ވެނެޒުއޭލާގެ ވެރިރަށް ކަރަކަސް އާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމެއްގައި، އެތައް އިމާރާތެއް ބިމާހަމަވެ، މަދުވެގެން 32 މީހުން މަރުވެ 700 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، ކަރަކަސްގެ ހުޅަނގުން ގާތްގަނޑަކަށް 160 ކިލޯމީޓަރު (100 މޭލު) ދުރަށް ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އޭގެ މިނެޓެއް ވެސް ނުވަނީސް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުމެއް ވަނީ އައިސްފަ އެވެ.
ބިންހެލުމުގެ ސަބަބުން ލިބޭނެ ގެއްލުންތައް އަންދާޒާކުރާ މޮޑެލްތަކަށް ރިއާޔަތްކޮށް ޔޫއެސްޖީއެސް އިން ބުނީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އެރުން ގާތް ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
ވެރިރަށް ކަރަކަސްގައި ފުނިޖެހިފައިވާ އިމާރާތްތަކުގެ ކުނިތަކުގެ މަތީގައި ސަލާމަތީ ހިދުމަތްތަކުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އާއިލާގެ މެންބަރުން ސަލާމަތްކުރުމަށް އެދި ރޮއި އާދޭސްކުރަމުންދިޔަ މީހުންނަށް އެހީތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، މިހާތަނަށް އާންމުކޮށްފައިވާ މަރުވި މީހުންގެ އަދަދުތަކުގެ ތެރޭގައި، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ލާ ގުއައިރާ ސްޓޭޓްގެ ތަފާސްހިސާބުތައް ނުހިމެނޭ ކަމަށެވެ. ކަރަކަސްއާ ކައިރީގައި އޮންނަ އެ ސްޓޭޓަކީ އެ ގައުމުގެ މައި އެއާޕޯޓް އޮންނަ ސަރަހައްދެވެ. ބިންހެލުމާ ގުޅިގެން އެއާޕޯޓް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި 32 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ