ރިވައިވަލް ސްޕޯޓްސް ކްލަބާއި ރިވައިވަލް އޭދަފުށިން އިންތިޒާމުކޮށްގެން އޭދަފުށީގައި ކުރިއަށްގެންދާ "ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން" ގެ ސަބަބުން ރާއްޖޭގެ ބެޑްމިންޓަންގެ ފައިދާކުރާ ކަމަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފްގެ ދަރިފުޅު، ލައިބާ އަހުމަދު މަހުލޫފް (އެލީ) ވަނީ، މި ފަހަރުގެ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ވާދަކޮށް، 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ލައިބާ އާއި އިލީނާ އަލީ ޝަފީގުގެ ޕެއާ އިންނެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ، މި މުބާރާތް ބާއްވާ ކޮންމެ ފަހަރެއްގައި ވެސް ލައިބާގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވަމުން އަންނަ ކަަމަށެވެ. އަދި، މުބާރާތުގެ އިންތިޒާމްތަކާއި އޭދަފުށިން ލިބޭ މެހެމާންދާރީ ވަރަށް ފުރިހަމަކަން މަހުލޫފް ފާހަގަކުރެއްވި އެވެ.
"މުބާރާތުގެ ކޮލިޓީ ވެސް ވަރަށް ރަނގަޅު، މިއީ، ރިވައިވަލް ސްޕޯޓްސްގެ ފަރާތުން، ކްލަބްގެ ރައީސް ޒަޔާން އާއި މެނޭޖްމަންޓުން، އަދި، އޭދަފުށީގެ ޓީމު، މިއީ މި ހުރިހާ މީހުންގެ ވަރަށް ބޮޑު އެފަޓަކާ އެކީ، ކުރިއަށްދާ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.
"މިއީ، އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ވެސް ލިބޭ ވަރަށް ބޮޑު ފުރުސަތެއް. އަބަދުވެސް ލުކް ފޯވާޑް ކުރަން. އުންމީދުކުރަނީ މި ތަނުގައި، ވީހާ ވެސް ގިނަ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރުން. މީގަ، ވަރަށް ޓެލެންޓް ހުރި، މާޝާﷲ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް، އެކި ރަށްރަށުން، ނައިފަރު، އައްޑޫ، މާލެ، އޭދަފުށި، މާލެ، މި ހުރިހާ ތާކުން އެބަ ފެނިގެންދޭ. އަޅުގަނޑު އެދެނީ، މި ބޭފުޅުން މި ކުރާ މަސައްކަތަށް އިތުރު ކާމިޔާބީ އަށް،"
މިދިޔަ ސަރުކާރުގެ ކުޅިވަރު ވަޒީރަކަށް ހުންނެވިއިރު، އެކި ރަށްރަށުގައި ބެޑްމިންޓަން ކޯޓުތަކެއް ވެސް އެޅުނު ކަމަށާއި އޭގެ ސަަބަބުން ކުރިއެރުން ވެސް ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެކަމަކު، އޭދަފުށި ކަހަލަ ރަށްތަކަކީ ސަރުކާރުން އެހީއެއް ނުލިބި ވެސް މި ކުޅިވަރަށް ހިދުމަތްތަކެއް ކޮށް ކުރިއެރުން ހޯދި ރަށެއް ކަން މަހުލޫފް ފާހަގަކުރެއްވި އެވެ.
"މިސާލަކަށް އޭދަފުށި މިއީ އަޅުގަނޑުމެންނަށް އެ ސަޕޯޓް ނުދެވި އޮތް ރަށެއް. އެކަމަކު ވެސް މި ރަށުން އޮތް ވަސީލަތް ބޭނުންކޮށްގެން، ކުރިއެެރުން މި ވަނީ ހޯދާފައި. މި ރާއްޖޭގައި މިހާރު ބެޑްމިންޓަންގެ ޓެލަންޓް ވަރަށް ބޮޑަށް އެބަފެނޭ. ހަގީގަތުގައި އިންޑިވިޖުއަލް ސްޕޯޓްސްތައް. މި އިންވެސްޓް ކުރުމުގެ ތެރެއިން، ބެޑްމިންޓަން ވާނެއޭ ވަރަށް ރަނގަޅު ކުޅިވަރަކަށް، ސަރުކާރުގެ ފަރާތުން އިންވެސްޓް ކުރަން ވެސް،" މަހުލޫފް ވިދާޅުވި އެވެ.
ބެޑްމިންޓަން ކޯޓުތައް އެޅުމުގައި މިދިޔަ ސަރުކާރުން ފުރަތަމަ އަހައްމިއްޔަތުކަން ދިނީ ބޮޑު އާބާދީގެ ރަށްރަށުގަ އެވެ. އެ ގޮތުން، ޏ. ފުވައްމުލަކު ސިޓީ އާއި ލާމު އަތޮޅުގައި ބެޑްމިންޓަން ކޯޓު އެޅިގެން ދިޔައިރު، އުންމީދަކީ، ކުޑަކުދިންނަށް އަމާޒުކޮށް، އެ ތަންތަނުގައި ވެސް ބެޑްމިންޓަންގެ މުސްތަގުބަލަށް މުބާރާތްތައް ބޭއްވިގެންދިއުން ކަމަށް މަހުލޫފް ވިދާޅުވެފައިވެ އެވެ.
ރިވައިވަލް އޭދަފުށި މުބާރާތުން ރާއްޖޭގެ ބެޑްމިންޓަނަށް ފައިދާކުރޭ: މަހުލޫފް ރިވައިވަލް އޭދަފުށި މުބާރާތުން ރާއްޖޭގެ ބެޑްމިންޓަނަށް ފައިދާކުރޭ: މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ