އުޅަނދުގައި ބުރަފަތީ ގާޑު ނެތި ސަމްޕާ ސަރަހައްދަށް ދެން ނުވަދެވޭނެ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު ކަނޑުގެ ސަރަހައްދު، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަމްޕާ)ގައި ދުއްވާ އުޅަނދުތަކުގައި ބުރަފަތީގާޑު އަޅުވަން ދީފައިވާ މުހުލަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ވީ ކިހިނެއް؟ - މޫދަށް ފައިބައިގެން އުޅެނިކޮށް ބުރަފަތީގައި ޖެހިގެން ފަތުރުވެރިން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ރާއްޖޭގައި ހިނގަ އެވެ.
ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދެވެ. ފެހުރިހި ބެލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވިންއަށާއި ސްނޯކްލިންއަށް ދާ އެ ސަރަހައްދު މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރު ވަނީ އާންމުކޮށްފަ އެވެ. އެ ޕްލޭނުގެ ދަށުން އެ ތަނަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ސަލާމަތީ ގާޑެއް އެޅުވުން މަޖުބޫރުކުރަން ނިންމާފައިވެ އެވެ.
ތަފްސީލް - އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަމްޕާ ސަރަހައްދުގައި ބޭނުން ކުރާ އުޅަނދުފަހަރުގެ ބުރަފަތިން އިންސާނުންނާއި ފެހުރިހި އަދި އެހެނިހެން ދިރޭ ނަސްލު ރައްކާތެރިކުރުމަށް ޕްރޮޕެލާ ގާޑް އެޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަދި، އެއީ އެ ސަރަހައްދުގައި ހިންގާ ފަތުރުވެރިކަމާއި ކަނޑުގެ ހަރަކާތްތައް ކުރިއަށްދަނީ އިންސާނުންނަށާއި ތިމާވެއްޓަށް ރައްކާތެރި ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުންޏެވެ.
އެންވަޔަރްމެންޓް ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ:
ސަމްޕާ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރަން އެކުލަވާލާފައިވާ 'ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' އަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުން މި މަހުގެ 30ގެ ކުރިން ޕްރޮޕެލާ ގާޑު އަޅުވަން ޖެހޭނެ
މި މުދައްތު ހަމަވުމުން މި ސަރަހައްދަށް ވަނުމަށް އެދި ރަޖިސްޓްރީކޮށްދެވޭނީ ޕްރޮޕެލާ ގާޑު ހަރުކުމަށް ފަހު ހުށައަޅާ އެޕްލިކޭޝަންތައް އެކަނި
ނަމަވެސް އޭގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރާއި އަދި އެ މުއްދަތުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް އިތުރު މުދައްތެއް ދޭނެ 
ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާގެ މެނޭޖްމަންޓް ޕްލޭންގެ ގަވާއިދުތަކަށް އެ ސަރަހައްދު ބޭނުން ކުރާ އެންމެހާ ފަރާތްތަކުން އިޖާބަ ދިނުމަށް އެދުނު
އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އެ މިއޮތޯރިޓީން ކުރާނެ
ޕްލާސްޓިކް އަދި ސްޓެއިންލެސް ސްޓީލް ފަދަ ބާވަތްތަކުން އުފައްދާ ޕްރޮޕެލާ ގާޑުގެ މައިގަނޑު ދެ ބޭނުމެއް އޮވެ އެވެ. އެއީ ލިބޭ ގެއްލުމަކުން ބުރަފައްޗާއި ގިއަރު ބޮކްސް ރައްކާތެރި ކުރުމާއި ބުރަފަތިން ޖެހިގެން ދިމާވާ ހާދިސާތަކުން މީހުން ރައްކާތެރި ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ