އަމާން މުޖުތަމައެއް ޤާއިމްކުރުމަށް ފުލުހުން ދެމިތިބޭނެ: ސީޕީ

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޔަގީންކަން ދެއްވައިފިއެވެ.
61 ވަނަ މިނިވަން ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ސީޕީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމިއޮތީ ކާބަފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ފޮނި ނަތީޖާއިން ކަމަށެވެ. އަދި އެ މިނިވަންކަން ދެމެހެއްޓުމަކީ މިހާރު ހުރިހާ ދިވެހިންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވެސް ހަނދާންކޮށްދެއްވިއެވެ.
ސުލްޙަވެރި އަމާން ވެއްޓެއް ޤާއިމްކުރުމަށް އެންމެން ގުޅިގެން އަތުގުޅާލައި މަސައްކަތްކުރަން ސީޕީ އެންގެވިއެވެ. ދިވެހި ފުލުހުން އަބަދުވެސް މަސައްކަތްކުރަނީ އެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ރާއްޖޭގައި ކުށްމަދު އަމާން މުޖުތަމައެއް ޤާއިމްކުރުމަށް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ޤައުމު ބިނާކުރުމުގައި އާއްމުންގެ ޒިންމާ ބޮޑު ކަމަށާއި، ޚާއްސަކޮށް ޒުވާނުން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ، އެ އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ