އީރާނުގެ އުޅަނދަކަށް ޔޫކްރޭނުން ހަމަލާދިނުމުން މަސްރަހު ހޫނުވެއްޖެ

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާއުފުލާ އުޅަނދަކަށް ޔޫކްރޭނުން ހަމަލާދީފައިވާ ކަމަށް ބުނެ، ތެހެރާނުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
މި ހަމަލާގައި އުޅަނދުގައި ބާރުގަދަ ގޮވުމެއް ގޮވައި، އެކަކު މަރުވެ އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުންޏެވެ.
މި ޙާދިސާއާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ، ތެހެރާނުގައި ހުންނަވާ ޔޫކްރޭންގެ އެމްބަސީގެ އެންމެ އިސް އޮފިޝަލު އެ ވުޒާރާއަށް ހާޒިރުކޮށް، ރަސްމީކޮށް ނުރުހުން ފާޅުކޮށްފައެވެ.
އީރާނުން މި ހަމަލާ ސިފަކޮށްފައިވަނީ "ޢަދާވާތްތެރި އަދި ޖިނާޢީ" ޢަމަލެއްގެ ގޮތުގައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަމަލާއަކީ ޔޫކްރޭންގެ ސަރުކާރުގެ އިސްވެރިންގެ އިޒުނައާއެކު ދީފައިވާ ހަމަލާއެކެވެ.
މިއީ އީރާނާ މެދު ޔޫކްރޭނުން ގެންގުޅޭ ދެކޮޅުވެރިކަމުގެ ސިޔާސަތުގެ ހެއްކެއް ކަމަށާއި، ޤައުމީ މަސްލަޙަތު ދިފާޢުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި ހަމަލާއަކީ އދގެ ޗާޓަރުގައި ބަޔާންކުރާ އުޞޫލާ ޚިލާފު ކަމެއް ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.
އަލްޖަޒީރާ ނޫހުން ބުނީ، އީރާނުގެ ދެކުނު އައްސޭރިފަށުގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، އުތުރުގެ ކެސްޕިއަން ކަނޑުގައި މިފަދަ ހަމަލާތައް ދިނުމަކީ އީރާނުގެ ކަނޑުގެ ވިޔަފާރިއަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމައިގައި އެ ޤައުމުން އެއްވެސް ކޮޅަކަށް ބުރަނުވާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤިޗީ ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސްއާ ފޯނުން ގުޅުއްވައި މި މައްސަލާގައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާގައި އޭނާ ވަނީ ކެސްޕިއަން ކަނޑުގައި ޔޫކްރޭނުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ކެސްޕިއަން ކަނޑުގައި އީރާނުގެ އަސްކަރީ މުދާ އުފުލާ އުޅަނދުތަކާއި މަނަވަރަކަށް ޢަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޒެލެންސްކީ ސީދާ އީރާނުގެ ވިޔަފާރި އުޅަނދުގެ ނަން ފާހަގަކުރައްވާފައެއް ނުވެއެވެ.
ޒެލެންސްކީ ވަނީ ރަޝިޔާއިން ގަލްފުގެ ޤައުމުތަކާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސެޓެލައިޓް ފޮޓޯތައް އީރާނަށް ފޯރުކޮށްދެމުންދާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޙްރޭން، އުރުދުން އަދި ކުވޭތުގައި ހުރި އަސްކަރީ ވައިގެ މަރުކަޒުތަކުގެ މަޢުލޫމާތު މިގޮތަށް ޙިއްސާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ