ވިޖޭގެ ވަދާއީ ފިލްމު އަންނަ މަހު ސިނަމާތަކަށް؟
ދާދިފަހުން އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ މަގާމާ ހަވާލުވި މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭގެ ވަދާއީ ފިލްމު 'ޖާނާ ނަޔަގަން' މި ފެށޭ ޖޫން މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ވިޖޭގެ މި ފިލްމަކީ އެކްޓަރުގެ ސިޔާސީ ދަތުރު ފެށުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭން ނިންމި ކެރިއަރުގެ އެންމެފަހު ފިލްމެވެ. ނަމަވެސް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސަޓިފިކޭޝަން (ސީބީއެފްސީ)ގައި ތާށިވެ، ފަސް މަސް ދުވަސްވީއިރު ވެސް މި ފިލްމު ބެލުންތެރިންނާ ހަމައަށް ވަނީ ގެނެސްދެވޭގޮތް ނުވެފައެވެ. ނަމަވެސް ފަހުގެ ފިލްމީ ޚަބަރުތައް ބުނާގޮތުން ބައެއް ޓިކެޓް ބުކިންގް ޕްލެޓްފޯމްތަކުގައި ފިލްމު ރިލީޒްކުރާ ތާރީހަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން "ޑިސްޓްރިކްޓް" އެޕްގައި މި ފެށޭ ޖޫން މަހުގެ19ގައި ފިލްމު ރިލީޒްކުރާނެ ކަމަށް ދައްކާއިރު، "ބުކް މައި ޝޯ"ގައި ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެފައި ވަނީ ޖޫން މަހުއެވެ. ފިލްމު 'ޖާނާ ނަޔަގަން'ގެ މަންޒަރެއްގައި ވިޖޭ އަދި ބޮބީ ޑިއޯލް--ފޮޓޯ/ކޮއިމޮއި މި ފިލްމު ގެނެސްދޭ ކޭވީއެން ޕްރޮޑަކްޝަންސްއިން ފިލްމު ރިލީޒްކުރާނެ ވަކި ތާރީހެއް މިހާތަނަށް ކަށަވަރުކޮށްދީފައި ނުވިނަމަވެސް، ޕްރޮޑިއުސަރު ވެންކަޓް ކޭ. ނާރާޔަނާ މިދިޔަ ހުކުރު ދުވަހު މީޑިއާއާ ވާހަކަދައްކަމުން ބުނީ، ފިލްމުގެ ސެންސަރު ސެޓްފިކެޓަށް އަދިވެސް އިންތިޒާރު ކުރަމުންދާ ކަމަށެވެ. "މިއީ ފިލްމު 'ޖަނަ ނާޔަގަން'އާ ބެހޭގޮތުން ވާހަކަދައްކަން އެންމެ މުނާސަބު ތަނެއް ނޫން. ނަމަވެސް، އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ސެޓްފިކެޓް ލިބޭނެ ވަގުތަކަށް. ވަރަށް އަވަހަށް ސެޓްފިކެޓް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. ސެޓްފިކެޓް ލިބުނުހާ އަވަހަކަށް، އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ފިލްމު ރިލީޒް ކުރާނަން،" ޕްރޮޑިއުސަރު ވެންކަޓް ބުންޏެވެ. ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ 'ޖާނާ ނަޔަގަން' އަކީ އެޗް ވިނޯދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓްގައި ބޮބީ ޑިއޯލް، ޕޫޖާ ހެގްޅޭ، ޕްރަކާޝް ރާޖް، ޕްރިޔަމަނީ އަދި ނައްސާރް ފަދަ ތަރިން ހިމެނެއެވެ. މި ފިލްމު އެންމެ ފުރަތަމަ ސެންސަރު ބޯޑަށް ހުށަހެޅީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ ބޯޑުން ވަނީ ފިލްމުގެ ބައެއް މަންޒަރުތައް އުނިކުރުމަށްފަހު "ޔޫ/އޭ" ސެޓްފިކެޓެއް ދޫކުރެވިދާނެ ކަމަށް ލަފާދީފައެވެ. ނަމަވެސް، ފަހުން ހުށަހެޅުނު ބައެއް ޝަކުވާތަކާ ގުޅިގެން ފިލްމު އަލުން މުރާޖައާކުރާ ކޮމިޓީއަށް ފޮނުވުނެވެ. މި ފިލްމު ރިލީޒްކުރަން ކަނޑައެޅި ތާރީޚު ފަސްވުމުގެ ސަބަބުން ފިލްމުގެ ބައިނަލްއަގުވާމީ ވިޔަފާރި އާއި ޑިސްޓްރިބިއުޝަން އެއްބަސްވުންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ވިޖޭ ތުހުމަތުކުރާ ގޮތުގައި، މި ފިލްމު ލަސްކުރުމަކީ އޭރުގެ ސަރުކާރުން އޭނާއާ ދެކޮޅަށް ރޭވި ރޭވުމެކެވެ. މީގެ އިތުރުން، މިދިޔަ މަހު ފިލްމުގެ ބައެއް މަންޒަރުތަކާއި މުޅި ފިލްމުގެ އެޗްޑީ ކޮޕީތަކެއް ބަޔަކު މީހުން ވަނީ އިންޓަނެޓުގައި ލީކުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައެވެ. ކަންމިހެން ހުރި ނަމަވެސް، ރަސްމީ ސެޓްފިކެޓް ލިބި، ފިލްމުގެ ޓީމުން ރަސްމީކޮށް އިއުލާނު ކުރަންދެން "ޖަނަ ނާޔަގަން" ރިލީޒް ކުރާނެ ތާރީހެއް އަދިވެސް އޮތީ ކަށަވަރު ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ