ރައްޔިތުން ނުކުމެ މާޅޮހު ސުކޫލާއި ސިއްހީ މަރުކަޒު ބަންދުކޮށްފި

އއ.މާޅޮހު ރައްޔިތުން ނުކުމެ އެރަށު ސުކޫލާއި ސިއްހީ މަރުކަޒު ބަންދުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން މާޅޮހު ކައުންސިލުގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ ބެލެނިވެރިން ނުކުމެ ސުކޫލު ބަންދުކޮށްފައިވަނީ ސުކޫލުގައި ޕްރިންސިޕަލަކު ނެތުމުންނާއި ޓީޗަރުންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާތީ ކަމަށެވެ. އަދި ސިއްހީ މަރުކަޒު ބަންދުކޮށްފައިވަނީ މަރުކަޒުގައި ޑޮކްޓަރަކު ނެތި އެކަށީގެންވާ ވަރަށް ހިދުމަތް ނުލިބޭތީ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.
"މިރަށުަގއި ހުރި ޑޮކްޓަރު ދިޔަ ފަހުން މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވީ އަދި ނުލިބޭ، އަތޮޅު ހޮސްޕިޓަލާއި ސަރުކާރުގައި ދަންނަވައިގެން ވެސް ހައްލެއް ނުލިބުނު، އެކޮޅުން ބުނަނީ ޑޮކްޓަރުން ނުލިބިގެންނޭ މިއުޅެނީ. ރަށު ސުކޫލުގައި ޕްރިންސިޕަލަކު ނެތް، ޓީޗަރުން މަދު ވުމުން ކްލާސްތަކެއް ނަގައެއް ނުދޭ، އެހެންވީމާ ކުދިން އެތަނަށް ގެންގޮސް ބައިތިއްބަން ބެލެނިވެރިން ބޭނުމެއް ނުވޭ،" ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ސިއްހީ މަރުކަޒުގެ ދޮރުގައި ލަކުޑި ބުރިއާއި އެފަދަ އެއްޗެހި ލައްގާ ދޮރު ނުހުޅުވޭ ވަރަށް ބަންދުކޮށްފައިވާ އިރު ސުކޫލު ބަންދުކޮށްގެން ބެލެނިވެރިން ސުކޫލު ދޮށުގައި އެބަތިބި ކަމަށެވެ.
"ރައްޔިތުންގެ ޑިމާންޑަކީ ދެން އެތަންތަން ހުޅުވާނީ ޑޮކްޓަރުން ލިބި ޓީޗަރުން ލިބި އެކިަށިގެންވާ ވަރަށް ހިނގަން ފެށުމުން ކަމަށް،" ނަސީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ