އިންޑިޔާގެ ޖަންތަރު މަންތަރުގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) އިން ތިން ހަފްތާއާ ގާތްކުރާ މުއްދަތަކަށް ކުރިއަށްގެންދިޔަ މުޒާހަރާތަކާއި، އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން، އެންމެ ފަހުން ސަރުކާރުން މިދިޔަ ހޯމަ ދުވަހު އަމަލީ ފިޔަވަޅު އަޅަން ފަށައިފިއެވެ. އެގޮތުން ޔޫނިއަން މިނިސްޓަރ ޖޭ.ޕީ ނައްޑާ ވަނީ ސީ.ޖޭ.ޕީގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.
ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް ބަޔަކު ޕާލަމެންޓާ ދިމާލަށް މާރޗް ކުރަމުންދަނިކޮށް، ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން ސީނިއަރ މިނިސްޓަރަކު "ދަ އިންޑިއަން އެކްސްޕްރެސް" އަށް ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ ޝަކުވާތައް އަޑުއަހާފައިވާ ކަމަށާއި، ނަމަވެސް އެމީހުންގެ ހުށަހެޅުންތަކަށް އެއްވެސް އިލްތިޒާމެއް ސަރުކާރުން ވެފައިނުވާނޭ ކަމަށެވެ.
ޕާލަމެންޓް ހައުސްގައި މިނިސްޓަރ ޕްރަދާން އާއި ބީ.ޖޭ.ޕީގެ ރައީސް ނިތިން ނަބީން ހިމެނޭހެން ވަޒީރުންގެ ގްރޫޕަކުން ބޭއްވި ބައްދަލުވުމަކަށްފަހު އޭނާ ވިދާޅުވީ، "މުޒާހަރާ މިހާރު ނިމިއްޖެ" ކަމަށެވެ. އަދި "ނައްޑާޖީ ބައްދަލުކުރެއްވީ ދަރިވަރުންގެ ވާހަކަތައް އަޑުއެހުމަށް... އެކަމަކު އެމީހުންގެ ހުށަހެޅުންތަކާ މެދު ސަރުކާރުން ވިސްނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ދީފައެއް ނުވާނެ" ކަމަށްވެސް އެ މިނިސްޓަރ ވިދާޅުވިއެވެ.
ބީ.ޖޭ.ޕީގެ މަސްދަރުތަކުން ބުނާ ގޮތުގައި، މޮންސޫން ސެޝަންގެ ފުރަތަމަ ދުވަހު މަޝްރަހު ގޯސްވެ، ސަރުކާރުގެ އަގު ވެއްޓިދާނެތީ، މުޒާހަރާކުރާ ކުދިންނާ ބައްދަލުކުރުމަށް ސަރުކާރުން ނިންމީއެވެ. "ބޭރު ފުށުން ފެންނަ ފެނުމުގައި، މުޒާހަރާކުރާ ކުދިންގެ އިހުސާސްތަކަށް ސަރުކާރުން އަޅާނުލާ ކަމަށް ދެއްކުމަކީ ބޭނުންތެރި ކަމެއް ނޫން،" ކަމަށް ބަހަރަތިޔާ ޖަނަތާ ޕާޓީގެ ލީޑަރަކު ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ނެރުނު ނީޓް-ޔޫޖީ އިމްތިހާނުގެ ނަތީޖާއަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، "އަސްލު ކިޔަވާ ކުދިން" މުޒާހަރާ ނިންމައި ކްލާސްތަކަށް ގޮސްފައިވާ ކަމަށާއި، މިހާރު އިމްތިހާނުގެ ނަތީޖާވެސް ލިބިފައިވާ ކަމަށެވެ. "މިހާރު މުޒާހަރާ ކުރާ ތަނުގައި އެ ތިބީ މި ކަމުގެ ތެރެއިން ސިޔާސީ މަންފާ ހޯދަން އުޅޭ މީހުން. އެއީ ބާރުވެރިކަން ބޭނުންވެގެން އުޅޭ ބައެއް،" މިނިސްޓަރ ވިދާޅުވިއެވެ.
ޔޫނިއަން މިނސްޓަރ ޖޭޕީ. ނައްޑާ، ސީ.ޖޭ.ޕީގެ ތަރުޖަމާނުން ކަމަށްވާ ސައުރަވް ދާސް އަދި އަޝުތޯޝް ރަންކާ އާ ބައްދަލުކުރެއްވިއިރު، ސަލާމަތީ ބާރުތަކުން ދިޔައީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަގޭސް ޖަހައި ބާރުގެ ބޭނުން ކުރަމުންނެވެ. އޭރު ބައެއް މުޒާހަރާވެރިން ވަނީ ޕާލަމެންޓާ ވަރަށް ކައިރިއަށް ގޮސްފައެވެ.
ސީނިއަރ މިނިސްޓަރުން ޕާލަމެންޓް ހައުސްގައި ހުންނަ ހޯމް މިނިސްޓަރ އަމިތް ޝާހްގެ އޮފީހުގައި މަޝްވަރާ ކުރަމުން ދިޔައިރު، ޕާލަމެންޓް ސެކިއުރިޓީން ވަނީ އިމާރާތުގެ ހުރިހާ ދޮރުތަކެއްހެން ބަންދުކޮށްފައެވެ. މިނިސްޓަރ ޕްރަދާން ގިނަ އިރުތަކެއް ވަންދެން ޝާހްގެ ކޮޓަރީގައި ހުންނެވިއިރު، ފަހުން ޖޭޕީ. ނައްޑާ އާއި ކިރެން ރިޖީޖޫ އަދި ޕިޔުޝް ގޯޔަލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ނަބީން ވެސް ޝާހްގެ އޮފީހަށް ވަޑައިގަންނަވަނިކޮށް ފެނިފައިވެއެވެ.
ޔޫނިއަން މިނިސްޓަރ ނައްޑާ ވިދާޅުވީ ސީ.ޖޭ.ޕީގެ މަންދޫބުންނާ ބައްދަލުކުރެއްވީ އެމީހުން އެކަމަށް އެދުމުން ކަމަށެވެ. "މިއަދު ހެނދުނު ފުރަތަމަ ފަހަރަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސަރުކާރާއެކު ވާހަކަ ދެއްކުމުގެ ހުށަހެޅުމެއް އައި. އަދި 11:50 އިން ފެށިގެން މަޝްވަރާތައް ދަނީ ކުރިއަށް،" ހަވީރު 4:37 ގައި އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.
"ބައްދަލުވުން ކުރިއަށް ދިޔައީ އެކުވެރި މާހައުލެއްގައި. ވަފުދާއެކު ދިގުކޮށް އަނގަބަހުން މަޝްވަރާ ކުރެވުނު، އަދި ހަވީރު 4 ޖަހާކަންހާއިރު އެމީހުން ވަނީ ލިޔުމުން ޕެޓިޝަނެއް ހުށަހަޅާފައި. މުޒާހަރާ ނިންމާލައި، އާންމު ހާލަތަށް ރުޖޫއަވުމަށް އިދާރާތަކަށް އެއްބާރުލުން ދިނުމަށް އަޅުގަނޑު ހުރިހާ މުޒާހަރާވެރިންނަށް އިލްތިމާސްކުރިން،" ނައްޑާ އިތުރަށް ލިޔުއްވިއެވެ.
ސީ.ޖޭ.ޕީގެ ތަރުޖަމާނު ސައުރަވް ދާސް ކުރި ޓްވީޓެއްގައި ބުނީ، މެންދުރު 12 ޖެހީއްސުރެ އޭނާ އާއި ރަންކާ ތިބީ ނައްޑާގެ ގޭގައި ކަމަށެވެ. "ދަރުމެންދުރަ ޕްރަދާން ވަގުތުން އިސްތިއުފާ ދިނުން ނުވަތަ މަގާމުން ވަކިކުރުން ހިމެނޭހެން އަހަރެމެންގެ ހުށަހެޅުންތައް ވަނީ ހުށަހަޅާފައި. އެކަމާ މެދު އެކަށީގެންވާ ފެންވަރުގައި މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވި. ނަމަވެސް އަދި މިހާތަނަށް އެއްވެސް އިލްތިޒާމެއް ވެފައެއް ނުވޭ. ޑިމާންޑްތައް ފުރިހަމަ ވަންދެން މުޒާހަރާ ކުރާ ފަރާތްތަކުން ހިމޭނަކުން ނުތިބޭނެ،" ދާސް ލިޔުއްވާފައިވެއެވެ.
ސީ.ޖޭ.ޕީގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި ހިމެނެނީ:
ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ހުށަހެޅުންތަކަށް "ވަގުތުން ފިޔަވަޅެއް" ނޭޅޭނެއެވެ. "ވަޒީރު (ޕްރަދާން) އަވަސް މުސްތަގުބަލެއްގައި އިސްތިއުފާ ދެއްވާނެ ކަމަކަށް ނުބެލެވޭ. ކޮންމެ ކަމަކީވެސް ވަކި އިޖުރާއަތްތަކެއް އޮންނަ ކަމެއް. އެކަމަކު އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް ބަދަލު ދިނުމުގެ މައްސަލާގައި ސަރުކާރުން ގޮތެއް ނިންމަފާނެ. އެއީ އެއްވެސް މީހެއްގެ މަރު ސަރުކާރުން އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭތީ،" ޕާޓީގެ އިސް ލީޑަރަކު ވިދާޅުވިއެވެ.
އެހެން ނަމަވެސް، އެހެން މިނިސްޓަރަކު ވިދާޅުވީ "މި ހުށަހެޅުންތައް ފުރިހަމަކުރުމުގައި ސަރުކާރަށް ދެވޭނީ ކިހާ ހިސާބަކަށްތޯ ބެލުމަށް ޕާޓީގެ ތެރޭގައާއި ސަރުކާރާއި އޮފިޝަލުންގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށްދާނެ" ކަމަށެވެ.
ކުރަފި ޕާޓީއާއި އެކު މަޝްވަރާކުރިޔަސް ދޫދިނުމަކާ ހަމައަށް ނުދަނީކީއްވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ