އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މަސައްކަތް ކުރައްވަނީ އިދިކޮޅު އެމްޑީޕީގެ އޯޑަރަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި މިނިވަން މުއައްސަސާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިވަންކަމާއެކު އެއްވެސް ނުފޫޒެއް ނެތި ކަމަށް ކޮމިޝަނަރު މިއަދު ވިދާޅެއްޖެ އެވެ.
އާހިދު އަދަދު އަށް ވިދާޅުވީ މިހާތަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހޭދަކުރި ދުވަސްވަރުގައި އެއްވެސް ފަރާތެއްގެ އޯޑަރެއް ނުވަތަ ތުރެޓެއް ވެސް އައިސްފައި ނުވާ ކަމަށާއި އޭނާ މަސައްކަތްކުރާ ގޮތް ދަންނަ މީހުންނަށް އެނގޭނެ ކަމަށެވެ.
"އަހަންނަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޫނީ އެއްވެސް ފަރާތެއްގެ ތުރެޓެއްވެސް ނެތް އައިސްފައި. އޯޑާއެއް ނުވެސް ކުރޭ. ވަރަށް ގިނަ ފަރާތްތަކަށް އެނގޭނެ އަހަރެން މިއީ ކާކު ކަމާއި ކިހިނެއްކަން ވޯކްކުރަނީ. އެހެންވެ ކަންނޭނގޭ މިހާތަނަށް އައިރު އެކަހަލަ އެއްޗެއް ބުނެފައި ނެތީވެސް. އޯޑާއެއް ނޫނިއްޔާ ނުފޫޒެއް ނޫނީ ތުރެޓެއް ނުކޮށް އޮތީވެސް،" އާހިދު ވިދާޅުވި އެވެ.
އާހިދު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހޭދަކުރި ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާނީ އެއްވެސް ފަރާތަކަށް ބުރަނުވެ، ހަމަހަމަކަން ގާއިމުކުރުމަކީ އެންމެ ބޮޑު އަސާސްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
"އަހަރެން މަގާމަށް ހޮވުނީއްސުރެ މިއަދާ ހަމައަށް ޖެހެންދެން މި ހުންނީ މިނިވަން މުސްތަގިއްލު މަގާމެއްގައިތާ، އެހެންވީމަ މިނިވަންކަމާ އެއްކޮށް ނިއުޓްރަލިޓީއާއެއްކޮށް އެއީ އަހަރެން ހުރިހާ ވޯކެއް ކުރިއިރު އެންމެ ބޮޑު އެއް އަސާސެއް ގޮތުގައި ބެލި ކަންތައް އެއީ،" އަދަދު އަށް ދެއްވި އިންޓަވިއުގައި އާހިދު ވިދާޅުވި އެވެ.
"އެހެންވީމަ އިދިކޮޅޭ ބުނީމަ އެއީ އަސާސާ ހިލާފު މީހެއް ގޮތަށް ގަބޫލުކުރެވޭތީތޯ ބުނެފައި އިނީ. އެ ހުރިހާ ސުވާލުތަކެއް އުފެދޭ. އަދި އޭގެ ތަފްސީލެއް ނުލިބޭތީ މިހާރު އިތުރު ސުވާލުތަކެއްގެ ތެރޭގައި މިހިރީ."
ރައީސް މިހެން ވިދާޅުވީ މި ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރެއްކަން ހާމަކުރައްވަމުން ކަމަށްވިޔަސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މައުލޫމާތު ހާމަނުކޮށްގެން ރައީސް އޮފީހާ ދެކޮޅަށް ގިނަ މައްސަލަތަކެއް ބަލާފަ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނަށް ބޯލަނބާތޯ ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އާހިދަކީ އިދިކޮޅު ސިޔާސީ ފަރާތެކޭ ވިދާޅުވުމުގެ އިތުރުން މުއިއްޒު ވަނީ އޭނާއަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އޯޑަރު އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެ ގާނޫނުގައި ބުނާ ކަންކަން ސަރުކާރުން ތަންފީޒުނުކުރާ ނަމަ އެ ގޮތަށް އޯޑަރު ލިބޭ މީހަކަށް އެ މައުލޫމާތު ހާމަކުރިޔޭ ނުބުނާނެ ކަމަށެވެ.
"އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މި ކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒުނުކުރާނަމަ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އާހިދަށް މި ތުހުމަތު އަމާޒުކުރެއްވިއިރު، އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނަވައިގެން އާހިދު ވަނީ އާރުޓީއައި ގާނޫނާ ހިލާފުވެގެން ރައީސް އޮފީސް ޖޫރިމަނާކޮށް، ރައީސް އޮފީހުން ހިފަހައްޓައިގެން އުޅޭ ގިނަ މައުލޫމާތުތަކެއް ދޭން އަންގާފަ އެވެ. ރައީސް އޮފީހުން ވަނީ މީގެ ގިނަ އެންގުންތަކަށް ވެސް ބޯލަނބަން ދެކޮޅު ހަދާފަ އެވެ.
އެންމެ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު އަހަރީ ރިޕޯޓުގައި ވެސް ވަނީ އެންމެ ގިނަ ޝަކުވާ ހުށަހެޅީ ރައީސް އޮފީހާ ދެކޮޅަށް ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކަނި ރައީސް އޮފީހުގެ 64 މައްސަލަ ބަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދުގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހު އެވެ. އޭނާގެ ދައުރު ހަމަވުމުން އެ މަގާމަށް އައްޔަނުކުރާނީ މި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރާނެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މަގާމުގެ ޒިންމާ އަދާކުރަނީ މިނިވަންކަމާއެކު އެއްވެސް ނުފޫޒެއް ނެތި: އާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ