މިއީ މިނިވަން ދުވަހުގެ ޖަލްސާއަކަށް ދައުވަތު ނުދޭ ފުރަތަމަ ފަހަރު: ނަޝީދު

މިއީ މިނިވަން ދުވަހެއްގެ ޖަލްސާއަކަށް ދައުވަތު ނުދިން ފުރަތަމަ ފަހަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު މަދަރުސާއަށް ވަދެވަޑައިގަތް ފަހުން މިނިވަން ދުވަހުގެ ޖަލްސާއަށް ދައުވަތު ނުދެއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މީގެ ކުރިން އެމަނިކުފާނު ޖަލުގައި އޮންނެވިއިރު ވެސް މިނިވަން ދުވަހުގެ ޖަލްސާއަށް ދައުވަތު ދެއްވި ކަމަށް ވިދާޅުވިއެވެ. https://x.com/MohamedNasheed/status/2081262567251702172 މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ބަހެއް އަދި ނުލިބެއެވެ. ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ދައުލަތުގެ އެހެނިހެން އިސްވެރީންނާއި، މީގެ ކުރިން ދައުލަތަށް ޚިދުމަތްކުރެއްވި ވެރީން ވެސް ބައިވެރިވެވަޑައިތެވެ. އާންމު ގޮތެއްގައި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކަށް ކުރީގެ ރައީސުންނަށް ވެސް ދައުވަތު އަރުވައެވެ. މިފަހަރުގެ މިނިވަން ދުވަހާ ގުޅިގެން މިއަދު ހެނދުނުގެ ރަސްމީ ޖަލްސާއާއި، މިރޭ އޮތް ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނެއެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ފަސް މިނެޓަށް ހަވާ ވެސް އަރުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ