ތިލަފުށީގައި ހަދާ މައި ވިޔަފާރި ބަނދަރުގެ މަޝްރޫއުގައި އެމެރިކާއިން ބައިވެރިވަނީ

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއުގައި އެމެރިކާއިން ބައިވެރިވާނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަ ކުރައްވައިފި އެވެ. 
އެކަން ހާމަ ކުރެއްވީ މިވަގުތު ރާއްޖެއަށް ވަޑައިގެން އުޅުއްވާ މެދާއި ދެކުނު އޭޝިއާއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބުގެ ނައިބު، ޕޯލް ކަޕޫރެވެ. 
"މަރުކަޒީ ލޮޖިސްޓިކް އަދި ޑިސްޓްރިބިއުޝަން ހަބަކަށް ތިލަފުށި ޕޯޓު ހެދުމުގެ ތަސައްވުރު ފަހުމްކުރުމަށްޓަކައި އެ ސައިޓަށް މިއަދު ޒިޔާރަތް ކުރިން. ތިލަފުށީ ބަނދަރުގެ މަޝްރޫއުގައި ރާއްޖެއާއެކު މަސައްކަތް ކުރަން އެމެރިކާއިން އޮތީ ތައްޔާރަށް،" އިނގިރޭސިބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އިއްޔެ ވިދާޅުވި އެވެ. 
ޕޯލް ވަނީ އިއްޔެ ރައީސް މުހައްމަދު މުއިއްޒާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ބައްދަލު ކުރައްވައިފަ އެވެ. ޕޯލްގެ މި ޒިޔާރަތުގެ ކުރިން މެއި 20، ގައި ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓު ސެކްރެޓަރީ ނިކޯލް ޗޫލިކް ވަނީ ބަނދަރުގެ މަޝްރޫ ހިނގާ ގޮތް ބައްލަވައިފަ އެވެ.
ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތިލަފުށީގައި ކުރިއަށްގެންދާ ވިޔަފާރި ބަނދަރުގެ މަޝްރޫއުގެ މައުލޫމާތު ސާފުކުރުމަށް އެމެރިކާގެ އިސްވެރިއަކު އެމްޕީއެލްއާ ބައްދަލުކުރައްވައި އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި އެމެރިކާއަށް ބައިވެރިވެވޭނެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ތިލަފުށީ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދަނީ ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލުކޮށްގެންނެވެ.
ނިކޯލްގެ ދަތުރުގައި އޭނާ ވަނީ އެމްޕީއެލްގެ އިސްވެރިންނާ ބައްދަލު ކުރައްވައި، މާލޭ ވިޔަފާރި ބަނދަރު ބައްލަވައިލެއްވުމަށްފަހު ތިލަފުއްޓަށް ވެސް ވަޑައިގެންފަ އެވެ. ރާއްޖޭގެ އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓުތަކުގައި އެމެރިކާއިން ބައިވެރިވުމަށް ޝައުގުވެރިކަން އޮތް ވާހަކަ ވެސް ނިކޯލްގެ ދަތުރުތުގައި ވަނީ ހާމަ ކުރައްވައިފަ އެވެ. 
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އެންޑް ސާވޭގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން (ސީއެޗްއީސީ) އާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. 
އެމްޕީއެލްއިން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް" ގެ ނަން ދީފައިވާ މި ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކަކީ 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމަކާއި އެކްސް-ރޭ ފެސިލިޓީގެ އިތުރުން އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރުމެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި ސީއެޗްއީސީއާ ހަވާލުކުރީ ބަނދަރުގެ ޑިޒައިން މަސައްކަތެވެ. މި މަސައްކަތް ކުރަން އެ ކުންފުންޏަށް ދިނީ ފަސް މަހެވެ. އެމްޕީއެލްއިން ބުނި ގޮތުގައި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާނީ، މި މަސައްކަތް ނިންމައި، އަމަލީ މަސައްކަތް ކުރާނެ އަގަކަށް އެއްބަސްވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ