އަޅުގަނޑުމެން ހުށަހަޅަނީ މިހާރު އޮތް މަސްހުނި ނިޒާމަށް ބަރުލަމާނީ ސިފަތަކެއް، ރާއްޖެއަށް ހާއްސަ ނިޒާމެއް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާ ގުޅިގެން ދައުލަތް ހިންގުމުގެ ނިޒާމަށް ހުށަހަޅުއްވާ އިސްލާހީ ބަދަލަކީ މިހާރު އޮތް މަސްހުނި ނިޒާމުގެ ތެރެއިން އިތުރު ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެއް ހިމެނޭ ރާއްޖެއަށް ހާއްސަ ނިޒާމެއް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ”ސަންގަށް“ ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ފައްޔާޒު ވިދާޅުވީ، ބޮޑު ބަދަލުން ހުށަހަޅަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެ، ފާޑުކިޔާ ފަރާތްތަކުން ފަތުރަނީ ހާގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެއާ ހިލާފަށް، ހުށަހަޅުއްވާ ނިޒާމުގެ ސިފަތަކަކީ އެންމެ ސިފައެއް ފިޔަވައި ބަރުލަމާނީ ނިޒާމާ ވަރަށް ބޮޑަށް ބީރައްޓެހި ސިފަތަކެއް ހުރި ނިޒާމެއް ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، މީގެ ކުރިން ބަރުލަމާނީ ނިޒާމަށް ރައްޔިތުން ނޫނެކޭ ބުނެފައިވާތީ، ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން ވާދަވެރިން އުޅޭ ކަމަށެވެ.
ފައްޔާޒު ފާހަގަކުރެއްވީ، ރައްޔިތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަމެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ބާރުވެރިކަމެއް ނެތި މުޅިން ވަކިން މިނިވަން މުއައްސަސާތައް އޮތުމާއި ރައްޔިތުން ސަރުކާރުގެ ވެރިޔާ ހޮވުމަކީ ބަރުލަމާނީ ނިޒާމުގެ ސިފަތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ.
އެއާ ހިލާފަށް ބޮޑު ބަދަލު ތަސައްވުރުކުރާ ނިޒާމުގައި ސަރުކާރުގެ ވެރިޔާ ހޮވާނީ ރައްޔިތުން ކަމަށާއި ކެބިނެޓު އެކުލަވާލާނީ ވެސް ސަރުކާރުގެ ވެރިޔަކަށް އަންނަ ފަރާތަކުން ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި ހުށަހަޅަނީ ސަރުކާރުގެ ވެރިޔާ ހޮވާނީ މިހާރު ވެސް މި އޮތް ގޮތަށް ރައްޔިތުންނޭ. ކެބިނެޓު އެކުލަވާނީ ސަރުކާރުގެ ވެރިއަކަށް އަންނަ ފަރާތުންނޭ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން ވަކިކުރީމާ އޭގެ އިތުރުން ރައްޔިތުންގެ ބަހެއް އޮންނަންވާނޭ.“
ފައްޔާޒު ވިިދާޅުވީ، މިހާރު އޮތީ މަސްހުނި ނިޒާމެއް ކަމަށާއި ”ބޮޑު ބަދަލުން“ ހުށަހަޅުއްވަނީ މަސްހުނި ނިޒާމުގެ ތެރެއިން ބަރުލަމާނީ ނިޒާމެއްގެ އިތުރު ސިފަތަކެއް ކަމަށެވެ. އަދި އެފަދަ ނިޒާމެއް ބަރުލަމާނީ ނިޒާމަކަށް ނުވަތަ ރިޔާސީ ނިޒާމަކަށް ނުވަތަ ރަސްކަމަކަށް ވެސް ވާކަށް ނުޖެހޭ ކަމަށެވެ.
”މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ އެބުނާ މަސްހުނި ނިޒާމެއް. އަޅުގަނޑުމެން މި ހުށަހަޅަނީ ވެސް ހަމަ މަސްހުނި ނިޒާމުގެ ތެރެއިން އިތުރު ބަރުލަމާނީ ނިޒާމެއްގެ އިތުރު ސިފަތަކެއް.“
”އަޅުގަނޑުމެން މި ބުނަނީ ކައުންސިލްތައް ލައިގެން ބޮޑެތި ނިންމުންތައް ނިންމަން. ބޮޑު މަޖިލިސް އަޅުގަނޑުމެންނަށް ސިފަކުރެވިދާނެ، ކޮންމެވެސް ލެވެލްއެއްގައި އަޕާ ހައުސްއެއްގެ ކޮންމެވެސް ވަރެއްގެ ފަންކްޝަންތަކެއް އަދާކުރާ އެއްޗެއްގެ ގޮތުގައި.“
ހުށަހަޅުއްވާ ބޮޑު ބަދަލު، ބަރުލަމާނީ ނިޒާމަކާ އެއްގޮތްވަނީ ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިޔަކު ހުންނާތީނެތީ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އޭގެ އިތުުރުން، ރާއްޖޭގެ ހާލަތަށް ބަަލައި ހުރިހާ ނިޒާމެއްގެ ވެސް ރަަނގަޅު ސިފަތަކެއް ލައިގެން ރާއްޖެއަށް ހާއްސަ ނިޒާމެއް އެކުލަވާލުމަކީ ނެތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ އައު ނިޒާމަށް ނަމެއް ކިޔާނަމަ ކިޔަންވީ ”ސިޓިޒަންސް ސިސްޓަމް“ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިއަށް ނަމެއް ކިޔަންޏާ ކިޔަންވީ ސިޓިޒަންސް ސިސްޓަމް. ރައްޔިތުންގެ ޑިރެކްޓް ޑިމޮކްރެސީގެ ވަރަށް ބައިވަރު ސިފަތަކެއް އަޅުގަނޑުމެން ކިޔަނީ. ކުޑަ ގައުމެއް ޓެކްނޮލޮޖީއާ އެއްޗެހި ހުރި ގޮތުން އަޅުގަނޑުމެންނަށް މިއަދު ނުކުރެވޭނެ ކަމެއް ނޫން. ވަރަށް ގިނަ ކަންތައްތަކުގައި ސީދާ ރައްޔިތުންގެ ބަސް ހޯދާ ނިޒާމެއްގެ ވާހަކަ މި ދައްކަނީ،“ ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، އެ ނިޒާމުން ރާއްޖޭގައި ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކެއް ހައްލުކުރެވޭނެ ކަމަށެވެ. އެގޮތުން ވެރިއަކަށް އަންނަ ކޮންމެ މީހަކު އެ މީހާ ބޭނުންގޮތަކަށް ކަންކަން ކުރެވިދާނެކަމަށް އަރާފައި އޮންނަ އޮޅުމަށް ނިމުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ