ބްރެކްސިޓްގެ ސަބަބުން އިނގިރޭސިވިލާތް ފަގީރުވެއްޖެ: ސްޓާމާ
ލަންޑަން (10 ޖޫން 2026) : އަދުގެ ދުނިޔޭގައި އިނގިރޭސިވިލާތަކީ ޔޫރަޕާ ވަކިން އެކަހެރި ގޮތެއްގައި ކަންކަން ހާސިލް ކުރެވޭވަރުގެ ގައުމެއް ނޫންކަން ބްރެކްސިޓުން ހާމަވެއްޖެ ކަމަށާއި ޔޫރަޕްގެ އިއްތިހާދުން ވަކިވުމުން އިނގިރޭސި އިގްތިސާދު ހީނަރުވެ, ގައުމު ފަގީރުވެއްޖެކަމަށް އިނގިރޭސި ބޮޑުވަޒީރު ކިޔާ ސްޓާމާ ވިދާޅުވެއްޖެއެވެ. ރައްޔިތުންނާ މުޚާތަބު ކުރައްވައި އިއްޔެ ދެއްވި އާދަޔާ ޚިލާފު ބަޔާނެއްގައި ސްޓާމާ ވިދާޅުވީ އަނެއްކާވެސް ޔޫރަޕްގެ މެދުގައި އިނގިރޭސިވިލާތް ބާއްވަން ޖެހިއްޖެ ކަމުގައެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވިތާ (ބްރެކްސިޓް) 10 އަހަރު ފުރިފައިވާއިރު އިނގިރޭސި އިގްތިސާދު ވަނީ ކުރިޔަށްވުރެ ހުރިހާ ގޮތަކުންވެސް ހީނަރުވެ, ފަގީރުވެފައިކަމަށް ސްޓާމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ބްރެކްސިޓްގެ ނިންމުމަކީ އިނގިރޭސިވިލާތުން ނިންމި ތަސައްރަފު ނުފުދޭ ބުއްދިއެއްނެތް ނިންމުމެކެވެ. އެކަމުގެ ހިތި ނަތީޖާ ރައްޔިތުން ގެންދަނީ ތަހައްމަލް ކުރަމުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވީ ރައްޔިތުންނަށް ދަޅަދައްކާ ޕޮޕިއުލިސްޓް ފިކުރުގެ ކަނާތު ފިޔައިގެ ލީޑަރުންތަކެއްގެ ފޮނި ބައިސާތަކާއި ދަޅަތަކުގެ ދަލުގައި ރައްޔިތުންގެ ގިނަބަޔަކު ޖެހި ބްރެކްސިޓް ވޯޓަށް ރައްޔިތުންގެ އަޣްލަބިއްޔަތު ލިބުމުންނެވެ. ޕޮޕިއުލިސްޓް ފިކުރުގެ ކަނާތު ފިޔައިގެ ލީޑަރުންގެ ގޮތުގައި ރައްޔިތުންނަށް ދަޅަދައްކައި ފޮނި ބައިސާ ކެނޑި ލީޑަރުންނަކީ ނައިޖަލް ފަރާޖް އާއި ބޮރިސް ޖޯންސަން ފަދަ, ފާ ރައިޓް (ހައްދު ފަހަނަޅާފައިވާ ކަނާތު ފިޔައިގެ) ލީޑަރުންނެވެ. އެބޭފުޅުން އިނގިރޭސި ރައްޔިތުންގެ ލެއާއި ޝުއޫރުތައް ކައްކާލައި ރައްޔިތުން ޖަޒުބާތުގައި ޖެއްސުމަށް ބޭނުންކުރި އުކުޅަކީ ޔޫރަޕްގެ އިއްތިޙާދުގައި އޮތުމުން އިނގިރޭސިވިލާތުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ވާހަކައެވެ. މީގެ އިތުރުން އިނގިރޭސިވިލާތަށް ހިޖުރަކުރާ ބޭރުގެ ހިޖުރަވެރިންގެ ސަބަބުން އިނގިރޭސީންގެ އަމިއްލަ ސަގާފަތާއި ނަސާރާ ވަންތަކަންވެސް އިނގިރޭސިވިލާތުން ގެއްލިގެންދާކަމަށް ބުނެ ހިޖުރައިގެ ކަންތައް ހުއްޓުވަންވެސް އެބޭފުޅުން މަސައްކަތް ކުރެއްވިއެވެ. މި ފަދަ ލީޑަރުންގެ ޕްރޮޕަގެންޑާއާއި ޖަޒުބާތުގެ ވާހަކަތަކުގެ ދަލުގައި އެންމެ ބޮޑަށް ޖެހުނީ އިނގިރޭސިވިލާތުގެ މުސްކުޅި އުމުރުގެ މީހުންނެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުގައި އޮތުމުން ގައުމުގެ އިގްތިސާދަށް ބިލިޔަނުން ގެއްލުން ލިބޭކަމަށް ބުނެ ބޮރިސް ޖޯންސަންއާއި ނައިޖަލް ފަރާޖް ފަދަ ޕޮޕިއުލިސްޓް ލީޑަރުން އެ ދުވަސްވަރު އަމިއްލައަށް ތަފާސް ހިސާބުތައް ޖައްސަވައި ފާޅުގައި ދޮގުތައް ހެއްދެވިކަންވެސް ފަހުންވަނީ ފަޅާއަރާފައެވެ. ބޮރިސް ޖޯންސަން އަކީ ޓްރަމްޕް ފަދަ ޕޮޕިއުލިސްޓް ފިކުރުގެ ދެއުޅި އެއްނުވާ ލީޑަރެއްކަން އޭނާގެ ވެރިކަމުގެ މަދު ދުވަސްތަކުގައި އޭނާގެ ސުލޫކުހުރިގޮތުން ވަނީ ހާމަވެގެން ގޮސްފައެވެ. ގައުމީ އަދި ދީނީ ކުލަވަރު ދައްކަވައިގެން އެބޭފުޅުން އާންމުންގެ އެމޯޝަންތަކާ ކުޅެލިގޮތް ފަހުން އާންމުންނަށް ހާމަވިއިރު ވަގުތުވަނީ ފާއިތުވެފައެވެ. ބްރިކްސިޓަށްފަހު އިނގިރޭސިވިލާތަށް ޔޫރަޕްގެ ބޮޑު ބާޒާރުވަނީ ގެއްލިފައެވެ. އެއަށްފަހު އިނގިރޭސިވިލާތުގެ އުފެއްދުންތައް ވިއްކުމަށް އެފަދަ ބާޒާރެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ އިނގިރޭސި އިގްތިސާދަށްވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ބްރިޓިޝް ނެޝަނަލް ބިއުރޯ އޮފް އެކޮނޮމިކް ރީސާޗް ބުނާގޮތުން ބްރެކްސިޓް އާ ގުޅިގެން އިނގިރޭސިވިލާތަށް ވަނީ އިންވެސްޓްމަންޓް ތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް 18 އިންސައްތަ ގެއްލިފައެވެ. އަދި ބްރެކްސިޓްގެ ސަބަބުން ގައުމުގެ ވޯކްފޯސްގެ ހަތަރު އިންސައްތަ މީހުން ވަނީ ވަޒީފާއިން މަހުރޫމް ވެފައެވެ. އަދި އިނގިރޭސި ޖީޑީޕީ ވަނީ އަށް އިންސައްތަ ދަށަށްގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ