ޔާމީން ޖަލަށް ލީ ނުހައްގުން ކަމަށް ކޯލިޝަން ރޫޅުމުން މައުމޫން ވިދާޅުވާނެ: ޣައްސާން

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފައްދައި މި ވެރިކަން ކާމިޔާބުކުރި ކޯލިޝަން ރޫޅުމާ އެކު އެމަނިކުފާނުގެ ދިފާއުގައި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނަވާ މަންޒަރު ފެންނާނެ ކަމަށް ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގައި ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، މަނީ ލޯންޑްރިންގެ ކުށުގަ އެވެ.
ޣައްސާން ގަބޫލުކުރައްވަނީ މިއީ، ބޭއިންސާފުން އިއްވި ސިޔާސީ ހުކުމެއްގެ ގޮތުގަ އެވެ. ޔާމީންގެ ވެރިކަމުގައި ބައްޕާފުޅު، މައުމޫން ޖަލަށް ލުމުން ވެސް ޔާމީނާ އެކުގައި ހުންނެވި ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން ރޫޅުމާ އެކު މަންޒަރު ބަދަލުވާނެ ކަމަށެވެ. މިނިސްޓަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭ ކަމުގެ ހޭޝްޓެގާއެކު، މިގޮތަށް ވިދާޅުވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އޭނާ އަށް އަމާޒުކުރި ވާހަކައަކާ ގުޅިގެންނެވެ.
ޔާމީންގެ ދިފާއުގައި ސަންގު ޓީވީގައި ޣައްސާން ދެއްކެވި ވާހަކަތަކުގެ ވީޑިއޯ އާއްމުކުރުމުން، ވައްޑެ ވިދާޅުވީ ޔާމީނަށް ނުހައްގުން، ސިޔާސީ ހުކުމެއް އިއްވި ނަމަ ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު، ފާރިސް މައުމޫން ވެސް އެކަން ފާހަގަކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މި ޓުވީޓަށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ އެ ދުވަސް ވަރަށް ގާތުން އޭނާ އަށް ފެންނަ ކަމަށެވެ.
"ދެން އިޝާރާތް ކުރެއްވި ކަންތައް [ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށް މައުމޫނާއި ފާރިސް ވިދާޅުވާ ތަން] ކޯލިޝަން މުގުރުމުން ފެންނަން ފަށާނެ. އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަ،" ޣައްސާން ވިދާޅުވި އެވެ.
ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުން ކަމަށް ސިފަކުރައްވައި، މައުމޫނާއި ޔާމީނަކީ ލޭގެ ގުޅުން ކަމަށާއި އެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.
ސަންގު ޓީވީގައި، ޣައްސާން ވިދާޅުވި ގޮތުގައި ޔާމީން މިނިވަންކުރަން އިދިކޮޅަށް ކުރެވެން ހުރި މަސައްކަތެއް ފާޅުގައި ކުރާނެ އެވެ. މިއާއެކު، ޓުވިޓާގައި އޭނާ އަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ، ބައްޕާފުޅު ޖަލުގައި އޮންނެވި އިރު ދިފާއުގައި ނުކުންނަވައި މަސައްކަތް ނުކުރެއެވި ސަބަބާ ގުޅުވަ އެވެ.
ބައްޕާފުޅަށް ވުރެން ބޮޑުބޭބޭފުޅު ދެކެ ލޯބިވާ ސަބަބާ މެދު ވެސް ބައެއް މީހުން ސުވާލު އުފައްދަވާފައިވެ އެވެ. ޔާމީންގެ ވެރިކަމުގައި މައުމޫން ޖަލަށް ލީ ޝަރީއަތަކާ ނުލައި ނުހައްގުން ކަމަށާއި ޔާމީނަށް ހުކުމެއް އިއްވީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވުމުން ކަން ވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.
Bappaafulhaa beybeyfulhu ge dhifaau ga baheh bunan eyru nukerunee keevve tho? Shareeatheh, hukumeh ves nethi eyru e beyfulhun jalah laafa thibee. Mihaaru enmen nah gaboolu kurevey varuge bodu hukumeh ga YAG eheree. Eves vakkamuge. https://t.co/nk5KYzyTCx— Waddey (@waddey_) May 31, 2020
އެ ސަބަބު ހޯދަން ސަންގު ޓީވީގެ އިންޓަވިއު ބަލަން ޣައްސާން އެދިވަޑައިގެންނެވި އިރު، އެ ވީޑިއޯގައި އޭނާ ވިދާޅުވީ އޭރާއި މިހާރު ވެސް ޔާމީންގެ އަރިހުގައި ހުންނެވީ ސިޔާސީ ކޯޅުމުން އާއިލާ ބައިބައިވިޔަ ނުދީ، ގުޅުން ބަދަހިކުރެވޭނެ މަގެއް ހޯދަން ކަަމަށެވެ. އެކަން ހައްލު ކުރެއްވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދުނިޔެއަށް އައީއްސުރެން ސިޔާސީ މަސްރަހެއްގައި އުޅޭ މީހެއް. ސިޔާސީ މައްސަލައެއް އަޅުގަނޑުމެންގެ އާއިލާގައި ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫން، އަޅުގަނޑަށް ގަބޫލު ކުރެވެނީ ކޮންމެ މައްސަލައެއް ވެސް ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް، އެހެންވީމާ އަޅުގަނޑު ހުރީ ދެފަރާތާ ވާހަކަ ދެއްކޭ މީގެއްގެ ގޮތުގަ މައްސަލަ ހައްލު ކުރެވޭތޯ" ޣައްސާން ވިދާޅުވި އެވެ.
Ufedhdhevi suvaal thakuge javaab hageegathuga ves beynun fulhiyya e kuru film ballavaalavvaa. Dhen ishaaraih kurevvi kanthah coalition mugurumun fennanfashaane. E dhuvas dhaadhi kairin fennakahala. #ministarungenoconfidence— Mohamed Ghassan Maumoon (@mgmaumoon) May 31, 2020
މެމްބަރު ވަހީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވަނީ ޣައްސާންގެ ވާހަކަތަކާ މެދު ސުވާލު އުފައްދަވައިފަ އެވެ. ބައްޕާފުޅާއި ބޭބޭފުޅު ފާރިސަށް ނެތް ލޯތްބެއް، ޖަލު ގައިދީއެއްގެ ގޮތުގައި ހުންނެވި ޔާމީނަށް ވުމަކީ "އެހެން ލޯތްބެއް" ކަމަށް ވިދާޅުވުމުން ޣައްސާން ހިތްހަމަޖެހިވަޑައެއް ނުގަތެވެ.
ޣައްސާން އެދިވަޑައިގަތީ ނިހާދު އެ އިޝާރާތް ކުރެއްވީ ކޮން ލޯތްބެއް ކަން ސާފުކޮށްދެއްވާށެވެ. އެއީ ވިއްސާރަވެ ފެންބޮޑުވެ ރައްޔިތުން ހާލުގައި ޖެހުމުން ޓުވީޓަކުން ފުއްދާލާ ފަދަ ލޯބިތޯ ސުވާލު އުފައްދަވައި، ނިހާދަށް ފާޑުވިދާޅުވި އެވެ.
ޣައްސާން އެ އިޝާރާތްކުރެއްވީ ދާދި ފަހުން އައްޑޫގައި ފެންބޮޑުވި ހާދިސާގައި ނިހާދު ކުރެއްވި ޓުވީޓަށް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ