ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.
އެގޮތުން 17 އަހަރުންދަށުގެ ސެމީގައި ވާދަކުރާނީ ރެހެންދި ސްކޫލާއި ހިރިޔާ ސްކޫލެވެ. އަދި ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލެވެ. އަދި 15 އަހަރުންދަށުގެ ޖާގަތައް ކަށަވަރުކުރި ޓީމުތަކަކީ ހިރިޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން ރެހެންދި ސްކޫލްއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުތައް އިއްޔެ ކުޅެފައިވާއިރު، ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ 14-12 އިން ކަލާފާން ސްކޫލް ބަލިކުރުމަށްފަހު ޞަލާޙުއްދީން ސްކޫލުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ޞަލާޙުއްދީންގެ ސެންޓަރ އާއިޝަތު ލަހްފާ އައްބާސްއެވެ.
ދެވަނަ މެޗު ކާމިޔާބުކުރީ ހިރިޔާ ސްކޫލުންނެވެ. މިމެޗު ހިރިޔާ ސްކޫލުން ކާމިޔާބުކުރީ 14-04 އިން އަމީނިއްޔާ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ހިރިޔާގެ ޖީޑީ އީނާލް އިނާޒް ޢަބްދުލްވާހިދްއެވެ.
ތިންވަނަ މެޗު ރެހެންދި ސްކޫލުން ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލްއާ ވާދަކޮށް 18-03 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ރެހެންދި ސްކޫލުގެ ޖީޑީ ރަޝަމް ރިޔާޒް ރަޝީދުއެވެ.
ހަތަރުވަނަ މެޗު ޖީއައިއެސްއިން ކާމިޔާބުކުރީ 23-13 ގެ ތަފާތަކުން ހުރަވީ ސްކޫލް ބަލިކޮށްގެންނެވެ. މިމެޗުގެ ސްކޯއަކީ 23-12އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއައިއެސްގެ ޖީއޭ އީޝަލް މުހައްމަދު އަޝްފާގްއެވެ.
ފަސްވަނަ މެޗު ކާމިޔާކުރީ އިސްކަންދަރު ސްކޫލުންނެވެ. މިމެޗު އިސްކަންދަރުން ކާމިޔާބުކުރީ 29-06 ގެ ތަފާތަކުން އަމީނިއްޔާ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އިސްކަންދަރުގެ ޑަބްލިއުއޭ އާއިޝަތު އާލާ ރާބިހްއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކާމިޔާބުކުރީ ޝަހީދް އަލީ ސްކޫލް ބަލިކޮށް، މަޖީދިއްޔާ ސްކޫލުންނެވެ. މިމެޗުގެ ސްކޯއަކީ 25-09 އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަޖީދިއްޔާގެ ޖީއެސް އާއިޝާ މަރްޔަމް އަރްޝަދްއެވެ.
މުބާރާތުގައި މިއަދު އޮންނާނީ ސެމީފައިނަލުގެ މެޗުތަކެވެ. 17 އަހަރުންދަށުގެ ސެމީގައި އެއްކޮޅުން ރެހެންދި ސްކޫލް ވާދަކުރާއިރު، އަނެއްކޮޅުން ނުކުންނާނީ ހިރިޔާ ސްކޫލެވެ. އަދި ދެވަނަ ސެމީގައި ވާދަކުރާނީ އެންމެފަހުގެ ޗެންޕިއަން ޖީއައިއެސްއާއި ކަލާފާން ސްކޫލެވެ.
15 އަހަރުންދަށުގެ ސެމީގައި ވާދަކުރާނީ ހިރިޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ޖީއައިއެސްއާއި ރެހެންދި ސްކޫލެވެ. ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ ފައިނަލް މެޗްގެ ކުޅުން އޮންނާނީ 27 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް: ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ