އަންނަ ސީޒަންގެ ދިވެހި ޕްރެމިއަރ ލީގާ ކުރިމަތިލާއިރު، މިހާރު ގައްދޫގައި މި އޮތް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގދ.ގައްދޫ ޓީމުގެ ކޯޗު، މުޙައްމަދު ނަޒީހު ބުނެފިއެވެ.
ޕްރެމިއަރ ލީގު ކޮލިފިކޭޝަންގެ އެންމެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާ ބައްދަލުކުރި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޒީހު ބުނީ، ޕްރެމިއަރ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާނަމަ ބަދަލު ކުޅުންތެރިންގެ ގޮތުގައި ބޭނުންކުރެވޭނެ ރަނގަޅު ކުޅުންތެރިންތަކެއް ތިބުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ޓީމަށް އެންމެ މަދުވެގެން އާ 6 ކުޅުންތެރިން ގެންނަން ބޭނުންވާކަމަށް ނަޒީހު ބުންޏެވެ.
"ޓީމު މިއަށްވުރެން ވަރުގަދަކުރަންޖެހޭނެކަން އެއީ ޔަގީންކަމެއް. އެއީ ޕްރެމިއަރ ލީގުގައި ކުޅެންޏާމުން ޖެހޭނެ ސަބްސްޓިޓިއުޓުން ގޮތުގަވެސް ބޭރުން އަރާ އެ ބަދަލުތައް ގެނެވޭ ވަރުގެ ކުޅުންތެރިން ތިބެން. އެހެންވީމަ ހަމަ ކުރިންދުވަހުވެސް ބުނިހެން ހައެއްކަ އަށެއްކަ ކުޅުންތެރިންވަރު، އެންމެ މަދުވެގެން 6 ކުޅުންތެރިންވަރު ބޭނުންވާނެ ޕްރެމިއަރ ލީގުގަ ކޮމްޕީޓުކުރަން." ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ، ޓީމު ބިނާކުރަންޖެހޭނީ ރަނގަޅު ވާދައެއް ދިނުމުގެ ވިސްނުމުގައި ކަމަށާއި އެކަން ކުރަން ބޭނުންވާނަމަ، ލީގު ފެށުމުގެ ކުރިން މި ބަދަލުތައް ގެނައުން މުހިންމު ކަމަށެވެ.
ގދ.ގައްދޫ އަކީ އަންނަ ސީޒަންގެ ދިވެހި ޕްރެމިއަރ ލީގުގެ ޖާގައެއް ކަށަވަރުކުރި އެންމެ ފަހު ޓީމެވެ. އެޓީމުން ޖާގަ ކަށަވަރުކޮށްފައި ވަނީ މިހަފްތާގެ އާދީއްތަ ދުވަހު، ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
ސައުތު ރީޖަންގެ ޗެމްޕިއަން ގދ.ގައްދޫގެ އިތުރުން އަންނަ ސީޒަންގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވެފައި ވަނީ، ނޯތު ރީޖަންގެ ޗެމްޕިއަން ހއ.ދިއްދޫ، މިދިޔަ އަހަރުގެ ޑީޕީއެލްގެ 7 ވަނަ ޓީސީ ސްޕޯޓްސް ކްލަބް އަދި މާލޭ ރީޖަން، ނުވަތަ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބެވެ.
ޕްރެމިއަރ ލީގަށް ދާއިރު ޓީމަށް ބަދަލުތަކެއް ގެންނަންޖެހޭ: ނަޒީހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ