ޔާމީން ސިންގަޕޫރަށް ހުރިހާ ދަތުރުކުރީ ވަގުޑީލު ހަދަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ސިންގަޕޫރަށް ކުރެއްވި ކޮންމެ ދަތުރަކީ ވަގުޑީލު ހަދަން ކުރި ދަތުރުތަކެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ތުހުމަތު ކުރައްވައިފި އެވެ.
ފަލާހު މިހެން ވިދާޅުވެފައިމިވަނީ ހދ. ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމަށް އުޅޭ ކަމަށް ޔާމީން ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. އެ ގޮތުން އެކަމުގެ މަޝްވަރާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ޔާމީނަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ބަލިވެގެން ކަމަށް ހަދާފައި، ސިންގަޕޫރަށް ކުރި ކޮންމެ ދަތުރެއް ކުރީ، ވަގުޑީލު ހަދައި ދައުލަތް ލޫޓުވަން ކަމަށެވެ. އަދި އެހެން ވެރިން ވެސް އެކަން އެގޮތަށް ކުރާނެ ކަމަށް ޔާމީނަށް ހީވަނީ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
ޔާމީން ކުރެއްވި ތުހުމަތުތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ދޮގުކުރައްވާފަ އެވެ.
"ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއި ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނު ދޮގެއް،" ސައީދު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަމުން އަންނަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.
މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. މި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ