މިއީ މަދަރުސާއަށް ވަތްފަހުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަން ނަޝީދު އެކްސް ގައި ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް މަދަރުސާއަށް ވަތްފަހުން ދައުވަތު ދެމުން އައިއިރު، ޖަލުގައި އޮންނެވި ދުވަސްތަކުގައި ދައުވަތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު މަދަރުސާއަށް ވަތްފަހުން، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު. ޖަލުގައި އޮތްއިރުވެސް ކިޔާ،" ނަޝީދު ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ނަޝީދަށް ދައުވަތު ލިބިގެން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ނަޝީދަށް ދިދަ ނެގުމުގެ ރަސްމިއްޔާތުން ދައުވަތު ނުދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ސަރުކާރުން އަންނަނީ ނަޝީދަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުކިޔަމުންކަން ފާހަގަކުރެވެ އެވެ.
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވިއިރު، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު ބެއްވީ ޒުވާނުންގެ މަރުކަޒުގަ އެވެ. އޭގެއިން އެއްވެސް ހަފްލާއެއްގައި ކުރީގެ ރައީސަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މިއީ މަދަރުސީ ދައުރަށްފަހު މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ