"ހަރުދަނާ ޤާނޫނުތައް ހުރިއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރާނަން"

މަސްތުވާތަކެތީގެ މައްސަލައަށް ޙައްލު ހޯދުމަށް ގެނައި ޤާނޫނީ ބަދަލުތަކާއި އެކުލަވާލި ޢުސޫލުތަކަކީ މި މައްސަލައަށް ފުޅާދާއިރާގައި ރިއާޔަތްކޮށް، ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ފިޔަވަޅުތަކާއި ޢަދަބުތައް ކަނޑައެޅުން ހަރުދަނާކުރުމަށް ކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްޤްވާމީގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްސަ މެސެޖުގައެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މުޖުތަމަޢުއަށް ދިމާވެފައިވާ އިޖުތިމާޢީ، އަޚުލާޤީ އަދި އިޤްތިޞާދީ ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން މިކަމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވާ، ހުރިހާ މުވައްސަސާތައް ގުޅިގެން މިކަމާ ދެކޮޅަށް ނުކުތުމަށް ގޮވާލެއްވިއެވެ. ރައީސް ވިދާޅުވީ، މި ދާއިރާއިން ރާއްޖެއިން ކަނޑައަޅާ ޢަމާޒުތައް މި އަހަރުގެ ޝިޢާރު "ވޯލްޑް ޑްރަގް ޕްރޮބްލެމް: ޕަރސިސްޓިން އިޝޫސް، ނިއު ޗެލެންޖަސް، އިނޮވޭޓިވް ރެސްޕޮންސް" މި ޝިއާރަށް ބައްޓަން ކުރައްވާނެ ކަމަށެވެ.
މިއީ ރާއްޖޭގެ ކުރިމަގާ، ޒުވާނުންގެ ޖީލުގެ ރައްކާތެރިކަމަށް ކޮންމެހެން ފިޔަވަޅު އަޅަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ޤާނޫނާއި މި ދާއިރާއިން ހަރުދަނާ ކުރަމުންދާ ޢުސޫލުތަކުގެ ސަބަބުން ކަމާއި ގުޅުންހުރި އިދާރާތަކުގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާއި ކުރިއަށްދާންވީ މަގު ސާފުކޮށް ކަނޑައެޅިފައިވާ ކަމަށެވެ. މީގެ ޢަމާޒަކީ، ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުން ހުއްޓުވާ އެމީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް، އެމީހުންނަށް ޙައްޤު އަދަބު ދިނުން ކަމަށެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، އާއިލާތަކާއި މުޖުތަމަޢުއާއި ޖަމިއްޔާތަކާއި އަދި ޕްރައިވެޓް ސެކްޓަރއިންވެސް ގުޅިގެން، މަސްތުވާތަކެތިން ސަލާމާތްވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ގޮވާލައްވަމުންނެވެ. އެގޮތުން ދިރިއުޅުމުގެ ރިވެތި ޢާދަތަކަށް މުޖުތަމަޢުގެ އެންމެންނަށް ބާރުއަޅާ، ގޯސް މަގުތަކުން ދިއުމުން ސަލާމަތް ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ގޮވާލެއްވިއެވެ.
ރައީސް ވަނީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ސަރަޙައްދީ ޤާއުމުތަކާއެކު ކުރަމުންދާ މަސައްކަތައްވެސް، މެދުނުކެނޑި އެ ގުޅުމުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ޤާނޫނުތައް ހަރުދަނާކޮށް ޢަދަބުތައް ހަރުކަށި ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ 3 ސަރަޙައްދުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ