އެމްޑީޕީގެ ސަރުކާރު ބަލިކުރެވޭނެ ހަމައެކަނި މަގަކީ ރައްޔިތުން ޑީއާރުޕީއާ ގުޅުން ކަމަށް ތަސްމީނު ވިދާޅުވެއްޖެ

އެމްޑީޕީގެ ސަރުކާރު ބަލިކުރެވޭނެ ހަމައެކަނި މަގަކީ ޑީއާރުޕީއާ ގުޅުން ކަމަށާއި ރައްޔިތުން ޑީއާރުޕީއާ ގުޅުމަށް ޑީއާރުޕީގެ ހޮވިފައިވާ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ އަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީން ފެށި ހަރަކާތުގައި ރަށްރަށުން ގެނައި މެންބަޝިޕް ފޯމްތަކާ ހަވާލުވުމަށް ބޭއްވި ހަފުލާއެއްގައި ތަސްމީނު ވިދާޅުވީ މި ވަގުތަކީ ޑީއާރުޕީ އަށް މެންބަރުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ދަނޑިވަޅެއް ކަމަށެވެ.
"މިހާރު ދައުލަތް ހިންގުމުގެ ބާރާ ހަވާލުވެފައިވާ ސަރުކާރަކީ، އެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ހިތާމައާ އުނދަގުލާ ނިކަމެތިކަން ތަހައްމަލު ކުރަންޖެހިފައިވާ ގޮތަކަށް ހިނގާ ސަރުކާރެއް،" ތަސްމީނު ވިދާޅުވި އެވެ. "ދަންނަވާލަން ބޭނުން ވަނީ ދެން އަންނަ އިންތިހާބެއްގައި އެމްޑީޕީގެ ސަރުކާރު ބަލިކޮށްލެވޭނެ ހަމައެކަނި ޕާޓީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ އެންމެ ހަރުދަނާ އެންމެ ގާބިލު ބޭފުޅުން ތިއްބެވި ޑީއާރުޕީ. ޑީއާރުޕީއާ ގުޅިވަޑައިގަންނަވައިގެން ނޫނިއްޔާ މި ސަރުކާރު ބަލިކޮށްލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަށް ތާއީދުކުރާ ރައްޔިތުނަށް ގޮވައިލަން އޮތީ އެމްޑީޕީގެ ސަރުކާރު ބަލިކޮށްލަން ބޭނުންވާ ކަމަށް ވަންޏާ ޑީއާރުޕީއާ ގުޅިވަޑައިގަންނަވާށޭ."
ޑީއާރްޕީގެ މެންބަރުންގެ އަދަދު 40،000 އަށް އިތުރުކުރަން އެ ޕާޓީން އިއުލާނުކުރީ ޅ. ނައިފަރުގައި މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އިއުލާނު ކުރީ ދެ މަސް ދުވަހުގެ ތެރޭގައި މެންބަރުންގެ އަދަދު 40،000 އަށް އިތުރު ކުރުމަށެވެ.
އެ މަސައްކަތުގައި ރަށްރަށުން ގެނައި މެންބަޝިޕް ފޯމްތައް ޑީއާރުޕީއާ ހަވާލު ކުރުމުގެ ހަފުލާގައި ތަސްމީނު ވިދާޅުވީ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް އިއުލާނު ކުރިއިރު ޕާޓީގައި ތިބީ ގާތްގަނޑަކަށް 30،000 މެންބަރުން ކަމަށާއި ނަމަވެސް ވޭތުވެދިޔަ 15 ވަރަކަށް ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން 40،000 އަށް މެންބަރުން އިތުރު ކުރުމުގެ ބޮޑައެއް ހާސިލު ވެފައިވާ ކަމަށެވެ.
ރަށްރަށުން ޑީއާރުޕީ އަށް ވަނުމަށް އެދި އިއްޔެ މެންދުރު ފަހާ ހަމައަށް 4،000 އަށް ފޯމު ޑީއާރުޕީއާ ހަވާލުކޮށްފައިވާއިރު މިހާރު ވެސް 700 އަށް ވުރެ ގިނަ ފޯމް އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށް ޑީއާރުޕީން ބުންޏެވެ.
ޑީއާރްޕީގެ ރަޖިސްޓްރާ މުހައްމަދު ސަލީމް ވިދާޅުވީ މިހާރު ލިބިފައިވާ ފޯމްތައް އިލެކްޝަން ކޮމިޝަނުން ސާފުވެގެން އަންނައިރު ޑީއާރުޕީގެ މެންބަރުންގެ އަދަދު ގާތްގަނޑަކަށް 35،000 އާ ކައިރިކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ