ދެކުނަށް މޫސުން އިތުރަށް ގޯސްވެ ތިންވަނަފަހަރަށް ރީނދޫ ސަމާލު ދަމަހައްޓައިފި

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެގެން ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ރޭ ދަންވަރު 1:00 އިން ފަށައިގެން ދެކުނުގެ ހަތަރު އަތޮޅަކަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީއެވެ.
މެޓުން މިއަދު ތިންވަނަ ފަހަރަށް މި ސަރަޙައްދަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފައި ވަނީ، ރޭ ފަތިހު 4:00 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް ނެރުނު ސަމާލުގެ ވަގުތު ހަމަވުމުން، މިއަދު ހެނދުނު 8:00 އިން މެންދުރު 12:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިއްޔެ އިން ފަށައިގެން ދެކުނުގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ވާރޭ ވެހެމުންދާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެތަކަށްވެސް ވަނީ ފެން ވަދެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ