މެންޗެސްޓާ (މެއި 26) - ދިހަ އަހަރަށް ފަހު، މެންޗެސްޓާ ސިޓީގެ ކޯޗުކަން ދޫކޮށްލަން ނިންމި މައިގަނޑު އެންމެ ބޮޑު ސަބަބަކީ ކްލަބް ދެމެހެއްޓެނިިވި ގޮތެއްގައި ކާމިޔާބީގެ މަަގުން ގެންދިއުމަށްޓަކައި ބޭނުންވާ ހަކަތަ އޭނާގެ ކިބައިގައި ނެތްކަން އަމިއްލަ އަށް ގަބޫލުކުރެވުން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީގެ ކޯޗުކަމާ ހަވާލުވާން ގާޑިއޯލާ، 2016 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމެއް ހެދީ، އެ އަހަރުގެ ޖުލައި 1 އިން ފެށިގެން ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކި ފަހަރު މަތިން އެއްބަސްވުން އާ ކޮށް، ޖުމްލަ އެކު، ސިޓީގައި 10 އަހަރު ހޭދަކުރި ގާޑިއޯލާ ވަނީ އެ ޓީމަށް ބޮޑު 17 މުބާރާތުގެ ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި، ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ އިތުރުން، ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ސަތޭކަ ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑާއި އެއް ސީޒަނެއްގައި، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިގެން، ޓްރެބަލް ވެސް ސިޓީގައި ހުރެ ގާޑިއޯލާ ވަނީ ފުރިހަމަކޮށްފަ އެވެ.
މެންޗެސްޓާ ސިޓީގެ ކޯޗަކަށް 10 އަހަރު ދުވަހު މަސައްކަތްކޮށް އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދި މަޝްހޫރު ކޯޗު، ސްޕެއިންގެ ޕެޕް ގާޑިއޯލާ މި ސީޒަން ނިމުމުން އެ މަގާމު ދޫކޮށްލަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައި.
އުމުރުން 55 އަހަރުގެ ގާޑިއޯލާ، ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި އެ ޓީމު ދޫކޮށްލުމާ ބެހޭގޮތުން ބީބީސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ، 10 އަހަރު ދުވަހު އެއް ކޯޗަކާ އެކު މަސައްކަތް ކުރުމަކީ ވެސް ވަރަށް ދިގު މުއްދަތެއް ކަމަށާއި ސިޓީ އަށް މިހާރު އާ ކޯޗެއް ބޭނުންވާ ކަމަށެވެ.
"ކްލަބަށް އާ ހަކަތައެއް އެބަ ބޭނުންވޭ. މިހާރު މި ކްލަބްގައި މި ތިބި އާދަޔާހިލާފު މޮޅެތި ކުޅުންތެރިން އެބަ ބޭނުންވޭ އާ ޗެޕްޓަރެއް ލިޔަން. އަހަންނަށް އިހުސާސްވީ ކޮންމެ ދުވަހަކު އައިސް މި ކްލަބަށް ބޭނުންވާ މަސައްކަތް ކުރަން އަހަރެންގެ ކިބައިގައި އެ ހަކަތަ ނުހުންނާނެއޭ. ކޮންމެ ތިން ދުވަހަކުން މެޗަކަށް ނުކުމެ، ތަށްޓަކަށް ވާދަކުރަން މަސައްކަތް ކުރަން. މި ކުޅުންތެރިންގެ ކުރިމަތީގައި ހުންނަން ދެން ބޭނުންވަނީ އާ މޫނެއް،" ގާޑިއޯލާ ބުންޏެވެ.
ސިޓީން އޭނާ ވަކިނުކުރާހާ ހިނދަކު މަގާމުގައި ހުރުމަކީ ވެސް ހައްލެއް ނޫން ކަަމަށާއި ބައެއް ފަހަރު އަމިއްލަ ނަފްސަށް ވެސް ކަންކަމުގައި ރަނގަޅު ގޮތް ވިސްނުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ގާޑިއޯލާ، ސިޓީ ދޫކޮށްލަން ނިންމިކަން އިއުލާނުކުރީ، ސިޓީއާ ވާދަކޮށް، އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކުރިތާ ތިން ދުވަސް ފަހުންނެވެ. އެކަމަކު، އިނގިރޭސި މީޑިއާތަކުން ގާޑިއޯލާ، ސިޓީ ދޫކޮށްލަން ނިންމާފައިވާކަމަށް ރިޕޯޓްކުރަމުން އަންނަތާ ހަފްތާއަކަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.
ގާޑިއޯލާގެ ފަހު މެޗުގައި، އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތަުން 2-1 އިން ބަލިވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސިޓީގެ ކޯޗުކަމާ ދެން ހަވާލުވާނީ ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް ކުރިން މަސައްކަތް ކުރި އިޓަލީގެ އެންޒޯ މަރެސްކާ އެވެ. ޗެލްސީ އަށް ކޮންފަރެންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަރެސްކާ އެ ޓީމުގެ ކޯޗުކަމުން ވަކިކުރި މިދިޔަ ޖެނުއަރީ މަހު އެވެ.
ގާޑިއޯލާ، ސިޓީ ދޫކޮށްލި ސަބަބަކީ "ހަކަތަ ނެތުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ