ސަރުކާރު ހިންގާނީ ރައްޔިތުން، ވަކި މީހެއް ނޫން، އެއީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ ގޮތް: ފައްޔާޒް

ދިވެހިރާއްޖޭގެ ވެރިކަން ހިނގަންވާނީ ވަކި މީހެއްގެ ބާރުގެ ދަށުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި އޮންނަންޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އެމްޑީޕީ އުފެދުނުތާ 21 އަހަރު ވީއިރުވެސް އެ ޕާޓީން އެންމެ އިސްކަންދޭ އަދި ވަކާލާތުކުރާ މައިގަނޑު އަސާސެވެ.
އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ”ސަންގު“ އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީން އޭގެ އަސާސްތައް ދޫކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ކުށް ހީއެއް ކަމަށެވެ. އެމްޑީޕީ އަދިވެސް ދެމިއޮތީ ރައްޔިތުންގެ ހައްގުތަކާއި، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންގެ ބަސްވިކޭ ނިޒާމެއް ހަރުދަނާކުރުމުގެ މަތީގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ސަރުކާރު ހިންގާނީ ރައްޔިތުން، އެއީ ވަކި މީހެއްގެ މިލްކެއް ނޫން. އެމްޑީޕީގެ މައިގަނޑު އަސާސަކީ ވެސް އެއީ،“ ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެއްދީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭ، ގައުމީ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު އޮންނަ، އަދި ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނެ ދައުލަތެއް ބިނާކުރުމަށެވެ. ޒަމާނާއެކު ޕާޓީން އިސްކަންދޭ ކަންކަމަށް ބަދަލުތަކެއް އައިނަމަވެސް، ޕާޓީގެ އަސާސީ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޕާޓީ ބަދަލުވެފައިވާ ކަމަށް ގިނަ ބަޔަކަށް އިޙްސާސް ކުރެވެނީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ. އެމްޑީޕީގެ ކުރީކޮޅުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ޑިމޮކްރެސީގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދުމަށް ކަމަށް ވިދާޅުވެ، ފައްޔާޒް ފާހަގަކުރީ އެއީ އެތައް އަހަރެއްގެ ސިޔާސީ މަސައްކަތާއި ގުރުބާނީއެއްގެ ނަތީޖާ ކަމަށެވެ.
”އެ ހައްގުތައް ހޯދުމަށް ޓަކައި އަޅުގަނޑުމެން ވަނީ ވަރަށް ދަތި އަދި ބިރުވެރި ދުވަސްތަކެއް ތަހައްމަލުކޮށްފައި. އެއީ ވަރަށް ބޮޑު މަސައްކަތެއް،“ އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، އެ އަސާސީ ހައްގުތައް މިހާރު ކަށަވަރުވެފައި އޮތުމުން، ޕާޓީން މިހާރު އިސްކަންދޭން ޖެހިފައިވަނީ ތަރައްގީއާއި، ދައުލަތް ހިންގުމާއި، ގައުމީ އެހެނިހެން މުހިންމު ކަންކަމަށެވެ. މީގެ ސަބަބުން ބައެއް މީހުންނަށް ޕާޓީގެ އަސްލު މަގްސަދާ ދުރަށް ގޮސްފައިވާ ކަމަށް ހީވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނަފްރަތާއި އިތުބާރު ނެތުމުގެ މައްސަލަ ދެނެވަޑައިގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަދު ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަމަކީ ސިޔާސީ ބޭފުޅުންނާއި ސިޔާސީ ހަރަކާތްތަކުން ކުރި ވަރުގަދަ މަސައްކަތުގެ ނަތީޖާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
”ސިޔާސީ ކަންކަމަކީ ހަޑި ނުވަތަ ކަމުނުދާ ކަމެއްގެ ގޮތުގައި ބައެއް ބޭފުޅުންނަށް ފެނިވަޑައިގެންފާނެ. އެކަމަކު އެ މަސައްކަތް ކުރާނެ ބަޔަކު ނެތް ނަމަ، މި ލިބިފައިވާ ހައްގުތަކެއް ދެމިއެއް ނޯންނާނެ،“ އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އެމްޑީޕީ އުފެދުނުއިރު އޮތް ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގައި އެ ޕާޓީ އަދިވެސް ދެމިއޮތް ކަމަށާއި، ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ބަލައި ޕާޓީގެ މަސައްކަތްތައް ތަރުތީބުކުރަމުންދާ ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ދައުލަތުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުމަށް ހުރަސްއެޅޭ ކޮންމެ ފަހަރަކު، އެ ހައްގުތައް ދިފާއުކުރުމުގެ އަސްލު ދައުރަށް އެމްޑީޕީ ރުޖޫއަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ފައްޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ނޫން ކަމަށާއި، އަމިއްލަފުޅު އިހްތިޔާރުގައި ވެރިކަން ހިންގެވުމަށެވެ.
ވެރިކަން ހިންގުމަކީ ވަކި ފަރުދެއްގެ ވަށައިގެން އެނބުރޭ ކަމަކަށް ވެގެންނުވާނެ ކަމަށާއި، އެއީ ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތަކާ އެއްގޮތަށް ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކުރީކޮޅުގެ ދުވަސްތަކެކޭ އެއްފަދައިން، ޑިމޮކްރެޓިކް ހައްގުތަކާއި މިނިވަންކަމަށް ވަކާލާތުކުރުމުގެ މަސައްކަތް ކުރަންޖެހޭ ދުވަސްވަރެއް މިހާރު އަނެއްކާވެސް މިވަނީ އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ