ބެލުމަށްފަހު ބޭންކުން ދިޔައީ ލިމިޓު ދެމުން ކަމަށެވެ.
"މި ބޭނުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައިދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން ވަނީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް ވިސާއަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓު ދިނުމަށް ނިންމައިފަ،" ސައީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ އާއި ހެލްތު ސާޗާޖް ދެއްކުމަށް ބީއެމްއެލް ކާޑުގެ ލިމިޓް އިތުރުކޮށްނުދޭތީ، ދަރިވަރުންނަށް ވިސާ ނުލިބި ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެއެވެ. މީގެ ކުރިން ބޭންކުން މިފަދަ ފައިސާ ދެއްކުމަށް ލިމިޓް އިތުރުކޮށްދިން ނަމަވެސް، މިހާރު އެ ޚިދުމަތް މެދުކަނޑާލާފައިވާތީ ސަރުކާރުގެ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ވަނީ ފައިސާ ދެއްކޭނެ ގޮތެއް ނެތިފައެވެ.
ބޭންކުން މި ބަދަލު ގެންނެސްފައި މިވަނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކޭނެ ގޮތެއް ނެތިގެން، ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް އަދަދު ނޫހުން ރިޕޯޓު ކުރުމުންނެވެ.
މި ނޫހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ އިނގިރޭސިވިލާތުގައި ކިޔަވާ ކުދިންގެ ސްޓޫޑެންޓް ވިސާ ސެޕްޓެމްބަރުގެ ކުރިން ހައްދަންޖެހޭ ކަމަށެވެ. ނަމަވެސް، ވިސާ ހެއްދުމަށްޓަކައި ދައްކަންޖެހޭ އައިއެޗްއެސްއަށްވާ ފައިސާގެ އަދަދަކީ ބީއެމްއެލް ކާޑު މެދުވެރިކޮށް ދެއްކޭ އަދަދެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"އަބަދުވެސް އިންނަނީ މެޑިކަލް އިންޝުއަރެންސް އާއި ވިސާ ފީއާ އެއްކޮށް ދައްކަން އެމީހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އެއީ ޔުނިވާސިޓީއަށް ހަދަންޖެހޭ ޕޭމަންޓެއް ނޫން،" އޭނާ ބުންޏެވެ.
އިނގިރޭސިވިލާތުގައި ކިޔަވާ ކުދިންގެ ސްޓޫޑެންޓް ފީ ހެއްދުމަށްޓަކައި ދައްކަންޖެހޭ އައިއެޗްއެސް ޕޭމެންޓަށް 3000 އަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެ އެވެ. އެ ފައިސާ ދެއްކުމަށްޓަކައި މީގެ ކުރިން ކާޑު ލިމިޓު އިތުރުކޮށްދިން ނަމަވެސް، މި އަހަރުގެ ފީ ދެއްކޭނެ ގޮތެއް ނެތިގެން ބީއެމްއެލްގައި އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް އެ ބޭންކުން ބުނި ކަމަށް މި ނޫހަށް މައުލޫމާތު ދިން ބެލެނިވެރިން ބުންޏެވެ.
"މީގެ ކުރިން ބީއެމްއެލްއިން ލިމިޓު އެކްސީޑު ކޮށްދޭ، އެކަމަކު މިފަހަރު ބުނީ ނެތޯ އެކަން ކޮށްދެވޭކަށް، އެމްއެމްއޭއަށް ލިޔެފަޔޯ އޮތީ، އެމްއެމްއޭއިން ޖަވާބެއް އަދި ނުލިބެޔޯ،" އޭނާ ބުންޏެވެ.
ފާޑުކިޔުން އަމާޒުވުމުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ކާޑު ލިިމިޓު އިތުރުކޮށްދޭން ބީއެމްއެލްއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ