މާލެއާއި ފުނަދޫ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މޮނޮރެއިލްއަކުން ގުޅާލުމަށް ބަޔަކާ ހަވާލުކުރިތާ ދެ އަހަރު ވެގެން ދިޔައިރުވެސް، އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށުނެވެ.
މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމި ފުނަދޫއާއެކު، އެއާޕޯޓާއި ވެރިރަށް މާލެ ގުޅާލުމުގެ މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފައިވެ އެވެ.
"ވެސްޓް ސައިޑު ކޮމާޝަލް ހަބް އެންޑް ރެއިލް ޓްރާންސްޕޯޓް ޑިވެލޮޕްމަންޓް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ އެމްއޯޔޫގައި ބީޔޫސީޖީއާއެކު ސޮއިކުރިކަން އެމްއޭސީއެލްއިން ހާމަކުރީ އޮކްޓޯބަރު 14، 2024 ގަ އެވެ.
މި މަޝްރޫއުގެ މަސައްކަތް އޮކްޓޯބަރު 2024 ގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކުރިއިރު، އޭގެ ކުރިން މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އޮތީ ހަވާލުކޮށްފަ އެވެ. އިފްޒާއާ އެ މަޝްރޫއު ހަވާލުކުރިކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މެއި 25، 2024 ގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.
އިފްޒާ އަކީ ރާއްޖޭގައި އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ވެސް ސަރުކާރުން ހަވާލުކޮށްފައިވާ ފަރާތެވެ.
އެމްއޭސީއެލް އިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މި އެމްއޯޔޫގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ކަމަށެވެ. ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ލުއޯ ވީ ކަމަށެވެ.
މާލެ، ފުނަދޫ އަދި ހުޅުލޭގެ އިތުރުން، އާ ސީޕްލޭން ޓާމިނަލް ބަދަލުކުރަން ނިންމާފައިވާ ފުރަނަފުށްޓާ ވެސް މި މޮނޮރެއިލް ވިއުގަ ގުޅާލާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މަޝްރޫއަށް ދެ އަހަރު ވެގެންދިޔައިރު، މިކަމަށް ބޭނުންވާ އެންމެ އަސާސީ އިދާރީ އަދި ބިމުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ.
ފުނަދޫގައި މިހާރު ހުރި ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތާއި، ފުރަނަފުށީގައި މިހާރު ހިންގަމުންދާ ޝެރަޓަން ރިސޯޓު ބަދަލުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ.
މި ދެންނެވުނު ބޮޑެތި ބަދަލުތައް ނުނިންމައި، މޮނޮރެއިލް މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށޭނެ އެއްވެސް ތާރީހެއް ނުވަތަ ގޮތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިފަދަ ހުވަފެނީ އެތައް މަޝްރޫއުއެއް މި ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރަސްމާލެ އާއި މާލެ ގުޅާލުމުގެ ކަނޑުއަޑީގެ ޓަނަލް އާއި އައްޑޫ ބުރިޖާއި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރު ހިމެނެ އެވެ.
ދެ އަހަރު ވެގެން ދިޔައިރު މޮނޮރެއިލް މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށުނު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ