ނައިފަރު އަދި އޮޅުވެލިފުށި ޕްރީސްކޫލަށް ބޭނުންވާ ފަރުނީޗަރު ނައިފަރު ދާއިރާގެ މެމްބަރު ހަދިޔާކުރައްވައިފި

ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ޅ. ނައިފަރު ދެ ޕްރީސްކޫލްއަށާއި ޅ. އޮޅުވެލިފުށި ޕްރީސްކޫލް އަށް ބޭނުންވާ ފަރުނީޗަރގެ އިތުރުން އެޑިއުކޭޝަނަލް ޓޯއީސް ހަދިޔާ ކުރައްވާފި އެވެ.
އަޙްމަދު ޝިޔާމްގެ މަންމަގެ ނަމުގައި އުފައްދާފައިވާ ފާތިމަތު ޙަސަންފުޅު (އެފްއެޗް) ފައުންޑޭޝަންގެ ނަމުގައި ހަދިޔާކުރެއްވި ތަކެތި ސްކޫލްތަކާއި ޙަވާލު ކުރެއްވުން އޮތީ އެޕްރީސްކޫލް އެއްގައި ވަކިވަކިން ކުރިޔަށްދިޔަ ރަސްމިއްޔާތުތަކެއްގައި ރަށުކައުންސިލްގެ މެމްބަރުންނާއި ބެލެނިވެރިންގެ ހާޒިރުގައެވެ.
ޅ.އޮޅުވެލިފުށި އަދި ނައިފަރު ދެ ޕްރީސްކޫލަށް ތަކެތި ހަދިޔާކުރުމުގެ ރަސްމިއްޔާތުތަކުގައި ނައިފަރު ކައުންސިލްގެ ރައީސްގެ އިތުރުން މެމްބަރުންނާއި، އަތޮޅުކައުންސިލްގެ ނައިބުރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދާއިރާގެ ބޭރުން ޅ. އޮޅުވެލިފުށި ޕްރީސްކޫލަށް މިފަދަ އެހީތެރިކަމެއް މެމްބަރ ޝިޔާމް ފޯރުކޮއްދެއްވީ މީގެ ދުވަސްކޮޅެއްކުރިން އޮޅުވެލިފުށި ޕްރީސްކޫލްގެ ޓީޗަރުންނާއި ބައްދަލު ކުރެއްވި ކުރެއްވުމެއްގައި ޓީޗަރުންގެ ފަރާތުން އެކަމަށް އެދި ހުށަހެޅުމުންނެވެ. މީގެ އިތުރުން ޝިޔާމްވަނީ އޮޅުވެލިފުށީ މަދަރުސާގެ 3 ޓީޗަރުންގެ ޑިޕްލޮމާ ކޯސް ސްޕޮންސަރ ކުރައްވާފައެވެ.
"މިއީ މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑު އޮޅުވެލިފުށި މަދަރުސާގެ ޓީޗަރުންނާއި ބައްދަލުކުރި ފަހަރެއްގައި ޓީޗަރުންގެ ފަރާތުން އަޅުގަނޑަށް ކުރެއްވި ރިކުއެސްޓެއް. އަޅުގަނޑު ދެންނެވިން ﷲގެ އިރާދަފުޅާއިއެކު އެކަން މަގު ފަހިކޮށްދޭނަމޭ. މިއަދުންފެށިގެން ތުއްތު އެކުދިން ތިބޭނީ އެންމެ ޒަމާނީ ފެންވަރުގެ އެކުދިންނާއި ރައްޓެހި މޭޒާއި ގޮނޑީގައި." މެމްބަރ ޝިޔާމް ވިދާޅުވިއެވެ.
އޮޅުވެލިފުށިން ވާހަކަދެއްކެވި ޓީޗަރަކު ވިދާޅުވީ ނައިފަރުދާއިރާގެ މެމްބަރ ޝިޔާމަކީ ނައިފަރަށް ގިނަގޮތްގޮތުން އެހީތެރިކަން ފޯރުކޮއްދޭ މެމްބަރަކަށްވުމުން އެބޭފުޅުންވެސް އެކަމަށް އެދުނީ ވަރަށް އުންމީދާއި އެކުގައި ކަމަށެވެ. އަދި އެހާ އަވަހަށް އެކަންތައް ކޮއްދެއްވި ކަމަށްޓަކައި ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން ޚާއްޞަކޮށް އޮޅުވެލިފުށީ ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރާ ކަމަށް ޓީޗަރު ވިދާޅުވިއެވެ.
މީގެކުރިން އޮޅުވެލިފުށި ޕްރީސްކޫލްގައި އެއްވެސް މިންވަރަކަށް ގޮނޑިއާއި މޭޒު އަދި ފަރުނީޗަރ ފަދަ ތަކެތި ނެތްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ