އެފްއޭއެމްގެ ފައިސާތަކަށް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި މައްސަލައިގައި ޖަލަށް ލާފައިވާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓްހައުސްގެ އެއްވެސް މުއާމަލާތެއް ނުހިންގަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައިކޯޓުން މި އަމުރު ނެރުނީ އެ ކޯޓަށް ހުށަހަޅާފައިވާ އަމީން ކޮންސްޓްރަކްޝަނުގެ އިސްތިއުނާފު މައްސަލައިގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ.
ޕީޖީ އޮފީހުން އަމީން ކޮންސްޓްރަކްޝަންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ ބައްސާމްގެ ޕެންޓްހައުސް ގަތުމުގެ މުއާމަލާތުގައި އެ ކުންފުންޏަށް އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުނުވުމާ ގުޅިގެންނެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، އަމީން ކޮންސްޓްރަކްޝަނުން ވަނީ އެ މުއާމަލާތުގައި ބައިވެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލަން ބައްސާމަށް އެހީތެރިވެދީފަ އެވެ.
އިސްތިއުނާފު މައްސަލައިގެ ތެރެއިން ހައިކޯޓުން ނެރުނު އަމުރުގައި ވަނީ، އެ ކޯޓުން އެހެން ގޮތެއް ކަނޑައެޅުމާ ހަމައަށް، ބައްސާމްގެ ޕެންޓްހައުސްގައި ހިމެނޭ ދެ ޔުނިޓުގެ މިލްކުވެރިކަމަށް ބަދަލު އައިސްދާނެ ކަންކަން ހިމެނޭހެން ހުރިހާ މުއާމަލާތްތަކެއް މަނާކޮށްފަ އެވެ.
މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށް ކުރި ދައުވާތައް ސާބިތު ނުވިޔަސް، ބައްސާމްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވޭ އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މި މައްސަލައިގެ ކުރިން ވެސް އޭނާ ހުރީ އެހެން މައްސަލައެއް ސާބިތުވެ ނުވަ އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
ބައްސާމްގެ ޕެންޓްހައުސްއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ