ވޯލްޑް ކަޕްގެ ދަށް ރެކޯޑާ އެކު ޗެކް ރިޕަބްލިކްގެ ތަރި ޝިކް ރިޓަޔާކޮށްފި

މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ޗެކް ރިޕަބްލިކުން ކުރިމަތިލާން ޖެހުނު ދަށް ރެކޯޑާ އެކު، އެ ޓީމުގެ ތަރި ޕެޓްރިކް ޝިކް، ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފި އެވެ. 
އުމުރުން 30 އަހަރުގެ ޝިކް އަކީ ޗެކް ރިޕަބްލިކުން މިދިޔަ ހަ އަހަރު ތެރޭ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅުނުއިރު، އެ ޓީމުގެ އެޓޭކް ބަރޯސާވި ކުޅުންތެރިޔާ އެވެ. އެ ގޮތުން، އެންމެ ފަހުން ދެ ޔޫރޯ އާއި މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ޗެކް ރިޕަބްލިކް ޓީމުގައި ހިމެނުނު ޝިކް ވަނީ 56 މެޗުން 26 ލަނޑު ޖަހައިފަ އެވެ. 
ޗެކް ރިޕަބްލިކުން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ގްރޫޕްގެ ފުލަށް ދިޔައިރު، ތިން މެޗުން ލިބުނީ ޕޮއިންޓެކެވެ. އެ ޓީމުން ތިން މެޗުގެ ތެެރެއިން ދެ މެޗުގައި ލީޑުނެގި ނަމަވެސް އެއް މެޗުން ބަލިވިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެެވެ. ފުރަތަމަ މެޗުގައި، ދެކުނު ކޮރެއާ ކައިރިން ލީޑުނެގުމަށް ފަހު ޗެކް ރިޕަބްލިކް އަތުން ބަލިވި އެވެ. ދެ ވަަނަ މެޗުގައި، ދެކުނު އެފްރިކާ އަތުން 1-1 އިން އެއްވަރުވިއިރު، ފަހު މެޗުގައި ޕްރެޝަރުގައި ކުޅެން ޖެހި، އެއް ހޯސްޓް، މެކްސިކޯ އަތުން 3-0 ޗެކް ރިޕަބްލިކް ބަލިވި އެވެ.  
މީގެ ނުވަ އަހަރު ކުރިން، 2016 ވަނަ އަހަރު، ޗެކް ރިޕަބްލިކަށް ކުޅެން ފެށި ޝިކް ބުނީ، ގައުމީ ޓީމަށް ކުޅުނު މުއްދަތުގައި ވަރަށް ގިނަގުނަ ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕާ ހަމައަށް މި ކުރެވުނު މަސައްކަތްތަކުގައި ގައުމީ ޓީމަށް ކުޅުމުގެ ޝަރަފް ލިބުމަކީ ވެސް ފަހުރެއް ގޮތުގައި ޝިކް ފާހަގަކުރި އެވެ. 
"ޗެކް ރިޕަބްލިކް ފުޓްބޯޅަ މިއޮތީ މިދިޔަ އަހަރުތަކުގައި އަހަރެމެން ދެއްކި ކުޅުމަށް ވުރެން މާ ރަނގަޅު ހިސާބެއްގައި. އެހެންވީމަ، ހަގީގަތް ގަބޫލުކޮށް އަހަރެމެން އެބަޖެހޭ، މަސައްކަތް ނުފެންނަ އަދި ނަތީޖާ ނުފެންނަ ގޮތަށް ދިގު މުއްދަތަކަށް ކުރަމުން މި އަންނަ ގިނަ ކަންތައްތަކެއް ބަދަލުކުރަން،" ޝިކް ބުންޏެވެ. 
ޝިކް ބުނީ، މިއީ ހިތްހަަމަނުޖެހިގެން ނޫނީ ރުޅި އައިސްގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި މިއީ، ޗެކް ރިޕަބްލިކްގެ ފުޓްބޯޅަ އަށް ހެޔޮ އެދޭތީ ދައްކާ ވާހަކަތަކެއް ކަމަށެވެ. 
ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ ޝިކްގެ ރިޓަޔާމަންޓާ ބެހޭގޮތުން، ޗެކް ރިޕަބްލިކްގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް ބޮޑެވެ. އަދި، ޝިކް ފަދަ ކުޅުންތެރިއެއްގެ ފައިދާ އަދި ގިނަ އަހަރުތަކެއް ޓީމަށް ކުރާނެކަމަށް ގިނަ ސަޕޯޓަރުން ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ