"އަންނަ އަަހަރުގެ މެދުތެރޭގައި 24 ގަޑިއިރުގެ ކަރަންޓް މުޅި ރާއްޖެއަށް ޔަގީން"

ސަރުކާރުން ކުރިއަށްގެންދާ "24 ގަޑިއިރު ކަރަންޓް ޔަގީން" މަޝްރޫއު ގެ ދަށުން ކުރިޔަށް އޮތް ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް ޔަގީންކޮށްދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރެޝަނުން މިހާރު ރާއްޖެއަށް ގެނެސްފައިވާ 77 ޖަނަރޭޓަރު ރަސްމީކޮށް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިސޯދު ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި "ހަކަތައަކީ އިގްތިސޯދުގެ މައިނާރު" ކަމަށްވާ އިރު މުޅި ރާއްޖެއަށް ވެސް 24 ގަޑިއިރުގެ ކަރަންޓު ޔަގީންކޮށްދޭނެ ކަމަށެވެ.
"މިރޭ ފޮނުވަން ފަށާ 77 ޖަނަރޭޓަރާ އަދި ދާދި މިދާކަށް ދުވަހަކު ފެނަކައިން ގެނައި 60 ޖަނަރޭޓަރު ހޯދާފައި މިވަނީ. މިހާ ހިސާބުން އަޅުގަނޑުމެންނަށް ކަށަވަރުވެގެން މިދަނީ އިރާދަކުރެއްވިއްޔާ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް 24 ގަޑިއިރުގެ ކަރަންޓު މުޅި ރާއްޖެއަށް ޔަގީންވެގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރަކީ މާލެއާއި އަތޮޅުތެރެއާ އެއްވެސް ތަފާތެއް ގެންގުޅޭނެ ސަރުކާރެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތު ތަކުގެ ދަށުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްގެ ފުރިހަމަ ފައިދާ މުޅި ރާއްޖެއަށް ވެސް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިރޭ ފަށާފައިވާ މަޝްރޫއަކީ އޭގެ ހެއްކެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި އެއްވަނަ ދަރަޖައިގެ ރައްޔިތުންނާ ދެވަނަ ދަރަޖައިގެ ރައްޔިތުންނެއް ނުތިބޭނެ. ހުރިހާ ރައްޔިތުންނަކީ ވެސް އެއްވަނަ ދަރަޖައިގެ ރައްޔިތުން،" ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ