މިހިތް އެދޭތީ... 14
ދެން ހޭދަވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އިޒީ ގޮސް ގޮނޑީގައި އިށީނެވެ. ޔައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ******** "ތި ހުރީ އަހަރެންގެ އިންތިޒާރުގަތަ؟..." ކުރިން ވާހަކަ ދައްކާ ލާނެތް ރާގުގައި ޔައިލް އަހައިލިއެވެ. "ނޫން..." ޔައިލްގެ ޖުމުލަ ނުނިމެނީސް އިޒީއަށް ބުނެވުނެވެ. ޔައިލްގެ މޫނަށް ބަލަން އިން އިޒީ ވަގުތުން މޫނު އަނބުރައިލިއެވެ. އިޒީއަށް ހީވީ އޭނާ ވައްކަމެއް ކުރަނިކޮށް ފަޅާއެރި ހެންނެވެ. ޔައިލްއަށް އެހާ ފަސޭހައިން އިޒީގެ ހިތް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެ ހިތް ފޮތެއްހެން ނިއުޅިފައި ވަނީ ހެއްޔެވެ؟ އިޒީގެ މޫނުގައި އެ ހުރިހާ ކަމެއް ލިޔެވިފައި ވަނީ ހެއްޔެވެ؟ "އައި ސީ..." ޔައިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ. "ތިހާ މިސްވާއިރު ކީއްވެ ނުގުޅީ؟...." އިޒީގެ ހިތް އޭނާއަށް ބޭވަފާތެރިވީއެވެ. އަނެއްކޮޅުން ދޫވެސް ކެހި ދީފިއެވެ. ބުނެވޭ ކޮންމެ ޖުމުލައެއްވެސް ޔައިލްގެ ސުވާލަށް އެއްބަސްވާ ކަހަލައެވެ. ކޮންޕިއުޓަރުން މަސައްކަތެއް ކުރާކަމަށް ހެދިގެން އިނަސް، ލޮލުގެ ހިމަކޮޅުން އިޒީއަށް ބެލެމުން ދިޔައީ ޔައިލްގެ ހަރަކާތްތަކަށެވެ. "މިސްވާ ކަމަށް ހަމަ އެއްބަސްނުވާނަންތަ؟..." ޔައިލް އަހައިލިއެވެ. "މިސްއެއް ނުވޭ..." އިޒީ ދެކޮޅުހެދިއެވެ. "އަހަންނަށް ރަނގަޅީ، އަހަރެން ކުރިމަތީ ޔައިލް ނުހުރިއްޔާ.... ކުރިންވެސް ބުނީމެއްނު އެކަނި މަސައްކަތްކުރަން މާ ފަސޭހައޭ..." އިޒީގެ ޖުމުލަތަކަކީ ހަމައެކަނި ދުލުން ބޭރުކޮށްލި ޖުމުލަތަކެކެވެ. ހިތުގައި އޮތީ، އޭގެ އިދިކޮޅެވެ. ހިތް އެދުނީ އަބަދުވެސް ޔައިލް އޭނާގެ ކުރިމަތީގައި ހުރުމަށެވެ. "އޯކޭ..... އެހެންވީމަ އަހަރެން ދާންވީދޯ؟....." ޔައިލް އެނބުރި ދާންއުޅޭކަމަށް ހެދުނެވެ. އިޒީ އޭނާ ހުއްޓުވާނެކަން އެނގިހުރެއެވެ. އިޒީއަށް ކޮޅަށް ތެދުވެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. ޔައިލް ބޭނުންވުމުން އެނބުރި އައިސްފައި، ބޭނުންވުމުން އެނބުރި ދާން އެހާ ފަސޭހައީ ކީއްވެ ހެއްޔެވެ؟ އިޒީގެ އެކަނިވެރި ދިރިއުޅުމުން ޖާގަ ހޯދައި، އިތުބާރު ލިބުމުން، އަލުން އެ އެކަނިވެރިކަމުގެ ތެރެއަށް ދޫކޮށްލަން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އިޒީގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް މުތީތަކެއް ފަދައިން ބަބުޅަން ފެށިއެވެ. "އަހަންނަށް އެނގޭ ޔައިލް އަހަރެން ކުރިމައްޗަށް އަންނަން ބޭނުން ނުވާކަން... ދެން ކީއްވެ ތި އައީ؟..." ޔައިލް ކަންތައް ކުރީ އިޒީ އެދުނުގޮތަށް ކަމުގައިވިޔަސް، އިޒީގެ ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. ޝަކުވާ ކުރެވުނެވެ. އިޒީއަށް އިހުސާސްވީ އޭނާގެ އެކަނިވެރި ދިރިއުޅުމެވެ. އެ ދިރިއުޅުމުގެ ތެރެއަށް ޔައިލް އައި ގޮތެވެ. އެއަށްފަހު، އިޒީގެ ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތެވެ. މިހާރު އިޒީ ވަނީ ޔައިލްއަށް އާދަވެފައެވެ. އެ އަދާތަކަށް ހޭނިފައެވެ. އިޒީގެ އެކަނިވެރި ދިރިއުޅުމުން، ޔައިލްއަށް ޖާގައެއް ހުސްކުރެވިފައި ވަނިކޮށް، ޔައިލް އެނބުރި ދާ ތަން ބަލަން ހުންނަން ކެތް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ޔައިލް ފަސްއެނބުރުނުއިރު، އިޒީ ކަރުނަ ފޮހެލަނީއެވެ. އެއީ ބަލަން ހުންނަ މީހެއްގެ ހިތް ކަތިލާވަރުގެ ހިތްދަތި މަންޒަރެކެވެ. އިޒީގެ ދެކޯތާފަތް ރަތްވެފައިވާއިރު، ނޭފަތްވެސް އެފަދައެވެ. އަބަދުވެސް ހަރުކަށިކަން ދައްކައިގެން އުޅޭ، އެ ނާޒުކު އަންހެން ކުއްޖާ، ހިތުގައި ޖެހިފައިހުރިވަރު ބަޔާންކުރަން އިތުރު ހެއްކެއް ބޭނުމެއް ނުވެއެވެ. ޔައިލްގެ ހިތް ކުދިކުދިވިއެވެ. ކަރުނައަކީ އޭނާގެ ބަލިފައެވެ. ހާއްސަކޮށް، ޔައިލްގެ ދިރިއުޅުމުގައި ހާއްސަ މަގާމެއް ދެވިފައިވާ މީހަކު ރޯތަން ބަލަން އޭނާއަށް ދުރުގައި ނުހުރެވޭނެއެވެ. "އިޒީ!..." އަސަރުން ފުރިގެންވީ ރާގަކަށް ޔައިލްއަށް ގޮވައިލެވުނެވެ. ޔައިލްގެ އެ އޯގާތެރި ގޮވާލުމުން، އިޒީގެ ބަޑި ފަޅައިގެން ދިޔައެވެ. މޫނުގައި އަތް އަޅައިގެން ހުރެ ރޯން ފެށިއެވެ. ޔައިލްގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. އަމިއްލަ ހިތުގެ ޖަޒުބާތުތައް ސިއްރުކޮށްގެން ހުރެހުރެ، އޭނާ ވަރުބަލިވެއްޖެއެވެ. އެންމެފަހުން ޔައިލް ބިރުން އުޅުނު ކަންތައް ވެ ނިމުނެވެ. "ދެން އިތުރަށް މިހެން ނޫޅެވޭނެ..." ޔައިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، އިޒީގެ ކުރިމަތީގައި ހުއްޓުނެވެ. އިޒީގެ ދަތްދޮޅީގައި ހިފައި، ކުޑަކޮށް މައްޗަށް އުފުލައިލިއެވެ. "އައި ކާންޓް ޕްރިޓެންޑް އެނީމޯ... މި ހިތުގެ އިހުސާސްތައް ފޮރުވައިގެން ދެން ނޫޅެވޭނެ..." އިޒީ ގެނެސް މޭގައި ޖައްސައިލިއިރު، ޔައިލްގެ ދެލޯވެސް ކަރުނުން ފުރިއްޖެއެވެ. ހުދު ޔައިލްއަށްވެސް އަމިއްލަ ހިތުގެ މައްޗަށް ބާރު ނުފޯރުވުނީއެވެ. އޭނާ އިޒީގެ ދިރިއުޅުމަށް އައި މަގުސަދު ހަނދާން ހުއްޓަސްމެއެވެ. ލޯތްބަކީ، އެހެން ހުރިހާ އިހުސާސެއްގެ މައްޗަށް ގަދަވެގަންނަ އިހުސާސެއްކަން، ކުރިން އެނގުނުނަމަ، އިޒީގެ ދިރިއުޅުމަށް ޔައިލް ނުވެސް އައީހެވެ. އެހެނަސް، މިއަދު ހުރިހާ ކަމެއް ބަދަލުވެ، މާޒީވެއްޖެއެވެ. ******** ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ބަނދަރަށް އެއްވެފައި އޮތެވެ. ފޮށިތަންމަތި ހިފައިގެން ފުރަން ގޮސްތިބި މީހުންގެ ތެރޭގައި އާގިސާ އާއި ފަރުހާދު ވެސް ހިމެނެއެވެ. ދެ މީހުންގެ މޫނުންވެސް ފެނުނީ އުފާވެރިކަމެވެ. އެތައް ދުވަހެއް ފަހުން އިޒީ ފެންނާތީ، އާގިސާއަށް އުޅެފައި ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ. އުފާވެރިކަމާއި އެއްވަރަށް އާގިސާގެ މޫނުން، ކަންބޮޑުވުމުގެ އަސަރު ވެސް ފެންނަން ހުއްޓެވެ. ކިތަންމެ ސިއްރުކޮށްގެން ހުއްޓަސް، ފަހުވަގުތު ފަރުހާދަށް ހަގީގަތް އެނގޭނެކަން އާގިސާއަށް ޔަގީންވިއެވެ. "އިޒީއަށް ގުޅިންތަ؟..." ބޯޓަށް އަރައި، ހަމަޖެހިލަމުން އާގިސާ އަހައިލިއެވެ. "އަދި ހަނދާންނެތިފައޭ މިހުރީ އެމަންޖެއަށް ގުޅަން... އާގިސާ ވެއްޖެވިއްޔަ މުޅި ރަށް ހިފައިގެން މާލެދާން... އެ ހުރިހާ ކަމަކާ އުޅެފަ، އެންމެ މުހިއްމު ކަންތަކެއްނު ބޮލުން މި ކައްސާލީ..." ފަރުހާދު ފޯނު ނެގިއެވެ. އިޒީއަށް ގުޅަން އުޅުނެވެ. "ދެން މިގަޑީ ކީއްކުރަން ތި ގުޅަނީ؟... އެމަންޖެ އިންނާނީ އޮފީހުގައޭ..." އާގިސާ ފޯނު އަތުލިއެވެ. "ހަނދާންވީއިރަކުންނެއްނު ގުޅޭނީ..." ފަރުހާދު ދެފަރާތަށް ބޯ ހޫރައިލިއެވެ. "މާލެދާއިރު، ބުނެލަންވާނެދޯ.... އެމަންޖެ ކައިރިއަށްވިއްޔަ މި ދަނީ... ފަރުހާދު ކައިރީ ބުނީމެއްނު ތަންކޮޅެއް ކުރިން ގުޅާލާށޭވެސް... ކޮންމެ ކަމެއް ހަނދާން ނައްތާލާތީއޭ އަހަރެން ހިތްހަމަނުޖެހެނީ...." އާގިސާ ހިތްހަމަނުޖެހިގެން އަނެއް ފަރާތަށް އެނބުރުނެވެ. "އާގިސާ ހަމަޖެހިބަލަ..." ފަރުހާދު މަސައްކަތް ކުރީ އާގިސާ ހަމައަކަށް އަޅުވާށެވެ. "ލެފެން ކައިރިވީމަ ދެން ގުޅާނީއޭ.... އަސްލު އެކަމަކާ ނޫންދޯ ހިތްހަމަނުޖެހިގެން ތިއުޅެނީ؟... ބުނެބަލަ ވެގެން ތިއުޅޭ ގޮތެއް.... އަހަންނަށް އާގިސާ އެނގޭތީއޭ މި އަހަނީ...." ކުޑަ އިރުކޮޅެއްގެ ހިމޭންކަމަށްފަހު، އެނބުރުނުއިރު، އާގިސާ ރޮނީއެވެ. އެފަދަ ގޮތަކަށް އާގިސާ ރޯތަން ފަރުހާދަށް ފެނިފައިވަނީ މަދު ފަހަރަކުއެވެ. އެފަދަ ކޮންމެ ކަމެއް ގުޅިފައިވީ އިޒީއަށެވެ. މިއަދުވެސް އާގިސާ ރޯނީ، އިޒީގެ ކޮންމެވެސް ކަމަކާއި ކަން ފަރުހާދަށް ވިސްނުނެވެ. "އެއްކަލަ މެސެޖުތައް އަނެއްކާވެސް އަންނަން ފަށައިފި..." އާގިސާ ދިއްކޮށްލީ އޭނާގެ ފޯނެވެ. ފަރުހާދު ފުންމައިގެން ތެދުވިއެވެ. އާގިސާގެ އަތުން ފޯނު އަތުލައިގެން ހުރިހާ މެސެޖުތަކެއް ކިޔެވެ. ފަރުހާދުގެ މޫނުން ހާސްކަން ފެނިގެން ދިޔައެވެ. "މިހާ ދުވަސްވީއިރު، ކީއްވެ ސިއްރުކޮށްގެން ތިހުރީ؟..." ފަރުހާދު ހިތްހަމަނުޖެހުނެވެ. "މިކަންތައް މިހާރު އެމަންޖެއަށް އަންގަން މާ ލަސްވެސްވެއްޖެ... މިހެން ތިއްބާ ދެރަގޮތެއްވެއްޖެއްޔާ، މާ ދެރަ...." "ތިކަހަލަ ވާހަކަ ފޯނުން ދެއްކުން އެހާ ރަނގަޅެއް ނުވާނެއޭ..." އާގިސާ މަސައްކަތް ކުރީ، ފަރުހާދަށް ވިސްނައިދޭށެވެ. ******** ޔައިލް އާއި ދުރަށްޖެހުނުއިރު، އިޒީގެ މޫނުން ފެންނަން ހުރީ ލަދުވެތިކަމެވެ. ޔައިލްގެ މޭގައި ލައްވެލައިގެން ހުރިއިރު، އެ ހިތުގެ ތެޅުމުގެ އަޑު ސާފުކޮށް އޭނާއަށް އިވުނެވެ. ހިތުގެ ހުރިހާ ޝަކުވާއެއް ބޭރުވާ ވަރަށް އެ މޭގައި ލައްވެލައިގެން ހުރެ، އޭނާ ރުޔެވެ. ކަރުނައިގެ އަސަރު އަދިވެސް އެހުރީ ޔައިލް ލައިގެން ހުރި ގަމީހުގެ މޭމަތިން ފެންނާށެވެ. އެއީ އިޒީއަށް މުޅީން ތަފާތު އިހުސާސެއް ކުރުވި ކަމެކެވެ. އެކަނި އޮވެ، ބާލީސް ތެމޭވަރަށް އޭނާ ރޮޔެވެ. އެހެނަސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ޝަކުވާތައް ހުހެއް ނުވެއެވެ. އެހެނަސް، ޔައިލްގެ އެންމެ އަމަލަކުން، އިޒީގެ ހިތަށް ތަސައްލީ ލިބިއްޖެއެވެ. ޔައިލްގެ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް އިހުސާސްވިއެވެ. ޔައިލް ހުރީ އިޒީގެ އަތުގައި ހިފައިލައިގެންނެވެ. މަޑުމަޑު އެ އަތްތިލައިން ދޫކޮށްލާކަށް އޭނާގެ ހިތެއް ނުރުހުނެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އެހެން ހަރުފަތަކަށް ދިޔައީ، އެކަކުވެސް އުއްމީދުކުރިފަދަ ގޮތަކަށް ނޫނެވެ. "އަހަންނަކަށް ނޭނގެ، އަހަރެންގެ ހިތް އަހަންނަށް ބޭވަފާތެރިވާންފެށީ ކޮން އިރަކު ކަމެއްވެސް..." އިޒީގެ ރަތްވެފައިވާ ދެލޮލުން، ރަކި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ތުންފަތަށް ބަލައިލަމުން، ޔައިލް ބުނެލިއެވެ. "އިޒީގެ ކޮންމެ ކަމެއް އަހަންނަށް ނޯޓިސްވޭ، ތި މަޑުމައިތިރިކަން، ރުޅި، ހިނިތުންވުން، ހާއްސަކޮށް، އެ ހުރިހާ އިހުސާސެއް ފޮރުވަން މަސައްކަތްކުރާގޮތް ހާދަ ހިތްގައިމޭ.... އަހަރެންގެ ހިތް ކަތިލައިފި....." އިޒީ ކުރިއަށްވުރެ ބޮޑަށް ލަދުގަތެވެ. އަތް ދަމައިގަތެވެ. އެފަދަ ޝާއިރީ ބަސްތަކުން، އިޒީގެ ހިތް ދީވާނާ ކުރުވާނެހައި ކެރުންތެރިކަން ޔައިލްގެ ހުރެދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. "ލަދުގަތީތަ؟..." ޔައިލް ހިނިތުންވެލިއެވެ. ޔައިލްގެ ކުރިމަތީގައި މިހާރު ހުރީ، އޭގެ ކުރިން އޭނާއަށް ފެނިފައިނުވާ އިޒީއެކެވެ. އެ ރަކި ހިނިތުންވުން ބަލާބަލައި ފޫހިނުވާހާ ހިތްގައިމެވެ. ލަދުގަނެފައި ހުންނައިރު، ވަކީން ލޯތްބެވެ. ކުރިއަށްވުރެ މައުސޫމެވެ. ޔައިލްގެ ހިތް އެދުނީ އަނެއްކާވެސް އެ އަންހެންކުއްޖާ އޭނާގެ އަތުގެ ތެރޭގައި ހައްޔަރުކޮށްލުމަށެވެ. މޭގައި ފޮރުވައިލުމަށެވެ. އެހެނަސް، އަމިއްލަ ހިތުގެ އިހުސާސްތަކުގެ މައްޗަށް އޭނާ ބާރު ފޯރުވިއެވެ. "ކީއްވެ ތިކަހަލަ ވާހަކަ ދައްކަނީ؟..." ވަރަށް ނުކެރި ހުރެފައި އިޒީ ބުނެލިއެވެ. "ކިހިނެއްވީ؟..." ޔައިލް ކަންބޮޑުވީ އިޒީ ހިތްހަމަނުޖެހުނީ ކަމަށް ހީކޮށެވެ. "އެއީ، އެއީ..." އިޒީއަށް ބުނަން އުނދަގޫވިއެވެ. "ކަންކަން ބަދަލުވާތީ..." ޔައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އިޒީ ބުނަން އުޅޭ އެއްޗެއް އޭނާއަށް ފަހުމުވި ކަހަލައެވެ. "ހީވަނީ ހުރިހާ ކަމެއްވެސް މިހާރު ބަދަލުވެއްޖެހެން... މިކުއްޖާވެސް..." ޔައިލްގެ އަޑުގައިވީ ޔަގީންކަމެވެ. "އަހަންނަށް ހީވަނީ، އަހަންނަށްވެސް ތި އިހުސާސް ކުރެވޭހެން..." އިޒީ ވާހަކަދެއްކީ ދުރުދުރުންނެވެ. ޤާޒީންގެ ކުރިމަތީގައި ފަސްޖެހުމެއްނެތި ވާހަކަ ދައްކާ އިޒީއަށް ޔައިލްގެ ކުރިމަތީގައި ވާހަކަ ދައްކަން ފަސޭހައެއް ނުވިއެވެ. ޔައިލްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ. އިޒީގެ އިއުތިރާފާއިއެކު، ޔައިލްގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ. މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އިޒީގެ ފިނިވެފައިވާ އަތްތިލައިގައި ހިފައިލިއެވެ. އެ އަތުގެ ހިމަ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހައިލީ އިޒީގެ، ފުރިހަމަ އިޒުނަ ލިބިގެންނެވެ. "އިޒީ!..." ޔައިލް ގޮވައިލީ، އޭގެކުރިން ދުވަހަކުވެސް ނުގޮވާހައި ލޯބިންނެވެ. އެކަކު އަނެކެއްގެ ދެލޮލުގެ ތެރެއަށް ގެނބެމުން ދިޔައިރު، ވަށައިގެންވި މަންޒަރު ދެމީހުންނަށްވެސް ނުފެންނަ ފަދައެވެ. ތިބެވުނީ ކޮން ތަނަކުކަންވެސް ހަނދާން ނެތުނެވެ. "ލަވް ޔޫ...." ޔައިލް ކުރިއަށްވުރެ ބޮޑަށް އިޒީ އާއި ގާތްވެލިއެވެ. އެކަކު އަނެކަކު ބުނަން ބޭނުންވި ވާހަކަތައް ބުނެދިނީ ދެމީހުންގެ ނަޒަރުންނެވެ. ފޯނު ރިންގުވާން ފެށި އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. އިޒީ ތެޅިގަތެވެ. އޭނާއަށް ހަމަހޭވެރިކަންވީއިރު ޔައިލް ކޮށްޕައިލެވިއްޖެއެވެ. ޔައިލް ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫންކަމުން، އޭނާ ގޮސް ޖެހުނީ މޭޒުގެ ކަނުގައެވެ. އެވަގުތު، ކެބިންގެ ދޮރުގައި ޓަކި ޖަހައިލާފައި ސާރާ އެތެރެއަށް ވަދެއްޖެއެވެ. ޖެހުނުގޮތަކުން ޔައިލް ހުރީ ގުޑިވެސް ނުލެވިފައެވެ. އެކަން އިހުސާސްވުމުން، އިޒީ ދެރަވިއެވެ. ކުރެވުނު ކަންތަކަށް އަމިއްލަ ނަފުސަށް އަޑު ލިއެވެ. އެކަމަކު، ސާރާ އެތެރެއަށް ވަނުމުން، އިޒީއަށް ޖެހުނީ ނޫންކަމަށް ހަދައިގެން ހުންނާށެވެ. އަވަސް އަވަހަށް މޭޒުމަތިން ފޯނު ނަގަން ހަދައިގެން އިޒީގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ސާރާ ފަހަރަކު މީހަކަށް ބަލައިލާފައި، އިޒީގެ މޭޒު ކައިރީގައި ހުއްޓުނެވެ. ދެމީހުން ތިބިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ. "ބައްޕަ އެ ގުޅަނީ... މި ކޯލު އެބަ ނަގަން..." ސާރާއަށް ބަލަން ހުރެ، އިޒީ ބުނެލިއެވެ. "އިންޒާރު ދިނީތަ؟..." ޔައިލްގެ ކައިރިއަށް ޖެހިލަމުން ސާރާ ވައި އަޑުން އަހައިލިއެވެ. އިޒީ ދެލޯ ހަނިކޮށްލާފައި ޔައިލްއަށް ބަލައިލީ، އެއީ ހަމައެކަނި އޭނާގެ ހައްގެކޭ ބުނާ ފަދައިންނެވެ. އިޒީގެ އަމުރަށް ކިޔަމަންވަމުން، ޔައިލް އަވަސް އަވަހަށް ސާރާ އާއި ދުރަށްޖެހުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ