ވިންޑޯޒް 10އަށް ސެކިއުރިޓީ އަޕްޑޭޓް ދޭ މުއްދަތު މައިކްރޯސޮފްޓުން އިތުރު އެއް އަހަރަށް ދަންމާލައިފި

ވިންޑޯޒް 10އަށް ސެކިއުރިޓީ އަޕްޑޭޓް ދޭ މުއްދަތު މައިކްރޯސޮފްޓުން އިތުރު އެއް އަހަރަށް ދަންމާލައިފިއެވެ. މައިކްރޯސޮފްޓް ވިންޑޯޒް 10 ބޭނުންކުރާ ފަރާތްތަކަށް ސެކިއުރިޓީ އަޕްޑޭޓްތައް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ "ކޮންސިއުމާ އެކްސްޓެންޑަޑް ސެކިއުރިޓީ އަޕްޑޭޓްސް" (އީއެސްޔޫ) ޕްރޮގްރާމްގެ މުއްދަތު އެ ކުންފުނިން ހިނގަމުންދާ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވާ ގޮތަށް ކުރިން އޮތް ނަމަވެސް، މިހާރު ވަނީ އޭގެ ފަހުން ވެސް އިތުރު އެއް އަހަރު ދުވަހަށް އެ މުއްދަތު އިތުރުކޮށްދީފައެވެ. މި ބަދަލާއެކު ވިންޑޯޒް 11 އަށް ސަޕޯޓް ނުކުރާ ކޮމްޕިއުޓަރުތައް ގެންގުޅޭ ފަރާތްތަކަށް 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ގެ ނިޔަލަށް ރައްކާތެރިކަމުގެ މުހިންމު އަޕްޑޭޓްތައް ލިބެމުންދާނެ ކަމަށް މައިކްރޯސޮފްޓުން ނެރުނު ލިޔުމެއްގައި ބުނެފައިވެއެވެ. https://sun.mv/211555 މައިކްރޯސޮފްޓުން ވިންޑޯޒް 10 އަށް ސަޕޯޓް ދިނުން މިދިޔަ އަހަރު ރަސްމީކޮށް ހުއްޓާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ވަގުތެއްގައި ވެސް ލިބޭނެ ކަމަށާއި، މިހާރު ވެސް އީއެސްޔޫގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެއްވެސް އިތުރު ފިޔަވަޅަކާ ނުލައި އޮޓޮމެޓިކުން މި މުއްދަތު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އަލަށް މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މައިކްރޯސޮފްޓް އެކައުންޓެއް މެދުވެރިކޮށް ސައިންއިން ވާންޖެހޭއިރު، އެއް ލައިސެންސަކުން ގިނަވެގެން 10 ޑިވައިސްއަށް ސެކިއުރިޓީ ކަވަރޭޖް ފޯރުކޮށްދެވޭނެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ވިންޑޯޒް 10 ގެ ވަރޝަން 22H2 ގެ ހޯމް، ޕްރޮފެޝަނަލް، ޕްރޯ އެޑިއުކޭޝަން ނުވަތަ ވޯކްސްޓޭޝަން އެޑިޝަން ބޭނުންކުރާ، އަދި އެންމެ ފަހުގެ އަޕްޑޭޓްތައް އަޅާފައިވާ ކޮމްޕިއުޓަރުތަކަށެވެ. ވިންޑޯޒް 10 ބޭނުންކުރާ ފަރާތްތަކަށް މިފަދަ ލުޔެއް ދިން ނަމަވެސް، މައިކްރޯސޮފްޓުން އަދިވެސް ބާރުއަޅަމުންދަނީ ސައިބަރ ހަމަލާތަކުންނާއި ވައިރަސްތަކުން ސަލާމަތްވުމަށްޓަކައި ވީއެންމެ އަވަހަކަށް ވިންޑޯޒް 11 އަށް ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށެވެ. މައިކްރޯސޮފްޓުން ވިންޑޯޒް 10 އަށް ސަޕޯޓް ދިނުން ރަސްމީކޮށް ހުއްޓާލުމަށް ފުރަތަމަ ނިންމި ނިންމުމާ ގުޅިގެން، ވިންޑޯޒް 11 އަށް ސިސްޓަމްތައް އަޕްގްރޭޑް ނުކުރެވޭނެ ކޮމްޕިއުޓަރުތައް ގެންގުޅޭ ގިނަ އަދަދެއްގެ ކޮންސިއުމަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރިއެވެ. މި ފާޑުކިއުންތަކާ ގުޅިގެން، ޔޫޒަރުންނަށް ސަލާމަތީގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މައިކްރޯސޮފްޓުން 2025 ވަނަ އަހަރު ވަނީ "ކޮންސިއުމާ އެކްސްޓެންޑަޑް ސެކިއުރިޓީ އަޕްޑޭޓްސް" (އީއެސްޔޫ) ޕްރޮގްރާމް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފައެވެ. މިގޮތުން، މިހާރު ގެނައި އާ ބަދަލަކީ ކުރީގެ ސިސްޓަމްތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ސައިބާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، އާ ހާޑްވެއާއަކަށް ބަދަލުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އެ ކުންފުނިން ނިންމި ނިންމުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ