ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ސަރުކާރާއި އިތިއޯޕިއާގެ ސަރުކާރާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޯހަންސް އަބޭރާ ބެލޭޓޭ އެވެ.
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން އިތިއޯޕިއަން އެއާލައިންސްއިން އެ ގައުމުގެ ވެރިރަށް އެޑިސް އަބަބާއާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާއެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު. އަދި އިތިއޯޕިއަން އެއާލައިންސްއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން. އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އެއާލައިން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.  
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވުމާއެކު، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިންވެސް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އޭގެއިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ވަރުގަދަވެ، އިގްތިސާދީ ގޮތުން ދެ ގައުމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. 
އިތިއޯޕިއާއަކީ ރާއްޖެއިން ވަައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި ހަ ވަނަ ގައުމެވެ. އޭގެ ކުރިން ރާއްޖެއިން މިފަދަ އެއްބަސްވުންތައް މޮރިޝަސް، ސީޝެލްސް، ދެކުނު އެފްރިކާ، ރުވާންޑާ އަދި މިސްރާއެކުވެސް ގާއިމުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ