މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގައި ފައިސާއެއް ނެތެވެ. އެ ކުންފުނީގެ ގެ މަސްއޫލިއްޔަތުތައް އަދާކުރަން ދަތިވާ މިންވަރަށް މާލީ ހާލަތު ގޯސްވެއްޖެ އެވެ. އަމިއްލައަށް އާމްދަނީ ނުހޯދޭތީ މަސްއޫލިއްޔަތު އަދާކުރަން ވެސް ދުވަން ޖެހެނީ ފިނޭންސް މިނިސްޓްރީ ފަހަތުންނެވެ. ލޯނު ދައްކަން ބަޖެޓު ސަޕޯޓަށް ވެސް ފިނޭންސް ފަހަތުންނެވެ. ގޯހުން ގޯހަށް ގޮސް، ހާލަތު ބަދަލުނުކޮށްފި ނަމަ ދެން ގާތީ އެ ކުންފުނި ވެސް ބަނގުރޫޓުވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން އެމްއައިޓީޑީސީ އާއި އެމްއެމްޕީއާރުސީގެ މާލީ ހާލަތު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުން ދިން އިންޒާރަކީ، ކަންކަން ރަނގަޅުނުކޮށްފި ނަމަ ދެން ގާތީ ބަނގުރޫޓުވުން ކަމެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ހަތަރު އަހަރު ވެސް އެ ކުންފުންޏަށް ފައިދާއެއްނުވެ އެވެ. އެންމެ ފަހުން ސާފު ފައިދާގައި އަހަރެއް ނިންމާލެވުނީ 2020 ގައެވެ.
އެ ރިޕޯޓުގައި ހިމަނާފައިވާ އެމްއެމްޕީއާރުސީގެ މިދިޔަ ހަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓްތަކުން ދައްކާ ގޮތުގައި:
2019ގައި 132.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު
މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 22.3 މިލިއަން ރުފިޔާ؛ މިއީ 2019އާ އަޅާބަލާއިރު %83ގެ ދަށްވުމެއް
އެހެން ނަމަވެސް ޑައިރެކްޓް ކޮސްޓް އާއި ހަރަދުތައް 2019އަށް ވުރެ މިދިޔަ އަހަރު ބޮޑު
2019ގައި އެމްއެމްޕީއާރުސީއަށް 23.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު؛ ނަމަވެސް އެ ކުންފުނިން މިދިޔަ އަހަރު ނިންމާލީ 27.7 މިލިއަން ރުފިޔާ ގެއްލުމުގައި
އެމްއެމްޕީއާރުސީއިން މިހާރު ކުރިއަށްެގެންދާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ތަފްސީލު ވެސް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެ އެވެ.
އެ ތާވަލުން ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަޖެޓުކޮށްފައިވަނީ ލިވަޕޫލްއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީއިން ހިންގާ ކެމްޕޭނަށެވެ. އެއީ 13 މާޗު 2025އިން 13 މެއި 2028ގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.
މި ކެމްޕޭނަށް އެކަނި އެމްއެމްޕީއާރުސީގެ ބަޖެޓުން 20.6 މިލިއަން ރުފިޔާ މިއަހަރު ވަނީ ކަނޑައަޅާފަ އެވެ. އޭގެ އިތުރުން ލިވަޕޫލް ޕާޓްނަޝިޕް ކެމްޕޭންގެ ތެރެއިން ކުރިއަށްގެންދާ 'އޯއޯއެޗު ކެމްޕޭން ވިތު އެކްސައިޓް'އަށް 2.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އެމްއެމްޕީއާރުސީއިން ބޮޑު ހޭދައެއްކުރާ މި ކެމްޕޭނަކީ އާންމުންގެ ސުވާލު އަމާޒުވެފައި އޮތް ކެމްޕޭނެކެވެ. ލިވަޕޫލުން ރާއްޖެ އިޝްތިހާރުކުރަން ކުރާ މާ ބޮޑު މަސައްކަތެއް ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ އެމްއެމްޕީއާރުސީއިން ރާއްޖޭގައި ލިވަޕޫލް އިޝްތިހާރު ކުރާ މަންޒަރު ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން އެ ކެމްޕޭނަށް ވަނީ އަމާޒުވެފަ އެވެ.
ނަމަވެސް ލިވަޕޫލްގެ އިންސްޓަގްރާމް އެކައުންޓުން އެމްއެމްޕީއާރުސީގެ ވިޒިޓް މޯލްޑިވްސް އެކައުންޓު ފޮލޯނުކުރާ ވާހަކަ އާއި ލިވަޕޫލްގެ ވެބްސައިޓުގައި ކުޑަ އިޝްތިހާރެއް ނުޖަހާ ވާހަކައެއް ނޫނެވެ. އަދި އެ ކުލަބުގެ އެންފީލްޑް ދަނޑުގައި ވެސް ރާއްޖެ އިޝްތިހާރުނުކުރާ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބަށް ވިޔަސް، އެ ކެމްޕޭންގެ އަގަށް ހައްގުވާ މިންވަރަކީ އެއީ ހެއްޔެވެ؟
އެމްއެމްޕީއާރުސީގެ ގިއަރިން ރޭޝިއޯތައް ކަމަށްވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯ އާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ވެސް ހުރީ މައިނަސް އަދަދުތަކެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:
ޑެޓް ޓު އިކުއިޓީ: 0.52-
ޑެޓް ޓު ޓޯޓަލް ކެޕިޓަލް: 1.11-
އެކަމުން ކުންފުނި ބަނގުރޫޓުވުމުގެ ނުރައްކާ އޮތްކަން ދައްކައިދޭއިރު، މާލީ ހާލަތު ރަނގަޅުކުރަން ޖެހޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމްއެމްޕީއާރުސީގެ މާލީ ހާލަތު މިދިޔަ ހަ އަހަރުގެ ތެރޭގައި ގޯހުންގޯހަށް ގޮސްފައިވާއިރު، އާމްދަނީއިން ދެކޮޅު ނުޖެހޭތީ އެ ކުންފުނީގެ ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު އަނބުރާ ދައްކަން ވެސް އެދެން ޖެހެނީ ފިނޭންސް މިނިސްޓްރީގަ އެވެ.
ޖުމުލަ 25 މަޝްރޫއު އާއި ޕްރޮގްރާމް ކުރިއަށްގެންދަން އެމްއެމްޕީއާރުސީއިން ބަޖެޓުކޮށްފައިވާއިރު، އެމްއެމްޕީއާރުސީއިން ބުނާ ގޮތުގައި އެ ޕްރޮގްރާމްތައް ކުރިއަށްގެންދަން ދަތިވަނީ ބަޖެޓުކޮށްފައި އޮންނައިރު ވެސް މަހުން މަހަށް ފައިސާ ދޫކުރާ މިންވަރު ދަށްވާތީ އެވެ.
އެއާ އެކު:
ޕްރޮގްރާމްތައް ކުރިއަށްގެންދަން ބޭނުންވާ ފައިސާ އެ ކުންފުނީގައި ނުހުރޭ
ބޭރުގެ ޕީއާރު ފާމްތަކާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކޭތީ އެކި މާކެޓުތަކުގައި ހިންގާ ޕްރޮމޯޝަން މަސައްކަތްތަކުގައި އެ ކުންފުނިތަކުން އެއްބާރުލުން ނުލިބޭ
މީގެ އިތުރުން އެމްޕީއެލްއަށް ދައްކަން ޖެހޭ 85 މިލިއަން ރުފިޔާގެ ލޯނު ވެސް 2022ގެ ތިން ވަނަ ކުއާޓަރުން ފެށިގެން އެމްއެމްޕީއާރުސީއިން ނުދައްކަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ 4.6 ޕަސެންޓެވެ. އަދި އަނބުރާ ދައްކަން ދިނީ 15 އަހަރެވެ.
ނަމަވެސް އެ ލޯނުން އަދި މިހާތަނަށް 78.6 މިލިއަން ރުފިޔާ އޮތީ ނުދައްކަ އެވެ.
މި ލޯނު ދައްކަން ބަޖެޓު ހަމަޖައްސައިދޭން ވެސް އެމްއެމްޕީއާރުސީއިން ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ. ޕްރޮގްރާމް ހިންގުމަށާއި ލޯނު ދައްކަން ސަރުކާރަށް ބަރޯސާވާންޖެހޭތީ އެކަން ބަދަލުކޮށް، އަމިއްލަ ފުދުންތެރި ކުންފުންޏަކަށް ހެދުމަށްޓަކައި އާމްދަނި އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކޮމިޓީ ރިޕޯޓުގައި މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ މާލީ ހާލަތު ރަނގަޅުކުރަން އެ ކުންފުނިން އަމިއްލައަށް ވެސް ބައެއް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ކުރިއަށް އިތުރު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެކަން ރަނގަޅުކުރަން މިހާރު ކުރަމުން އަންނަ ކަންތައްތަކާއި ކުރަން ރާވާފައިވާ ކަންތައްތަކަކީ:
މެމްބަޝިޕް ފީ ބޮޑުކޮށް، އެޑް ވިއްކަން ފެށުމުން އާމްދަނީ 10 - 20 ޕަސެންޓު އިތުރުވި
ފެއާ އާއި ރޯޑްޝޯގެ ޕާޓިސިޕޭޝަން ފީ ބޮޑުކޮށްގެން މިއަހަރު ޖުމްލަ އާމްދަނީ 49 ޕަސެންޓު އިތުރުވާނެ ކަމަށް ލަފާކުރޭ
ކުންފުނީގެ 2 ގުދަނުން 1 ގުދަން ދޫކޮށްލައި، ކުއްޔަށް ކުރާ ހޭދައިން 40،000 ކުޑަކުރި
ޕްރޮމޯޝަން މެޓީރިއަލް ޕްރިންޓުކުރުން މަދުކުރުމާއި ފެއާ ނުވަތަ އިވެންޓު އޮންނަ ގައުމަކުން ޕްރިންޓުކުރަން ފެށުން؛ މިދިޔަ އަހަރާ އަޅާބަލާއިރު ޕްރިންޓިން ހަރަދުން 3.7 މިލިއަން އަދި ޝިޕިންގެ ހަރަދުން 1.5 މިލިއަން ކުޑަކުރެވުނު
މާކެޓިން ކެމްޕޭންތައް ޖޮއިންޓް މާކެޓިން ހަރަކާތްތަކުގެ ގޮތުގައި ކުރިއަށް ގެންދިއުމުން އެކަމަށް ކުރާ ހޭދައިން %25 - %30 ކުޑަވާނެ ކަމަށް ލަފާކުރޭ؛ މިހާރު މިފަދަ 12 ކެމްޕޭން ކުރިއަށްގެންދާއިރު، އިތުރު ކެމްޕޭންތައް ފަށަން ވަނީ ހަމަޖެހިފައި
ޓޫރިޒަމް ފެއާތަކުން ނަގާ ޖާގަ ކުޑަކޮށްގެން 5 - 10 ޕަސެންޓުގެ އަދަދަކަށް ހަރަދު ކުޑަކުރި
ޓޫރިޒަމްގެ ބޮޑެތި ފެއާތައް ފިޔަވާ އެހެން ފެއާތަކުގައި ބައިވެރިނުވުން؛ މުހިންމު މާކެޓުތަކަށް ރޯޑްޝޯ ބޭއްވުން (މިއަހަރު މިފަދަ 17 ރޯޑްޝޯ ކުރިއަށްގެންދާނެ)
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމެޓީ ރިޕޯޓު ހުށަހަޅަން ތާވަލުކޮށްފައިވީ ނަމަވެސް، ޖަލްސާ ނިންމާލިއިރު އެ ރިޕޯޓު ހުށަހަޅާފައެއްނުވެ އެވެ.
އެމްއެމްޕީއާރުސީ 27 މިލިއަން ރުފިޔާގެ ގެއްލުމުގައި؛ ބަނގުރޫޓު ވެދާނެކަމުގެ އިންޒާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ