ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނީ އެމަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވި މެމްބަރުން އެކަމަށް މާފަށް އެދިވަޑައިގެން، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވައުދުވެ ވަޑައިގަތުމުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވަޑައިގަންނަނަވާނެ ބޭފުޅުން ކައުންސިލުން ފާސްކޮށްފައި ފޮނުވުމަށް ރައީސް އޮފީހުން މިދިޔަ ހަފުތާގައި އަންގާފައި ވަނިކޮށެވެ. ނަމަވެސް މައުމޫން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމް ތަމްސީލުކުރައްވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ކަމަށް ނިންމަވައިފަ އެވެ.
ޕާޓީގެ ކައުންސިލްގެ ވައިބަ ގްރޫޕަށް މައުމޫން ފޮނުއްވި މެސެޖުގައި ޖުލައި 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވެފައި ވަނީ "ޕާޓީގެ ރައީސާ ދެކޮޅަށް ބަޣާވަތްކުރައްވައި ކައުންސިލުން ނިކުމެވަޑައިގެން، ކޯރަމް ގެއްލުވާލައްވައި ޕާޓީގެ ރައީސް ގޮވައިގެން ކޯޓަށް ވަޑައިގެން އަދި މީޑިއާތަކުގައި ޕާޓީގެ ރައީސް އަގުވެއްޓޭގޮތަށް ވާހަކަދެއްކެވި މެންބަރުން މާފަށް އެދިވަޑައިގަތުމުން ނޫނީ ކައުންސިލްގެ ޖަލްސާއެއް ނުބޭއްވޭނެ ކަމުގައި ދަންނަވަން" ކަމަށެވެ.
މައުމޫން ފާހަގަކުރެއްވި ކައުންސިލް ބައްދަލުވުމަކީ ޕީޕީއެމްގެ އެތެރޭގައި އެ މަނިކުފާނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. ޕާޓީގެ ވިޕްލައިނާ ހިލާފަށް މައުމޫންގެ ދަރިކަލުން ފާރިސް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި މައްސަލަ ހޫނުވެފައި ވަނިކޮށް ބޭއްވި އެ ބައްދަލުވުމުގެ ކޯރަމް ގެއްލުނީ ފާރިސްގެ އާއި އެހެން ބައެއް މެންބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުމަށް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ހުށަހަޅާފައި ވަނިކޮށް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާތީ، ޔާމީނަށް ތާއީދުކުރައްވާ މެންބަރުން ނިކުމެވަޑައިގަތުމުންނެވެ.
މައުމޫން ޕީޕީއެމް ހިސޯރުކޮށްފައި އޮތް ކަމަށް ބުނެ އެމަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދެވެ.
ކައުންސިލް ބައްދަލުވުމެއް ބާއްވާނީ ބަޣާވާތްކުރި މެމްބަރުން މާފަށް އެދި ގަވައިދަށް ހުރުމަތްތެރިކޮށް ހިތަން ވައުދު ވުމުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ