ކަނޑިތީމުގައި އެކަނި އޮތް ބަލިމީހާ ރައްޔިތުން ނުކުމެ އޭނާގެ ގެއަށް ގެންގޮސްފި

ށ. ކަނޑިތީމުގައި ބަލިހާލުގައި ވީރާނާ ގެއެއްގައި އެކަނި އޮތް އުމުރުން ދުވަސްވީ މީހާ މިއަދު އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމު އޭނާގެ އަމިއްލަ ގެއަށް ބަދަލުކޮށްފި އެވެ.
ކަނޑިތީމު ރަށު ކައުންސިލްގެ ރައީސް ނަސްރުﷲ ޢަބުދުލްޣަނީ މިއަދު ވިދާޅުވީ ކަނޑިތީމު މާފޮޅޭގޭ މުހައްމަދު ސޯލިހު މިއަދު ތެދުވަން އުޅުމުގެ ތެރޭގައި ވެއްޓިގެން އުޅެނިކޮށް އެ ރަށުގެ ބަޔަކަށް ފެނި، ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު ކައުންސިލްގެ އިދާރާއަށް އެންގި ކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ބައެއް މީހުންނާއި ސޯލިހުގެ ތިމާގެ މީހުންގެ އެހީގައި އޭނާ މިހާރު ވަނީ އޭނާގެ އަމިއްލަ ގެއަށް ގެންގޮސް ފެންވަރުވައި ސާފުކޮށް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސޯލިހު މިހާރު އޮތީ އޭނާގެ ގޭގައި. އޭނާ ގެއަށް ގެންދިޔައީ ރަށު ކައުންސިލާއި ރަށުގެ ބައެއް ރައްޔިތުން ގުޅިގެން. ބޮޑަށް މިކަމުގައި މިއުޅުނީ ސޯލިހުގެ ތިމާގެ މީހުން." ނަސްރުﷲ ވިދާޅުވި އެވެ.
ސޯލިހު ބަދަލު ކުރި މާފޮޅޭގޭގައި ވެސް ސޯލިހު ނޫން މީހަކު ނޫޅޭ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. ނަމަވެސް ނަސްރުﷲ ވިދާޅުވީ، ސޯލިހުގެ ދަރިފުޅު ވާފިރު މުހައްމަދު އޭނާގެ ބައްޕައާ ހަވާލުވަންދެން ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ސޯލިހުގެ ކަންތައްތައް ރަށުގެ ބަޔަކު ބަލަހައްޓާ ކަމަށެވެ.
ކަނޑިތީމުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިއަދު ސޯލިހު އަވީގައި އޮވެ ހޫނު ވެގެން ތެޅެން ފެށީމާ އެ ރަށުގެ ބައެއް މީހުން އެތަނަށް އެއްވި އެވެ. އަދި އެކަމާ ގުޅިގެން ރަށު ކައުންސިލުގެ މެމްބަރުން ވެސް އެތަނަށް ގޮސް އޭނާ ގެއަށް ގެންދިޔައީ ކަމަށް ވެސް އޭނާ ބުންޏެވެ.
ސާލިހު މުހައްމަދަށް އަޅާލާނެ އެއްވެސް މީހަކު ނެތި ފަޅުގެއެއްގައި އެކަނި އުޅޭތާ އަހަރުތަކެއް ވެއްޖެ ކަމަށް ކަނޑިތީމު މީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ