ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދުތައް މަތިވެފައި ވަނިކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނު ސަރަހައްދަށާއި ކަނޑުގެ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތަކާ އެކު މަސްރަހު އަލުން ހޫނުވެ، ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ސުވާލުތަކެއް ކުރިމަތިވެފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ދިން މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ދެކުނުގައި ހުރި މިސައިލް ސައިޓްތަކަށާއި، ކަނޑުގެ ސަރަހައްދުގައި މައިނު އަޅަން އުޅުނު އުޅަނދުތަކަކަށެވެ.
މި ހަމަލާތައް ކުރިމަތިވީ ފެބްރުއަރީ 28 އިން ފެށިގެން ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެންމެ ފަހުގެ މަޝްވަރާތަކަށް އީރާނުގެ އިސް މަންދޫބުން ގަތަރުގެ ދޯހާއަށް ވަޑައިގަތް ވަގުތާ ދިމާކޮށެވެ.
މީގެ އިތުރުން، މި ހަމަލާތަކާ ދިމާކޮށް އިސްރާއީލުން ވެސް ވަނީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައެވެ.
މި ހަމަލާތަކުގެ ސަބަބުން ދާއިމީ ސުލްހައަކަށް ކުރާ އުންމީދުތަކަށް ހީނަރުކަމެއް އައި ނަމަވެސް، އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވިއެވެ.
ރޫބިއޯ އިތުރަށް ހާމަކުރެއްވި ގޮތުގައި، ޓްރަމްޕް ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރާށެވެ. ނަމަވެސް ޓްރަމްޕް ނިންމާނީ ހަމައެކަނި ރަނގަޅު އެއްބަސްވުމެއްގައި ސޮއިކުރަން ކަމަށާއި، އެ ނޫން ނަމަ އެއްވެސް އެއްބަސްވުމެއް ނުހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބާއްވަންޖެހޭނެ ކަމަށާއި، އެތަނުގައި ހިނގަމުންދާ ޣައިރުގާނޫނީ ކަންކަމަކީ ދުނިޔެއަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ރޫބިއޯ ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު މި އަހަރުގެ ފެބްރުއަރީ މަހުގެ 28 އިން ފެށިގެން ކުރިއަށްދާ މި ހަނގުރާމަ ހޫނުވެފައި ވަނީ، މެދުއިރުމަތީގެ ސަރަހައްދީ ނުފޫޒާއި ސަލާމަތީ ކަންކަމާ ގުޅިގެން އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިންނެވެ.
މީގެ ކުރިން ވެސް އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވެއެވެ. މި ބޮޑު ކަނޑުއޮޅި އަލުން ހުޅުވުމަށާއި، ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ގަތަރުގެ މެދުވެރިކަމާއެކު ދޯހާގައި މަޝްވަރާތައް ބާއްވަމުން ދިޔަ ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މަސްރަހު ދަނީ ދުވަހުން ދުވަހަށް ބަދަލުވަމުންނެވެ.
ސުލްހައިގެ ވާހަކަތަކާ ދިމާކޮށް އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ