އެއާޕޯޓު ޑިއުޓީ ފްރީގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގެ ކުރިން ފޯނުތައް ލޮކަރަށް ލާން އަންގައިފި އެއާޕޯޓު ޑިއުޓީ ފްރީގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގެ ކުރިން ފޯނުތައް ލޮކަރަށް ލާން އަންގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގެ މުވައްޒަފުން، ވަޒީފާއަށް ނުކުންނައިރު ފޯނު ގެނައުން މަނާކޮށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މުވައްޒަފުންނަށް ނޯޓިސް އެއް ފޮނުވައިފި އެވެ.
އެމްއޭސީއެލް އިން ފޮނުވާފައިވާ ނޯޓިސް ގައި ބުނެފައިވަނީ މިއަދުން ފެށިގެން ޑިއުޓީ ފްރީގެ ސޭލްސް ސްޓާފުން ޑިއުޓީ ގަޑީގައި ފޯނު ބާއްވަން ޖެހޭނީ ލޮކަރުގައި ކަމަށެވެ. ފޯނު ބޭނުން ކުރެވޭނީ ހަމައެކަނި ބްރޭކް ގަޑީގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ މިއީ މުވައްޒަފުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑު ހިފެހެއްޓުމަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. މިކަމާ ގުޅިގެން ޑިއުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން، ޑިއުޓީގައި ހުންނަ ގަޑީގައި ފޯނު ނެތުމުން އާއިލާ ގެ ހާލު ބެލުމަށާއި ދަރިންގެ ހާލު ބެލުމަށް ދަތިތައް ކުރިމަތިވާނެ ކަމަށާއި މިއީ އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ. އެ މީހުން މި ޝުއޫރުތައް ފާޅުކޮށްފައިވަނީ ޑިއުޓީ ފްރީ މުވައްޒަފުންގެ ވައިބާ ކޮމިއުނިޓީ ގްރޫޕެއްގަ އެވެ.
ބައެއް މުވައްޒަފުން ވަނީ މިފަދަ ދަތިކަމެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ، އުސޫލު ބަދަލު ނުކުރާހާ ހިނދަކު ދެކޮޅަށް އަޑުއުފުލާނެ ކަމަށް ބުނެފަ އެވެ.
އެމްއޭސީއެލް ގައި އެތައް ހާސް މުވައްޒަފުން މަސައްކަތް ކުރާއިރު ޑިއުޓީ ފްރީ ފިހާރަތަކުގައި އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރެ އެވެ. ޑިއުޓީ މުވައްޒަފުންގެ ކޮމިއުނިޓީ ގްރޫޕުގައި އެކަނި ވެސް 300 އަށްވުރެ ގިނަ މުވައްޒަފުން ތިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ