ޑީއާރުޕީން ރައްޔިތުން އިނދަޖައްސާލަން އުޅޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ތުހުމަތު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހަށް ބާރުތައް ގެނެސް ސަރުކާރު ހިންގުމަށް ހުރަސްއަޅައި ރައްޔިތުން އިނދަޖައްސާލުމަށް ޑީއާރުޕީން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވެ ތުހުމަތު ކުރައްވައިފި އެވެ.އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ވެސް މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމުގެ ގޮތުން ރަށްރަށާއި އަތޮޅުތަކުގެ އިތުރުން މުޅި ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީގެ ސަރުކާރުން އެކުލަވާލި ބަޖެޓް ވެސް ފާސްވިޔަ ނުދިނުމަށް އިދިކޮޅު ޑީއާރުޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުން އެގޮތަށް އެ މަސައްކަތް ކުރަނީ ތިރީސް އަހަރުން އޭރުގެ ސަރުކާރަށް ނުކުރެވުނު އެތައް ކަމެއް މަދު ދުވަސްތަކެއްގެތެރޭގައި މިސަރުކާރުން ކުރަމުންދާތީ، އެމްޑީޕީ ސަރުކާރުގެ އެތެރޭގެ ހަރުދަނާ ޑިމޮކްރަސީ ސިޔާސީ ގޮތުން ހަޖަމުކުރަން ދަތިވެގެން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.“އެމީހުން (ޑީއާރުޕީ) ބުނީ ވެސް ސަރުކާރުގެ ވައުދުތައް ފުއްދާތޯ ތިމަންނާމެން ފާރަވެރިވާނަމޭ. ރައްޔިތުންނަށް ޖަވާބުދާރީ ވެސް ވާނަމޭ. ބަޔަކު 30 އަހަރު ވަންދެން ވެރިކަން ކުރިއިރު ނުވި ތަރައްގީ މިއަދު އަޅުގަނޑުމެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކޮށް ނިންމައި ރައްޔިތުންނަށް ދައްކާފައި އެވަނީ ފަހަރެއްގައި ވެސް ކެމްޕޭނަކާ ޖެހުމުން ރަށަކަށް ގޮސް ހައިމާކުގެ ދަތްގަނޑު ބީއްސުވާލާ އުޞޫލަކުންނެއް ނޫން” މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ “ހަނީމޫން ޕީރިއަޑްގައި" އޮތް ސަރުކާރު ބަދަލުކޮށް ޑީއާރުޕީން އަލުން ވެރިކަމަށް އަންނަންވެގެން މަސައްކަތްކުރާ ކަމަށެވެ. އަދި ދަންވަރު ގަޑީގައި ރަށުތެރެއަށް އަރައި، ޑީއާރުޕީން ބާއްވާ މުޒާހަރާތަކަކީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް އުނދަގޫތަކެއް ވަމުން އަންނަ ކަމެއް ކަމަށާއި އެކަމުގައި ސަރުކާރުން ކޮށްދެންވީ ކޮން ކަމެއްކަން ފާޅުކުރަމުން ނުދާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ