އެމްޑީޕީގައި ތިބޭނީ ދީނަށް ވުރެ އެޕާޓީ ދެކެ ލޯބިވާ ބައެއް: މެމްބަރު މުހައްމަދު

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބޭނީ ޕާޓީ ދެކެ ވަރަށް ލޯބިވާ ބައެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement
ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިރޭ ނަޝީދު އެހެން ވިދާޅުވެފައި ވަނީ މާލެއަށް ޖެހިފައި އޮތް ހާލަތަކީ ފަލަސްތީނަށް ޖެހިފައި އޮތް ހާލަތު ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝަހީމް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް އެއްވެސް ކަހަލަ ގެއްލުމެއް ކުރިމަތިވެދާނެތޯ ސުވާލުކުރުމުންނެވެ.މާލެ އާއި ފަލަސްތީނުގެ ހާލަތު އެއް ހަމަ ކުރައްވާ މެމްބަރު ޝަހީމް ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް މެމްބަރު މުހައްމަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރަކު ކޮންމެ އެއްޗެކޭ ކިޔަސް އެޕާޓީއަށް ނިސްބަވާ މެމްބަރުން ކަންބޮޑުނުވާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގައި ތިބޭނެ އެމްޑީޕީ ދެކެ ވަރަށް ލޯބިވާ ބައެއް ކަމަށާއި އެގޮތުން އެމީހުން ދީނަށްވުރެ ވެސް ބޮޑަށް ލޯބިވާނީ އެމްޑީޕީގެ ލޯގޯއާއި އެމްޑީޕީ ދެކެ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެމްޑީއެން ކަންތަކުގަ ވެސް ވަރަށް ގިނަ މީހުން ފެނުން ދެން ތިމަންނަމެން އެމްޑީޕީއަކަށް ތާއީދެއް ނުކުރާނަމޭ. އަޅުގަނޑަށް ވެސް ފޭސްބުކް މެސެޖްކޮށްފަ ވަރަށް ގިނަ މީހުން ބުނި ދެން ތިމަންނަ، އެކަމަކު މިއަދު އަނެއްކާ ކައުންސިލާ ހަމައަށް ދިޔައިރު އަނެއްކާ ވެސް އެއްކަލަ އެމްޑީޕީ. ހިތާ ހިތުގެ ގުޅުމެކޭ އެހެން އެއްޗެކޭ ކިޔާފަ،" ނަޝީދު ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އިސްލާމުންގެ ކަލާނގެއަކީ މާތްﷲ ކަމަށާއި ނަމަވެސް އިންޑިއާގައި ފަދައިން އެމްޑީޕީގައި ވެސް ކަލަނގެއާއި "ގޯޑް" އިންނަ ކަމަށެވެ. އެގޮތުން ގޯޑް އިންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށްކަމަށް ވިދާޅުވެ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވެއްޖެނަމަ އެޕާޓީގެ މީހުން ކޮންމެ އެއްޗެއް ވެސް ގަބޫލުކުރާނެ ކަމަށެވެ. "އަންނި ބުނެއްޖެއްޔާ އެޕާޓީގެ މީހުން ކޮންމެ އެއްޗެއް ވެސް ގަބޫލުކުރާ ސިޔާސަތެއް އެމީހުންގެ ތެރޭގަ ބަައެއް މެމްބަރުން، 100 ޕަސެންޓް ހުރިހާ އެމްޑީޕީ މެމްބަރުންނެއް ނޫން،" އެހެންކަމުން، އެމީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދިފާއުގައި ތެދުވާނެ ބައެއް މެމްބަރުން އެމްޑީޕީގައި ތިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ، "އެއީ އެންމެ ބޮޑަށް ހައްދުފަހަނަ އަޅާފަ ތިބި މީހުން ސިޔާސީ ގޮތުން. އެއީ ހުދުމުހުތާރު މިވެރިކަމާ މި ހުރިހާ އެއްޗެއް ހަލާކުކުރާ މީހުން. އިބްރާހީމް މުހައްމަދު ސޯލިހަށް މި ވެރިކަން ކުރަން ފުރުސަތު ނުދޭންވެގެން އެކަންތައްތަކަށް ހުރަސް އަޅަން ވެެގެން މިކަހަލަ ވާހަކަ ވެސް މި ދައްކަނީ،" އޭގެ އިތުރުން މެމްބަރު މުހައްމަދު ވިދާޅުވީ، މާލެ މީހާއަށް ރާއްޖޭގެ އެކި ރަށްތަކުން ބިން ލިބޭ ކަމަށާއި ނަމަވެސް ރާއްޖެ ތެރޭ މީހަކަށް މާލެއަކުން ނުލިބޭ ކަމަށެވެ. އެގޮތުން މުޅި ދިވެހި ރައްޔިތުންގެ މާލިއްޔަތުން ބިމެއް ހިއްކާފައި އެތަން ހަމައެކަނި މާލޭ މީހުންނަށް ނުދެވޭނެކަން ވެސް ފާހަގަ ކުރެއްވި އެވެ. މާލެއަށް ޖެހިފައި އޮތް ހާލަތަކީ ފަލަސްތީނަށް ޖެހިފައި އޮތް ހާލަތުގެ ގޮތުގައި ސިފަ ކުރެއްވުމުން މެމްބަރު މުހައްމަދު ވިދާޅުވީ އެގޮތަށް ސިފަ ކުރުމަކީ މާލޭގެ ރައްޔިތުންގެ "ގަޅި ގަމާރު" ކަން ކަމަށެވެ. "އެމީހުންގެ 200 އަކަފޫޓުގެ ގެއެއްގަ އެއް ކޮޓަރިއެއްގަ އެމީހުން ނިދަނީ ގަޅިވީމަ، ގަމާރުވީމަ. ސިކުނޑީގަ ތެތްކަމެއް ނެތީމަ. ރާއްޖެ ތެރޭ މީހާ ބޮޑު ކޮޓަރީގަ ނިދަނީ ރާއްޖެ ތެރޭ މީހާ ސިކުނޑި ފުރިހަމަވީމަ، ތަނަވަސްވީމަ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ