ކޯލިޝަންގެ މެންބަރުން އަމިއްލަ ގޮތުން ވާދަކުރުމުން ގެއްލުންވި: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ޕާޓީތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން ވާދަކުރުމުން ކޯލިޝަނަށް ކާމިޔާބު ކުރެވެން ހުރި ގިނަ ގޮނޑިތަކެއް ގެއްލުނީތީ ހިތާމަކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއާ ގުޅޭގޮތުން މިއަދު މާފަންނު ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ޖުމުހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރި 28 ދާއިރާގެ ތެރެއިން އަށް ދާއިރާއަކަށް ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެފައިވާ ބޭފުޅުން އަމިއްލަގޮތުން ވާދަކުރެއްވި ކަމަށެވެ.
އެހެންވުމުން ކޯލިޝަނަށް އެގޮނޑިތައް ގެއްލި އިދިކޮޅު ކެންޑިޑޭޓުންނަށް އެކަމުގެ ފައިދާ ކޮށްފައިވާކަން މިހާރު ހާމަކޮށްފައިވާ ވަގުތީ ނަތީޖާއިން ފެންނަން އެބައޮތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކުރި ތިން ދާއިރާއެއްގައި ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި މީހުން ވާދަކުރުމުން އެ ތިން ގޮނޑިވެސް ކޯލިޝަނަށް ގެއްލިފައިވާކަން ގާސިމް އިބުރާހިމް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކަންތައް ކޮށްފިނަމަ ޕާޓީން އެމެންބަރަކު ވަކިކުރާނެ ކަން ހާމަކޮށްފައި ވީނަމަވެސް ޕީޕީއެމުންވެސް އަދި ޖޭޕީންވެސް އެފިޔަވަޅު އަދި މިހާތަނަށް އަޅާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ކޯލިޝަނަށް އެދާއިރާތަކުގެ ގޮނޑިތައް ގެއްލުން އެއީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އަމިއްލަ އެދުން ފަހަތަށް ޖައްސާ ގައުމު އިސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް އިބުރާހިމް ވިދާޅުވި އެވެ.
މިހާރުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އިންތިހާބުގައި ކޯލިޝަނާ ޗެލެންޖް ކުރުމަށް ނިކުތް އަދާލަތު ޕާޓީއަށް ކާމިޔާބުވީ އެންމެ ގޮނޑިއެއްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އަދާލަތު ޕާޓީގެ ކެންޑިޑޭޓުންގެ ސަބަބުން އެތައް ދާއިރާއެއް ކޯލިޝަނަށް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުމުން ކުރިއެރުން ލިބުނީ އިދިކޮޅު ފަރާތަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ބޭނުންތެރި ބިލްތަކެއް ފާސްކޮދެއްވާ ރައްޔިތުންގެ ހައްގުގައި އެންމެ ފުރިހަމައަށް ވަކާލާތު ކުރައްވާނެ މެންބަރުންތަކެއް ތިއްބަވާ މަޖިލީހަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވުމަށް މަސައްކަތް ކުރައްވާނީ ޝަރުއީ ދާއިރާ ކުރިއެރުވުމަށް ކަމަށާއި ކޯޓުތައް ހިންގުމަށް ފުރިހަމަ އިމާރާތްތަކެއް ނެތުމަކީ ޝަރުއީ ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބުރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން އެނގިގެންދާ ހަގީގަތަކީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން ކޮށްދިން ކަންތައްތައް ރައްޔިތުން ބަލައިގެންފައިވާކަން ކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުގެ ކާމިޔާބު ދަތުރު ކުރިއަށް ގެންދިއުމަށް ދިވެހި ރައްޔިތުން ބޭނުންވާ މިންވަރު ހާމަވެއްޖެ ކަމަށާއި އެންމެން ގުޅިގެން ރައްޔިތުންގެ އެ އުމީއްދުތަކުގައި ކުލަޖައްސައިދޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ