އަބްދުއްސައްތާރަކީ ސިއްރު ހިފެހެއްޓުމުގައި ނަމޫނާއެއް: މައުމޫން
ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީއަކީ ދައުލަތުގެ ސިއްރުތައް ހިފެހެއްޓުމުގައި ނަމޫނާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި އަބްދުއްސައްތާރުގެ ތައުބީން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދައުލަތުގެ ސިއްރުތައް ހިފެހެއްޓުމުގެ ގޮތުން އަބްދުއްސައްތާރުގެ އަމިއްލަ އަތްޕުޅުން އެތަކެއް ސިޓީފުޅުތަކެއް ލިޔުއްވާފައިވާ ކަމަށެވެ. "ބައެއް ސިޓީ އެބަހުރި އަޅުގަނޑު ރައީސް ކަމުގައި ހުރިއިރު ފޮނުއްވާފައި އެމަނިކުފާނު (އަބްދުއްސައްތާރު)ގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައި. ސިޓީ އުރައިގެ ބޭރުގައި ވެސް އޮންނަނީ އެމަނިކުފާނުގެ އަތްޕުޅެއް. ބައެއް މުހިއްމު ސިޓީތަކާއި ބައެއް ނޫޓުތައް ހަމަ އަތްޕުޅުން ލިޔުއްވާފައި ވަނީ. އެއީ އޭގައި ހުންނަ އެއްޗެއް އެހެން ބޭފުޅަކަށް އެނގެން ބޭނުންފުޅު ނުވާތީ،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ އަބްދުއްސައްތާރު މޫސާ ދީދީއަކީ އޭނާގެ ޝަހުސިއްޔަތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ހުރި ބޭފުޅެއް ކަމަށާއި އެކަން ދިވެހި ހުރިހާ ރައްޔިތުން ހެކިވާނެ ކަމަށެވެ. "ކޮންމެ ކަމެއް ކުރައްވާއިރު ވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ ވަރަށް އިހުލާސްތެރިކަމާ އެކީ ވަރަށް ވަފާތެރިކަމާއި އެކީގައި. ވަރަށް މުރާލި ކަމާއި އެކީގައި މަސައްކަތް ކޮށްދެއްވި ބޭފުޅެއް އެއީ،" ރައީސް މައުމޫން ވިދާޅުވި އެވެ. އަބްދުއްސައްތާރު މޫސާ ދީދީގެ ހިދުމަތްތަކުގެ ތެރެއިން ރައީސް މައުމޫނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވަނީ ހަވާލު ކުރާ ކޮންމެ މަސައްކަތެއް ވެސް ވަފާތެރި ކަމާ އެކީގައި އަދާކުރައްވާތީ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ އަބްދުއްސައްތާރަކީ އަބަދުވެސް ގަވާއިދާއި ގާނޫނުތަކަށް ހުރުމަތްތެރިކަން ހިތްތެވި ބޭފުޅެއް ކަމަށް ރައީސް މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. "އަބްދުއްސައްތާރަކީ ވަރަށް މާތް އަހުލާގެއްގެ ބޭފުޅެއް. ވަރަށް މަޑުމައިތިރި ބޭފުޅެއް. ވަރަށް ތެދުވެރި އިހުލާސްތެރި ބޭފުޅެއް. ވަރަށް ހިތްޕުޅު ހެޔޮ ބޭފުޅެއް. އެއްވެސް މީހަކާއި ދޭތެރޭ ރުޅިވެރިކަމެއް، ނުވަތަ ހިތްޕުޅުގައި އެހެން ކަހަލަ ޝުއޫރެއް ގެންގުޅުއްވި ބޭފުޅެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ އަބްދުއްސައްތާރުގެ ގައުމީ ހިދުމަތުގެ މުއްސަނދި ހަޔާތްޕުޅުން ދިވެހި ޒުވާނުން އިބުރަތް ހާސިލު ކުރަންޖެހޭ ކަމަށެވެ. އަދި ލިބެންހުރި ފިލާވަޅުތައް ގިނަ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. "އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެއްވެނީ ހިދުމަތް ކުރަންޖެހޭނީ ގައުމަށްކަން، ހިދުމަތް ކުރަންޖެހޭނީ އެއަށް ލިބޭ އަގެއް ބެލުމެއް ނެތި ހުންނަ މަގާމަކަށް ބެލުމެއް ނެތިކަން،" ރައީސް މައުމޫން ވިދާޅުވި އެވެ. ދިވެހިން މިއަދު މިދެކޭ މިނިވަންކަން ހޯދައި ދެއްވުމަށް އެންމެ އިސްރޯލް އަދާކުރެއްވި އަބްދުއްސަތާރު މޫސާ ދީދީ އަވާހަރަވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރުފުޅެވެ. އަބްދުއްސައްތާރު މޫސާދީދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ